A wide advertisement which will be shown on all devices. (700 x 100)

މިސްކިތްތަކުގެ ޒިންމާ ނަގަންޖެހެނީ ކޮންބައެއް

މިސްކިތްތަކުގެ ކަންތައްތައް ބަލަހައްޓާ އެކަމުގެ ޒިންމާ ނަގަންޖެހެނީ ކޮންބައެއް ކަމާއި މެދު މިއަދު ސުވާލުއުފެދިއްޖެއެވެ. މިއަދު ފުވައްމުލަކު އެއް އަވަށް ފިޔަވައި އެހެން އަވަށްތަކެއްގައި ހުކުރު ނުކުރާނެކަމަށް ނޫސްތަކުން ހަބަރުފެތުރުމާއި އެކު ބައެއް މީހުން އެކަން ސިޔާސީކޮށްފައިވެއެވެ. އަދި އިސްލާމިކް މިނިސްޓްރީއިން ކަމުގެ ހަގީގަތް ނުބަލައި އެތައް ވާހަކަތައް ދެއްކުމުން ފުވައްމުލަކުގެ ގިނަ ރައްޔިތުންނަށް ގިނަބައެއްގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާންޖެހުނެވެ. ނަމަވެސް މިއަދު ފުވައްމުލަކުގައި ހުކުރު ކުރަމުން އައި ހުރިހާ މިސްކިތެއްގައި ހުކުރު ކޮށްފައިވެއެވެ. އެއީ ކައުންސިލްތަކުން ހުކުރު ނުކުރާނެކަމަށް ބުނުމުން ފުލުހުން މެދުވެރިކޮށް ހުކުރު ހަމަޖެއްސީއެއްނޫނެވެ. އަދި އެއީ އިސްލާމިކް މިނިސްޓްރީ އިންވެސް ހުކުރު ކުރާނެ ބަޔަކު ހޯދައި ހުކުރު ހަމަޖެއްސީއެއް ނޫނެވެ.

ރޭ ފަތުއަޑުކިޔާފައި ފެތުރިގެން ދިޔައީ ފުވައްމުލަކު ދަޑިމަގު ކައުންސިލް ފިޔަވައި އެއްވެސް ކައުންސިލަކުން ހުކުރު ނުކުރުވާނެ ވާހަކައެއެވެ. ނަމަވެސް އެއީ ކަޑައެޅިގެން ދޮގު ހަބަރެއް ކަމަށް އެހެން ކައުންސިލްތަކުން ބުނެފައިވެއެވެ. އަދި އެއީ އެކައުންސިލްތަކުގެ އަގުވައްޓާލުމަށް ބަޔަކު ހިންގި ބޮޑު ޖަރީމާއެއްކަމަށް އެކައުންސިލް ތަކުން ބުނެފައިވެއެވެ. ކައުންސިލްތަކުން ކުރިން ބުނެފައިވަނީ ހުކުރު ކުރުމަށް އިމާމުން ހަމަޖެއްސުމާއި އަދި މިސްކިތްތަކުގެ ކަންތައްތައް ބެލެހެއްޓުން ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން ކައުންސިލްތަކުން އެޒިންމާތައް ނަގާފައިވާ ކަމާއި އިސްލާމިކް މިނިސްޓްރީގެ ދަށަށް އެހުރިހާ ޒިންމާތަކެއް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން ހުކުރު ކުރުމާއި ހުކުރު ނުކުރުމާއި ކައުންސިލާއި ގުޅުވާ ނުލެވޭނެކަމަށެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ ޒިންމާއެއްކަމަށެވެ.

“އިސްލާމިކް މިނިސްޓްރީ އިން މިހާދުވަސްވީއިރު އެކަމުގެ ޒިންމާއެއް ނުނަގާތީ އެހެންކަމުން ކައުންސިލްތަކުގެ މުވައްޒަފުން އެކަން ކުރުމުން ދިޔައީ، ހަގީގަތުގައި އެއީ އިސްލާމިކް މިނިސްޓްރީއިން ކުރަންޖެހޭ ކަމެއް، އެކަންނުކޮށް ކައުންސިލްތައް ބަދުނާމުވާގޮތަށް އެބޭފުޅުން ވާހަކަ ދެއްކުމުން އެއީ ޒިންމާދާރުކަން ކުޑަގޮތެއް” ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.

މިސްކިތްމަގު ކައުންސިލްގެ ރައީސް މުހައްމަދު ޟިރާރު ވިދާޅުވީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށްބުނެ ގާނޫނަށް ގެނައި އިސްލާހާއި އެކު 13 އެޕްރީލް 2014 ވަނަ ދުވަހު ގެޒެޓްކުރި ގާނޫނު ބުނެފައިވަނީ ގެޒެޓްކުރާތާ ތިން މަސް ފަހުން އެގާނޫނަށް އަމަލު ކުރުމަށް ކަމަށެވެ.

“ގާނޫނުގައި އެބުނާ ތިންމަސް ހަމަވަނީ އޯގަސްޓް 2014 އަށް އެހެން ކަމުން ގާނޫނީ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި މިސްކިތްތަކާއި ނަމާދުގެ ތައް ހުންނަންޖެހޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދަށުގައި، މިއަދު މިއީ 2016، ކޮބާތޯ ގާނޫނު ތަންފީޒް ކުރަން ނިކުންނަ ޕޮލިސް ފޯސް، ބަޔަކު ފެއިލް ވުމަކީ އަތޮޅު ތަކުގެ ރައްޔިތުން ގުރުބާން ކުރަންޖެހޭ ކަމެއް ނޫން، ގާނޫން ތަންފީޒް ނުކުރެވި މިހެންވީމަ ދެން ހަމަ އިސްތިއުފާ ދެއްވުން އެންމެ ރަނގަޅީ” ލިރާރު ވިދާޅުވިއެވެ.

ފުވައްމުލަކު އެހެން ކައުންސިލަކުން ބުނިގޮތުގައި އިސްލާމިކް މިނިސްޓްރީގެ ދަށަށް މިސްކިތްތައް ބަދަލުކުރުމުން ނިންމަންޖެހޭ ގިނަ ކަންތައްތަކެއް ނުނިމި އެބަހުރިކަމަށާއި އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން މުވައްޒަފުންގެ ކަންތައްތަކާއި މިސްކިތް ފޮޅާ ސާފުކުރުމަށް ތަކެތި ހޯދުން ފަދަ ކަންތައްތައް ހިމެނޭކަމަށެވެ.

ދިގުވާނޑު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހުކުރު ނަމާދު ނުކުރުމަށް ކައުންސިލްތަކުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެންމެ ރަގަޅު ވާހަކަތަކެއް ނޫންކަމަށެވެ. މިސްކިތްތަކާއި މިސްކިތްތަކުގެ މުވައްޒަފުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުވުމާއި ގުޅިގެން މިނިސްޓްރީއިން ކުރަންޖެހޭ ބައެއް މަސައްކަތްތަކެއް ނުކޮށް ތިބުމުގެ ސަބަބުން ދިމާވީ މައްސަލާގައި ކައުންސިލްތައް ބަދުނާމްކުރުން އެންމެ ރަނގަޅުނޫންކަމަށެވެ.

“މިނިސްޓްރީ އިން ހުކުރު ހަމަނުޖައްސަވާކަން އެގުމުން ހުކުރު ކުރެވޭނެ އިންތިޒާމް ކައުންސިލުންވަނީ ހަމަޖައްސާފައި އަދިވެސް މިނިސްޓްރީގެ އެއްބާރުލެއްވުން ނުލިބިއްޖެނަމަ މުވައްޒަފުންގެ މުސާރައިގެ ކަންތައްތައް ހަމަޖައްސާނެ ގޮތެއްނެތް” ދިގުވާނޑު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިސްކިތުގެ ކަންތައްތައް މިގޮތަށް ދިމާވެފައިވާ ދަނޑިވަޅެއްގައި މިއަދު ފުނާޑު މިސްކިތުގައި ހުކުރު ހުތުބާ ކިޔަމުން ދަނިކޮށް މިސްކިތުގެ ސައުންޑް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަވެސް ފުނާޑު ކައުންސިލްގެ ރައީސް ގުޅުވާލާފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި އެވެ. އަދި ސަރުކާރަށް ނިސްބަތްވާ މިފަދަ ކައުންސިލްތަކުގެ ރައީސުން ހުކުރު ހަމަނުޖެއްސުމަށް ކައުންސިލްގެ މުވައްޒަފުންނަށް އަންގާފައިވެއެވެ. މިހެންކަމުން ސަރުކާރަށް ނިސްބަތްވާ މިފަދަ ކައުންސިލަރުންގެ އިހްލާސްތެރިކަމާއި މެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ފުވައްމުލަކުގެ މިސްކިތްތަކުގެ މައްސަލަ މިހާހިސާބަތް ގޮސްފައިމިވަނީ އިސްލާމިކް މިނިސްޓްރީ އިން ދޭންޖެހޭ އެއްބާރުލުން ދީފައިނުވާތީކަމަށް ކައުންސިލްތަކުން ބުނެފައިވެއެވެ. ކައުންސިލްތަކުން ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ކައުންސިލާއި ދެމެދު އެގްރީމެންޓެއްގައި ސޮއި ކުރުމަށް ބުނެ، އިސްލާމިކް މިނިސްޓްރީ އިން އެގްރީމެންޓެއް ފޮނުވާފައިވާ ކަމަށާއި އެގްރީމެންޓްގައި ގާނޫނާއި ހިލާފް އެތައް ކަމެއް ހުރުމުން އެކަން އެމިނިސްޓްރީގެ ސަމާލުކަމަށް ގެނެސް އެކަން އިސްލާހްކުރުމަށް ކައުންސިލްތަކުން އިސްލާމިކް މިނިސްޓްރީއަށް އެތައް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެއްވެސް ސިޓީއެއްގެ ޖަވާބު ނުލިބޭ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންގެ ފޯނަށާއި އޮފީސް ފޯނަށް ގުޅައިގެންވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.

“އެބޭފުޅުންގެ ކަމެއް އަޅުގަނޑުމެން ކޮށްދޭއިރު އެއެއްބަސްވުން ގޯސްކަމަށް އަޅުގަނޑުމެން ބުނުމުން އެބޭފުޅުން ނޫންތޯ އެއެއްބަސްވުން ބަދަލުކޮށް ސޮއިކުރެވޭނެ ގޮތަށް މަގުފަހި ކުރަންޖެހޭނީ، ނަމަވެސް އަޅުގަނޑުމެން ދާން މިޖެހެނީ އެބޭފުޅުންގެ ފަހަތުން އެގްރީމެންޓް ސޮއިކޮށްދޭށޭ ކިޔާފަ” ފުވައްމުލަކު ރަށު ކައުންސިލެއްގެ ރައީސް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެފައިވަނީ ފުވައްމުލަކުގައި މިއަދު ހުކުރު ކޮށްފައިވަނީ އެމިނިސްޓްރީ އިން އިމާމުންނަށް ގުޅައި އެކަން ހަމަޖެއްސުމުން ކަމަށެވެ، ނަމަވެސް އެއީ ކަޑައެޅިގެން ދޮގެއް ކަމަށާއި ހުރިހާ ކައުންސިލްތަކުންވެސް ހުކުރު ކުރެވޭނެ އިންތިޒާމް ބުރާސްފަތި ދުަވަހު ހަމަޖައްސާފައިވާ ކަަމަށް ކައުންސިލްތަކުން ބުނެފައިވެއެވެ.

“އިސްލާމިކް މިނިސްޓްރީ ފަދަ ޒިންމާދާރު އަދި ދީނީ ތައުލީމް އުގެނިގެން ތިއްބެވި ފަރާތްތަކުން އެފަދަ ބުހުތާނު ދޮގު ހެދުމުން ރައްޔިތުން ކޮން އިތުބާރެއްތޯ އެބޭފުޅުން ދައްކާވާހަކަ ފުޅުތަކަށް ކުރާނީ” ކައުންސިލަރަކު ވިދާޅުވިއެވެ.

މިހެންކަމުން ގިނަ ބަޔަކު ހަގީގަތް ނުބަލައި ފުވައްމުލަކު ރައްޔިތުން ބަދުނާމުކޮށް ވާހަކަ ދެއްކުން އެއީ އެންމެ ރަނގަޅުގޮތްތޯއެވެ. އަދި މިސްކިތްތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތުން އެޒިންމާ ނުއުފުލައި އެހެން ބައެއްގެ ބޮލުގައި ބަދުނާމް އެޅުވުން އެއީ އެންމެ ރަނގަޅުގޮތްތޯއެވެ. ފުވައްމުލަކުގެ އެއްވެސް ކައުންސިލަކާއި މިސްކިތްތަކުގެ އެއްވެސް ކަމެއް މިހާތަނަށް ހަވާލުކޮށްފައެއް ނުވެއެވެ. މިހެންކަމުން ގާނޫނޫ ބުނާގޮތުން މިސްކިތްތަކުގެ ހުރިހާކަމެއް ބަލަހައްޓަންޖެހޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިންނެވެ. އެއީ ހުކުރު ކުރުންކަމަށްވިޔަސް އަދި މިސްކިތު މުވައްޒަފުންގެ މުސާރައިގެ ކަމެއްވިޔަސް މިސްކިތުގެ މަރާމާތުގެ މަސައްކަތްވިޔަސް އެކަންކުރަންޖެހޭނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !