A wide advertisement which will be shown on all devices. (700 x 100)

ވަތަނީ ފިކުރު: މީކޮން އަވަށެއްގެ ވާހަކައެއް!

ފުވައްމުލައް އުފެދިފައިވަނީ އެއް އަތޮޅެއްގެ މައްޗަށެވެ. އެއް ރަށެއްގެ މައްޗަށެވެ. އަވަށް ތަކެއްގެ މައްޗަށެވެ. އެއީ ކުރިން ނުވަ އަވަށެވެ. މިހާރު އަށް އަވަށެވެ. އަދި މިހާރު އެއީ “މޮޑަން” ވެގެން އަންނަ ސިޓީއެކެވެ. މިހެން ކަމުން މިފަދަ ސިޓީއެއްގެ ކަންތައްތައް ނިންމުމަށާއި ތަސައްވަރު ކުރަހައި އެކުލަވާލުމަށް ވަކި އަވަށަކުން ވަކި އާއިލާއަކަށް އަދި ވަކި ޖިންސެއްގެ މީހަކު ބޭނުމެއް ނުވެއެވެ. ބޭނުންވަނީ މޮޑަން ސިޓީއެއްގެ ސިފަ ގެނެވޭ ފަދަ ތަޖުރިބާ ހުރި ގާބިލް ނަޒާހަތްތެރި ފަރާތްތަކެވެ. ނަމަވެސް އެއްކަލަ ސިޔާސީ އެޖެންޑާ ނެރެ ތިމާ ބޭނުންވާ މީހާ ހޮވެނީ ކިހިނެތްތޯ ބަލައި، ރައްޔިތުންގެ ބޮލަށް ސަވާރުވެ، މަސައްކަތް ފަށައިފިއެވެ. 500 ރުފިޔާ އަށް ތިމާގެ އަމިއްލަ ނަފްސު ވިއްކާ ބައެއްގެ ބޮލަށް ސަވާރުވެ ކޮންމެ ކަމެއް ކުރުވަފާނެކަން މިހާރު މިދަނީ ފެންނަމުންނެވެ. ނަމަވެސް ގިނަ ރައްޔިތުންނަކީ އެފަދަ ބައެއް ނޫނެވެ.

ފުވައްމުލަކުގައި އަވަށުގެ ވާދަ އެންމެ ބޮޑުވެފައިވަނީ ދޫނޑިގަން އަވަށުގައެވެ. މިހެންކަމުން ދޫނޑިގަން އަވަށަށް އަވަށު މީހާ މުހިންމު ވެގެން މިއުޅޭނީ ކިހިނެތްތޯ ބަލާލަން އެބަޖެއެވެ. ސިޓީ ކައުންސިލްގެ ދެކުނު ދާއިރާގެ ގޮނޑި އަކީ ފުނާޑު އަދި ދޫނޑިގަން އަވަށުގެ ގޮނޑިއެވެ. އާބާދީ ގޮތުން ބަލާއިރު ފުނާޑަށްވުރެ އެތައް ވޯޓެއް ދޫނޑިގަމުގައި ގިނައެވެ. މިއީ ހަމައެކަނި ސިޓީ ކައުންސިލްގެ ވޯޓާ ބެހޭ ގޮތެއް ނޫނެވެ. ރައްޔިތުން މަޖިލީހުގެ ވޯޓްވެސް އޮންނަނީ މިހެންނެވެ. މިހެންކަމުން ދޫނޑިގަން އަވަށަށް ނިސްބަތްވާ ކެންޑިޑޭޓަށް ދޫނޑިގަމުން ފުލްކޮށް ވޯޓް ދީފިނަމަ ދޫނޑިގަން ކެންޑިޑޭޓް ހޮވޭނެއެވެ. ނަމަވެސް މިއީ އަވަށު އިންތިޚާބެއް ނޫނެވެ. މިއީ ޕާޓީ ތަކުން ކެންޑިޑޭޓުން ނެރެގެން ބާއްވާ އިންތިޚާބެއްކަމުން ގިނަބަޔަކު ޕާޓީގެ ކޮޅަށް ބުރަވެއެވެ. ދޫނޑިގަން އަވަށުގެ މީހުން އެހާވަރަށް އަވަށު މީހާ ގޮނޑީގައި ބައިންދަން ބޭނުންނަމަ ރައީސް ކަމުގެ މަގާމުން ފެށިގެން ރައްޔިތުން މަޖިލީސް އަދި ކައުންސިލް ތަކުގެ ގޮނޑީގައިވެސް ދޫނޑިގަމަށް ނިސްބަތްވާ މީހުން ބައިތިއްބަން ފުރުސަތު ލިބުނެވެ. އޭރު އަވަށު މީހާ ބަހައްޓައިގެން ތަރައްގީ ބޭނުން ނުވަނީ ތޯއެވެ.

ފުވައްމުލަކު ފަޙްރު ކަމުގައި އޭރު ބެލެވުނު “އަފުންގެ ނާއިބް ރައީސް، ދޫނޑިގަމް ނާއިބް ރައީސް” ސަރުކާރުން ބޭރު ކުރުމުންވެސް ދޫނޑިގަން ގިނަބަޔަކު އުފާކުރިއެވެ. ދެން އޮތީ މާޒީއަށް ބަލާލުމެވެ. ދޫނޑިގަމަށް ނިސްބަތްވާ މަޝްހޫރު ގާނޫނީ ވަކީލް ނާސިރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުން ދޫނޑިގަން ގިނަބަޔަކު ބުނީ ނޫނެކެވެ. އަދި ހަމަ އެއާއިލާއަތް ނިސްބަތްވާ މިސަރުކާރުގެ ޒުވާނުންގެ އުންމީދުކަމުގައިވި ކުރީގެ މިނިސްޓަރ މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމުންވެސް ދޫނޑިގަމުން ބުނީ ނޫނެކެވެ. މަގިވަޑޮދޮރު އަބްދުﷲ ނާފިޒް އާއި ނިއުސަން މުހައްމަދު ސައީދު ކުރިމަތިލުމުންވެސް ދޫނޑިގަމުން ބުނީ މަޖިލީހުގައި ބަހައްޓާނީ މަސީހް ކަމަށެވެ. އަތޮޅު ކައުންސިލަށް މަލްގަނޑިގޭ އިބްރާހިމް އަހްމަދާއި އަބްދުﷲ އިބްރާހިމް (ކަޅޮފެހި) ކުރިމަތި ލުމުންވެސް ބުނީ ހޮވަން ބޭނުން ނޫންކަމަށެވެ.

މިހެންކަމުން މިއަދު ކުއްލި އަކަށް އަވަށު މީހާ ހޮވަންޖެހެއޭ ބުނެ ޒާތެއްގެ ކެމްޕެއިނެއް ފެއްޓީމައި އެކަމުގެ އަސްލާއި މެދު ޝައްކު އުފެދެއެވެ. ސިޓީ ކައުންސިލެއް ތަމްސީލް ކުރަނީ އަވަށެއް ނޫނެވެ. ދާއިރާ އެއް ނޫނެވެ. މުޅި ފުވައްމުލަކެވެ. ސިޓީ ކައުންސިލެއްގައި ކުރަހައި ކުލަ ޖައްސައި ހިދުމަތްދެނީ ވަކި އަވަށެއްގެ ރައްޔިތަކަށް ނޫނެވެ. ވަކި ދާއިރާއަކަށް ނޫނެވެ. މުޅި ފުވައްމުލަކަށެވެ. މިހެންކަމުން ކީއްކުރާ އަވަށު މީހެއްތޯއެވެ. ލޯކަލް ކައުންސިލަށް އަވަށު މީހުން އިންތިހާބުކޮށްގެން ތަރައްގީ ވާނަމަ ފުވައްމުލަކު އަށް އަވަށްއޮންނީ ތަރައްގީ ވެފައެވެ. ވޭތުވެދިޔަ ދެ ދައުރުގައި ހުރިހާ އަވަށްތަކެއްގެ ކައުންސިލްގައި ތިއްބެވީ އެއަވަށަކަށް ނިސްބަތްވާ ބޭފުޅުންނެވެ. މިހެންކަމުން އަވަށު މީހުން ހޮވައިގެންވި ވަކި މޮޅެއް އެބައޮތްތޯއެވެ.

ކުޅިވަރުގެ މައިދާނުގައިވެސް ފުވައްމުލަކު ގިނައަވަށްތަކަކުން ތަމްސީލްކުރަނީ ހަމައެކަނި އެވަށު މީހުން ހޮވައިގެނެއްނޫނެވެ. ހުރިހާ އަވަށެއްގެ މީހުންނާއި އެކުއެވެ. މިހެންކަމުން ވަކި އިންތިހާބަކާއި ދިމާކޮށް ކޮން އަވަށެއްތޯއެވެ. މިހާވަރުން އަވަށުން ކެންޑިޑޭޓުން ނެރޭނަމަ ދަށުކުބައިންވެސް ކެންޑިޑޭޓުން ނެރެން ޖެހޭނެއެވެ. އަވަށު މީހަކު ސިޓީ ކައުންސިލްގައި ބައިންދަން ބޭނުންނަމަހީ މަޖިލީހުގެ ބޮޑު މެޖޯރިޓީއިން ނިންމާ ގާނޫނުގައި ލިޔާނީ ސިޓީ ކައުންސިލަށް އިންތިހާބުކުރާނީ ކޮންމެ އަވަށަކުން ބޭފުޅެކެވެ. މިހެންކަމުން މިއީ އަވަށުގެ ވޯޓެއް ނޫނެވެ. އޮޅުވާ ނުލައްވާށެވެ. މިއީ ފުވައްމުލައް މޮޑަން ސިޓީއަކަށް ހެދުމަށް ނަގާ ވޯޓެކެވެ. މިސިޓީގެ ކައުންސިލަށް ބޭނުންވަނީ އަވަށުގެ ބައެއް ނޫނެވެ. ފުވައްމުލަކުގެ ބައެކެވެ. ހަމައެކަނި ސޯޝަލް މީޑިއާއިން ކައުންސިލް ހިންގާނެ ބައެއް ނޫނެވެ. ފުވައްމުލަކު ސިޓީ ކައުންސިލަށް ބޭނުންވަނީ ނަތީޖާ ނެރެފައިވާ ގާބިލް އިލްމީ ތަޖުރިބާ ހުރި ބޭފުޅުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !