A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު މަގުތަކުގެ ހާލަތު، އެނގޭނީ އެ މަގުތަކުން ދަތުރުކުރާ ބަޔަކަށް !!

ފުވައްމުލަކު، އޯކިޑްމަގުގައި ފެންބޮޑުވެފައި..

ފުވައްމުލަކުގެ މަގުތަކުގެ ހާލަތު, ފުވައްމުލަކުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ވަރަށް ސާފުކޮށް އެނގޭނެއެވެ. ވިއްސާރަ ދުވަސްވަރެއްގައި ނަމަ މަގުތަކުގައި އޮންނަނީ ފެންގަނޑު ހެދި ޗަކަވެ، “އޮއްވަޅު ގޮނޑި” ހެދިފައެވެ

މި މަގުތަކުގައި ދަތުރުފަތުރު ކުރުމެކޭ ގަދަ ކަނޑެއްގައި ދަތުރުކުރުމެކޭ އެއްފަދަ ކަމެކޭ ބުނިކަމުގައި ވިޔަސް ދޮގަކަށް ނުވާނެކަން ކަށަވަރެވެ.

ޤަބޫލްކުރަން ޖެހޭ ހަޤީގަތަކީ މިރާއްޖޭގައި އުފެދުނު ސަރުކާރުތަކުން، ވަނީ މިކަމާއި މެދު އިހްމާލްވެފައި ކަމެވެ. ބޮޑު އާބާދިއެއް އޮތް ފުވައްމުލަކުގެ މަގުތަކުގައި ގިނަ އަދަދެއްގެ އިންޖީނުލީ ވެހިކަލްތައް ދުއްވަމުން ގެންދެއެވެ. ނަމަވެސް މަގުތަކުގެ ހާލަތު ހުރި ގޮތުން، އަބަދުމެ ވެހިކަލްތައް ގާރަޖަށް ގެންގޮސް މަރާމަތު ކުރަންޖެހެއެވެ.

ނަމަވެސް ގަވާއިދުން މި ވެހިކަލްތަކަށް ސަރުކާރަށް ފީ ދައްކަންޖެހެއެވެ. ފީ ނުދައްކައިފި ނަމަވެސް ބޮޑު އަދަދުތަކުން ޖޫރިމަނާތައްކޮށް ރައްޔިތުން ހަފުސްކޮއްލައެވެ.

ރައްޔިތުންގެ އަތުން މި ނަގާ ފީގެ އެއްވެސް މަންފާއެއް، ފުވައްމަލަކަށް ނުވަތަ ރާއްޖެތެރެއަކަށް ނުކުރެއެވެ. ރާއްޖެތެރޭގައި ދުއްވާ ވެހިކަލްތަކުން ނަގާ ފީވެސް ބޭނުންކުރަނީ ވެރިކަން ކުރާ މާލޭގެ މަގުތައް ހަދަން ކަމަށް ގިނަ ފަރާތް ތަކަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ކޮންމެއަކަސް ފުވައްމުލަކު އުތުރު ދާއިރާގެ މަޖްލިސް މެމްބަރ އަލީ ޝާޙް ވަނީ، މަޖްލިސް ކެމްޕެއިން ތެރޭގައި އާއި އިންތިހާބު ވުމަށްފަހު މަޖްލީސް ތެރޭގައި، އެކި އެކި ފަހަރު މަތިން ފުވައްމުލަކުގެ މަގުތަކުގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. ޝާހު ވިދާޅުވާގޮތުގައި ފުވައްމުލަކުގެ މަގުތަކުގެ ހާލަތު، އެ މަގުތަކުން ދަތުރުކުރި މީހެއްގެ ހައިސިއްޔަތުން، ވަރަށް ރަނގަޅަށް އިނގޭ ކަމަށެވެ. އަދި މުޅި ރާއްޖެއަށް ބަލާލިޔަސް އެންމެ ހާލަތު ދަށީ ފުވައްމުލަކުގެ މަގުތަކުގައި ކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.

މަގުތަކުގެ މި ހާލަތު ރަނގަޅު ކުރުމަށް ސަރުކާރު ތެރެއިންނާއި މަޖްލީސް ތެރެއިން، މި މަގުތަކުގެ ހާލަތު އެންމެ ރަނގަޅަށް އިނގޭ އެއްބޭފުޅެއްގެ ހައިސިއްޔަތުން ޝާހު މަސައްކަތް ކޮއްދެއްވާނެ ކަމާއިމެދު ޝައްކެއް ނުކުރަމެވެ.

އުއްމީދަކީ ޝާހުގެ އިޙްލާސްތެރި މަސައްކަތުގެ ސަބަބުން، ފުވައްމުލަކުގެ މަގުތަކުގެ ހާލަތު ރަނގަޅުވެގެން ދިއުމެވެ. އުއްމީދަކީ ސަރުކާރުން މާލޭގެ އަމީނީ މަގުގައި ފެންބޮޑުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހައްލުތަކެއް ގެންނަން ސަރުކާރުން މަސައްކަތްކުރާ ފަދައިން، ފުވައްމުލައް ފަދަ ރާއްޖެތެރޭގެ ރަށްތަކުގެ މަގުތަކުގެ ހާލަތުވެސް ސަރުކާރުން ގާތުން ބަލައި، އެ މަގުތަކުގެ ހާލަތު ރަނގަޅު ކޮއްދިނުމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !