A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: ފުވައްމުލަކު އުތުރު ދާއިރާ ތަމްސީލުނުވެ 30 ދުވަސްވެގެން ދާއިރު

ޑިމޮކްރަސީގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައިވާ އިރު އެރައްޔިތުން ތަމްސީލުކުރުމަށް ހޮވާފައިވާ މެމްބަރަކު ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ބަދަލުގައި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އާމެމްބަރަކުު އައްޔަންވާންޖެހެއެވެ. އެހެން ނޫންކަމަށްވާނަމަ ޑިމޮކްރަސީގެ އަސްލު ބާރުވެރިންގެ ބާރުން ބަޔެއް ނިގުޅައިގަނެވިފައިވާ ކަމަށް ބެލުމުގެ ފުރުސަތު އޮވެދާނެއެވެ. 

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި، އެ ގޮނޑިއަށް މީހަކު އިންތިޚާބު ކުރަން ޖެހޭނެ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ ށ. ބުނާ ގޮތުން ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާންކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ޖެހޭނެ އެވެ. އެގޮތަށް ބައި އިލެކްޝަން އިއުލާން ކުރާއިރު އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 13 ވަނަ މާއްދާގެ ށ. ގައި ބުނާ ހުރިހާ މައުލޫމާތެއް ވެސް އެ އިއުލާނުގައި ހިމަނަން ޖެހެ އެވެ. އޭގެ ތެރޭގައި އެ އިންތިޚާބެއް ބާއްވާނެ ތާރީޚު ވެސް ހިމެނެ އެވެ.

 

ފުވައްމުލަކު ތަމްސީލުކުރުމަށް ތިން މެމްބަރުން ހޮވިނަމަވެސް، މިދިޔަ އޮކްޓޫބަރ މަހު 31 ވަނަ ދުވަހު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރުގެ ގޮޑި ގެއްލިއްޖެކަމަށް އީސީ (އިލެކްޝަންސް ކޮމިޝަނުން) ނިންމިއެވެ. މިނިންމުމަށް 30 ދުވަސްވެގެންދާއިރު އަދި އެދާއިރާ ތަމްސީލުކުރުމަށް މެމްބަރަކު ހޮވުމަށް އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. އެއީވެސް ދިވެހި ރައްޔިތުންނެވެ. އެރައްޔިތުންގެ ފަރާތުން ހޮވާ މެމްބަރަކު ނެތި ބޮޑެތި ނިންމުންތަކެއް ނިންމަން މިދަނީ ތައްޔާރީވަމުންނެވެ. އޭގެތެރޭގައި އަންނަ އަހަރުގެ ބަޖެޓާއި ޗައިނާއިއެކު ފްރީޓްރޭޑް އެގްރީމަންޓަކަށް ދިއުން ފަދަ މުހިންމު ނިންމުންތަކާއި މެދު ގޮތެއް ނިންމާނެއެވެ. އެފަދަ ކަންތައްތަކެއް ނިމިގެންދާއިރު އެދާއިރާއަށް މިއޮތީ އިހުމާލެވެފައެވެ. 

މިއީ ހަމައެކަނި ފުވައްމުލަކު އުތުރު ދާއިރާ އަށް ދިމާވެފައިވާ މައްސަލައެއްނޫނެވެ. މަޖިލީހުގެ 10 މެމްބަރެއްގެ ގޮޑިމިވަނީ ގެއްލިފައެވެ. އިތުރު ދެމެމްބަރެއްގެ ގޮޑި މިވަނީ ގާތްގަޑަކަށް ގެއްލިފައެވެ. އަދި އިތުރު 12 މެމްބަރެއް އެއްފަހަރާ ކްރިމިނަލް ކޯޓަށް މިވަނީ ހާޒިރުކޮށްފައެވެ. އެހެންކަމުން މިދެޑަޒަން މެމްބަރުންނާއިއެކު 24 މެމްބަރެއްގެ ގޮޑިވެސް ގެއްލިދާނެއެވެ. ދިވެހި ރައްޔިތުންގެ މަޖިލީހުގެ ކުރު މާޒީއަށް ބަލާކަމުގައިވާނަމަ އަހަރެއްގެ ތެރޭގައި މިހާގިނަ އަދަދަކަށް މެމްބަރުންގެ ގޮޑި ގެއްލުނު ފުރަތަމަ ފަހަރުކަމަށް މިފަހަރު ވެގެން ހިގައިދާނެއެވެ. އަދި ދުނިޔޭގެ ތާރީޚުގައިވެސް މިއީ ފާހަގަކުރެވޭ ކަމަކަށްވުންވެސް އެކަށީގެންވެއެވެ. މިއީ އެހާ ކުޑަ ކަމެއްނޫނެވެ. މިއީ ގައުމީ މައްސަލައެކެވެ. 

ނަމަވެސް، އިންތިޚާބެއް ބާއްވަން އުޅޭކަމުގެ ހިލަމެއްވެސް ނުވެއެވެ. ބުނަމުންދާހާވެސް ވާހަކައަކީ އިދާރީ ކަންކަން ނިމުމާ އެކު ބައި އިލެކްޝަން އިއުލާން ކުރާނެ ކަމަށެވެ. ސަޕްލިމަންޓް ބަޖެޓް ފާސްކުރުމަށްޓަކައި ބަޖެޓް ނެތްވާހަކަ ދެކެވުނެވެ. ފާސްވެއްޖެއެވެ. ކުރިއަށްދާކަމުގެ ހިލަމެއްވެސް ނުވެއެވެ. އަދިވެސް އިތުރު މެމްބަރުންތަކެއްގެ ގޮޑި ގެއްލޭނެކަން އެގޭތީ އެހުރިހާ ގޮޑިއެއް ގެއްލުމުން ހުރިހާ ބައިއިލެކްޝަންސްތައް އެއްފަހަރާ ބޭއްވުމުގެ މަގްސަދުގައި މަޑުޖައްސާލީ ކަމަށްވެދާނެއެވެ. މިކަމުގެ ސަބަބުން ޚަރަދު ކުޑަކުރެވިދާނެއެވެ. ނަމަވެސް، ރައްޔިތުން އިންތިޚާބު ކޮށްފައިތިބޭ ރައްޔިތުންގެ ފަރާތުން ކަންތައްތައް ނިންމާ މަންދޫބުންނާއި ނުލާ ގިނަ ކަންތައްތަކެއް ފާސްވެގެންދާއިރު އެރައްޔިތުންގެ ހައްގާއި އެރައްޔިތުންގެ ބާރުވެރިކަމާއިމެދު ސުވާލު އުފެދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !