A wide advertisement which will be shown on all devices. (700 x 100)

ވަޒީފާއާއި ބެހޭ ގާނޫނު – ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް “ހެޔޮވަރުބާ”؟

މާޒިފު އަހުމަދު

ހެނދުނު ހޭލުމަށްފަހު އުނަގަނޑުގައި ތުވާލި އަނދެގެން، އެއް އަތުން ސައިބޯންޏެއް، އަނެއް އަތުން ދަތް އުނގުޅާ ބުރުސް ހިފައިގެން ކޮޓަރިން ނިކުމެގެން ވާރޭ ވެހެންޏާ ތެމިގެން ގޮސް އެތައް ބަޔަކު ފާޚާނާ ދޮރުމަތީ ކިޔުގައި އޭރު ތިބެންޖެހެއެވެ. އެއްބަޔަކު ފާޚާނާއެއް ހުސްވަން ދެނެވެ. އަނެއް ބަޔަކު ފެންވަރާ އިސްކުރުތައް ހުސްވަން ދެނެވެ. ނޫނީ މޫނު ދޮންނަ ތައްޓެއް ކައިރިން މީހަކު ދުރަށް ޖެހިލާތޯއެވެ. އެތާ ތެރޭގައި ތިބެގެން ލަވަކިޔާ މީހުން ލަވަކިޔާނެއެވެ. ލަސްވެގެން އުޅޭ މީހުން ޖާގައެއް ނުލިބިގެން ހަޅޭއްލަވާނެއެވެ. ހުރިހާ މުވައްޒަފުން ބޭނުން ކުރަން ހުންނާނީ މަދު ފާޚާނާއަކާއި ފެންވަރަން މަދު އިސްކުރު ތަކެކެވެ. ކޮންމެ ފާޚާނާއެއް ވަކިން ބަންދުކުރެވޭ ގޮތަށް ހުއްޓަސް ފެންވެރުމަށް ތިބޭ މަދު އިސްކުރުތައް އެއްޗަކާއި ޖެހި އެއްޗެއް އެއްތާކު އަތުރާފައި ތިބެއެވެ.

ނިދާ ކޮޓަރީގެ ހާލަތަކީވެސް އާދައިގެ ޙާލަތެއް ނޫނެވެ. 15 އަށްވުރެ ގިނަ މީހުން އެއް ކޮޓަރީގައި ނިދަން ޖެހެއެވެ. އޭރުގެ ބަހުން ނަމަ އެއީ މީހުން ނިދާ ހަރުގެ އެވެ. އެ ހަރުގޭގައި ކޮންމެ މީހަކަށް ނިދާލާނެ ވަކި އެނދެއް ހުއްޓަސް ކޮންމެ މީހަކަށް އެމީހަކު ގެންގުޅޭ އެއްޗެހި ބަހައްޓާލާނެ ވަކިން ތަޅުލެވޭ ކަބަޑެއްހައި މިންވަރުވެސް ނުހުރެއެވެ. ހަތަރު ނުވަތަ ފަސް މީހަކު އެއްޗެހި ބެހެއްޓުމަށް ކުޑަ ކުޑަ ލަކުޑި ގޮޅި އެއް ލިބިދާނެއެވެ. ލިބޭހާ ފައިސާއެއްވެސް އެތާތެރޭގައި ނޫނީ ނިދާ އެނދުގެ ގޮދަޑި ދަށްފަދަ ތަނެއްގައި ގެންގުޅެން ޖެހެއެވެ.

ކެއުމުގެ ވާހަކައަކީވެސް މަޖާ ވާހަކައަކަށް ވެދާނެއެވެ. ކިރިޔާވެސް ކާލެވޭ ވަރުގެ އެއްޗެއް ކައްކާފައި ހުރިނަމަ އެއެއްޗެއް ބަހާނީ އެވެ. އޭރުވެސް އަދި މިހާރުވެސް ގިނަ ބަޔަކު ކިޔާ ގޮތުންނަމަ އެސްޓީއޯ ރޭޓުންނެވެ. ތައްޓެއް ދިއްކޮށްލީމާ އެކަމަށް ޚާއްސަކޮށްފައި ހުންނަ ކައްކާ މީހަކު މީހަކަށް މަސް ފޮތްޗެއްގެ އުސޫލުން ބަހާލާނެއެވެ. ނޫނީ އެނޫން އެހެން އެއްޗެކެވެ. އޭގައި ރަހަޔަކުން ކުރެ ރަހައެއް ނުދޭނެއެވެ. ލޯމަރާލާފައި ޖެހޭނީ ދިރުވާލާށެވެ. ފިހެފައި ހުންނަ ރޮއްޓެކޭ މިހާރުގެ ނަމުން ނަމަ ޑިސްކެކޭ ހަރުކަން ވާނީ އެއްވަރެވެ.

އިސްވެ މިދެންނެވުނީ ރާއްޖޭގެ ރިސޯޓުތަށް ފެށިގެން އައި ދުވަސްވަރު ގިނަ ރިސޯޓުތަކުގެ މުވައްޒަފުންނާއި މެދު ކަންތައް ކުރެވެމުން ދިޔަ ގޮތުގެ ބައެއް ވާހަކަ ތަކެވެ. މިވާހަކަތައް ކިޔުމުން ފަހަރެއްގައި މިފަހުގެ ތާރީޚުގައި ރިސޯޓުތަކަށް ވަޒީފާއަށް ނިކުތް ޒުވާން ކުދިންނަށް ޖޯކަކަށްވެސް ވެދާނެއެވެ. އެއީ މިހާރު މިވަނީ ހުރިހާ ރިސޯޓްތަކެއްހެން މި ސަގާފަތް ދޫކޮށް މުޅިން އެހެން ސިސްޓަމަކަށް ބަދަލުވެފައި ކަމަށް ވީތީއެވެ. މިތަނުގައި އޭރު ލިބުނު މުސާރައާއި އިނާޔަތްތަކުގެ ވާހަކައާއި އެހެނިހެން ކަންތައްތަކުގެ ވާހަކަ ގަސްތުގައި ނުލިޔުނީއެވެ.

ކޮންމެއަކަސް އެއްދުވަހުން އަނެއް ދުވަހަށް ރާއްޖޭގެ ރިސޯޓުތައްވެސް ދިޔައީ ކުރިއަރަމުންނެވެ. ޚާއްސަ ގޮތެއްގައި ފާއިތުވީ އަހަރުތަކުގައި ރާއްޖޭން ބޭރުގެ ގިނަ ހޮޓެލް ޗޭނުތައް އަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ ރިސޯޓުތަކަކީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީ ހަރުފަތަށް އަރާފައިވާ ރިސޯޓުތައް ކަމުގައިވުމެވެ. އެހެން ކަމުން މުވައްޒަފުންނާއި ދޭތެރޭ ޢަމަލު ކުރަންޖެހޭ އުސޫލުތަކަށްވެސް މިވަނީ އިންތިހާއަށް ބަދަލު އައިސްފައެވެ.

ރިސޯޓުތަކުގައި މަސައްކުރާ ގިނަ މުވައްޒަފުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް 2008 ވަނަ އަހަރާއި ޖެހެންދެންވެސް ވެފައި އޮތީ ވަޒީފާއާއި ބެހޭ ގާނޫނެއް ނެތުމުގެ ޝަކުވާއެވެ. އެއިގެ ނާޖާއިޒު ފައިދާ ނަގައި ރިސޯޓު އޯނަރުން މުވައްޒަފުންނާއި ދޭތެރޭ ބޭނުންހައި ގޮތެއް ހަދައިކަމުގެ ޝަކުވާއެވެ. އެކަމަށް ތަސައްލީ އެއް ލިބުނީ 2008 ވަނަ އަހަރު އުފެދިގެން ދިޔަ ވަޒީފާއާއި ބެހޭ ގާނޫނެވެ. އާނއެކެވެ! އެގާނޫނުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ރަނގަޅުވެއްޖެއޭ ބުނަން ކެރެއެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިން ގާއިމުވެފައި ނުވާ ގިނަ ކަންތައްތަކެއް ހަމަޖެހިގެން ދިޔައެވެ. މިކަމުގެ ޙައްގު ޝުކުރު އަދާކުރަންޖެހޭ ފަރާތްތަކަށް އަދާކުރަންވެސް ޖެހެއެވެ.

ނަމަވެސް ތަފާތު އެކި ފެންވަރުގެ މީހުނާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި މަޝްވަރާ ކުރުމަށްފަހު އުފަންވި އެގާނޫނު އެއޮތީ އެންމެ ފުރިހަމަ ގޮތުގައިތޯ ސުވާލުކުރުން ރަގަޅުކަމުގައި ދެކެމެވެ. އެގާނޫނު ވުޖޫދަށް އައިއިރުވެސް އެއީ ރިސޯޓު އޯނަރުންނަށް ފަހާފައި އޮތް ކޯޓެކޭ ބައެއް މީހުން ބުނާތީ އަޑު އެހީމެވެ. ޚާއްސަކޮށް އެގާނޫނު ހެދުމުގައި މަސައްކަތް ކުރެއްވި ބައެއް މަޖިލީހު މެންބަރުންވެސް ވިދާޅުވެފައި އެބަ ހުއްޓެވެ. ފުންކޮށް ވިސްނައިފިއްޔާ މިކަން ވަރަށް ރަގަޅަށް ސާފުވާނެއެވެ.

އެގާނޫނުގައި ބުނާ ގޮތުން ނަމާދު ކުރުމަށް ޑިއުޓީގައި އުޅޭ ކޮންމެ މުވައްޒަފަކަށްވެސް 15 މިނެޓުގެ ހުސްވަގުތުކޮޅެއް ދޭން ޖެހެއެވެ. އެ 15 މިނެޓް ދޭތޯ ނުވަތަ ނުދޭތޯ ސުވާލު ނުއުފައްދާނަމެވެ. އަދި 15 މިނެޓަކީ ނަމާދުކުރަން އެކަށީގެންވާ ވަގުތުތޯވެސް ސުވާލު ނުއުފައްދަމާ ހިނގާށެވެ. ނަމަވެސް ހުކުރު ދުވަހުގެ ވާހަކަ ދައްކާލުން މުހިއްމު ކަމުގައި ދެކެވެ. ކޮންމެ ހުކުރު ދުވަހަކީ ހުރިހާ މުސްލިމުން ވަރަށް ޚާއްސަ ސަމާލުކަމެއް ދޭ ދުވަހެކެވެ. ސަބަބަކީ އެދުވަހުގެ ހުކުރު ނަމާދަކީ އެންމެންވެސް ވަރަށް ޚާއްސަ ކަމެއް ދީގެން ކުރާ ނަމާދަކަށް ވީތީވެސް މެއެވެ. ޒަމާނުއްސުރެ ރާއްޖޭގައި ހުކުރު ޚުތުބާ ކިޔަން ފަށަނީ 12:35 ގައެވެ. ނަމާދުކޮށް ނިމެނީ ޢާންމުކޮށް 1 ނޫނީ 1:05 ހާ އިރެވެ. އެހެން ކަމުން ޚުތުބާ ކިޔަން ފަށާ ވަގުތުން ފެށިގެން ނަމާދުކޮށް ނިމުމާއި ހަމަޔަށް 25 ނުވަތަ 30 ވަރަކަށް މިނެޓް މަދުވެގެން އެބަ ހޭދަ ވެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުކުރު ނަމާދު ޞައްޙަ ވާނީ ޚުތުބާ ނިމެންދެން އަޑު އަހައިގެނެވެ. ޚުތުބާގެ ބައެއް އަޑުއެހުމުން އެ ޝަރުތު ފުރިހަމަ ނުވެއެވެ. އެހެން ކަމުން އެއްކަލަ 15 މިނެޓުގެ ބޭނުން ހިފަން ޖެހިފައި ވަނީ ޑިއުޓީގައި ތިބެފައި ދުވަމުން ދުވަމުން ގޮސް ޚުތުބާ ކިޔައި ނަމާދަށް ޤަމަތްދޭ ހިސާބުންނެވެ. ކަންމިހެން އޮތްއިރު، ހުކުރު ނަމާދުގެ ޤަމަތްދޭ ހިސާބުން ގޮސް ހުކުރުގެ ޖަމާޢަތާއި ގުޅުމުން ހުކުރު ނަމާދު ޞައްޙަ ވާނެތޯއެވެ؟

ކޮންމެ މުސްލިމަކުވެސް އެންމެ ދުރާލާ އެކަމަކަށް ތައްޔާރުވެގެން ކުރާ އަޅުކަމަކީ ޙައްޖުގެ ފަރުޝު އަދާކުރުންކަން ޔަގީނެވެ. ޙައްޖުގެ އަޅުކަމަކީވެސް ދުވަސްތަކެއް އެ ދަތުރަށް ހޭދަވާ ކަމެކެވެ. އެހެން ކަމުން ވަޒީފާތަކުގައި އުޅޭ މީހުން ވަރަށް ދުރާލާ ތައްޔާރުވާން ޖެހެއެވެ. މިގޮތުން މިފަދަ މާތް އަޅުކަމަކަށް ރިސޯޓުތަކުގައި އުޅޭ މުވައްޒަފަކު ދާން ބޭނުންވިޔަސް މިޖެހެނީ އެމީހެއްގެ އަހަރު ޗުއްޓީ އެކަމުގައި ބޭނުން ކުރާށެވެ. އެހެން ކަމުން ރަށުން ބޭރުގައި މަސައްކަތްކުރާ މިފަދަ މުވައްޒަފުން ޢާއިލާއާއި އެކު ހޭދަ ކުރުމަށް ލިބޭ ޗުއްޓީވެސް ބެނުން ކުރަން މިޖެހެނީ އެހެން ގޮތް ގޮތަށެވެ. ސިވިލް ސާވިސްގައި މަސައްކުރާ މުވައްޒަފުންނަށް ޙައްޖަށް ދާން ވީމަވެސް ވަކި ޗުއްޓީއެއް ހަމަޖެހޭއިރު ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެގޮތަށް ނޯންނަންވީ ކޮންސަބަބަކާއި ހުރެތޯއެވެ. ކޮންމެއަކަސް، އަހަރެއްގެ ތެރޭގައި ރިސޯޓަކުން ޙައްޖަށް ނޫނީ ޢުމްރާއަކަށް ދާން ބޭނުންވާ މަދު މުވައްޒަފަކަށް އޭނަގެ އަހަރު ޗުއްޓީއާއި ނުލައި ދެވޭނެ ފަދަ ޗުއްޓީ އެއް ލިބޭ ގޮތަށް ގާނޫނު އޮތުމަކުން ރިސޯޓަށް ލިބޭނެ ފައިސާގެ އަދަދު ވަކި މަދުވެދާނެ ކަމަށް ގަބޫލުނުކުރެވެއެވެ.

މިގާނޫނުގައި ވާގޮތުން އަންހެން މުވައްޒަފަކު ވިހެއުމާގުޅިގެން ޗުއްޓީގެ ގޮތުގައި 60 ދުވަސް ލިބެއެވެ. ނަމަވެސް ފިރިހެން މުވައްޒަފަކަށް މިލިބެނީ ދަރިއަކު ލިބޭ ދުވަހުން ފެށިގެން އެންމެ 3 ދުވަހުގެ ޗުއްޓީ އެކެވެ. ކޮންމެ ފިރިހެނަކުވެސް އެމީހަކަށް ދަރިއަކު ލިބޭ ދުވަހު އެމީހެއްގެ ޢާއިލާ ކައިރީ ހުންނަން ބޭނުން ވާނެއެވެ. ދަރިފުޅު ވިހެއުމަށް ކުރަންޖެހޭ ކަންތައްތަކަކީ ވެސް ކުޑަ ކަމެއް ނޫނެވެ. ވިހެއުމުގެ ކަންތައްތައް ނިމުނުކަމަށް ވާނީ ޢާންމުކޮށް 7 ދުވަސްކޮށް ކުއްޖާއަށް ނަންކީމައެވެ. މިރަސްމިއްޔާތަކީވެސް ކޮންމެ ބައްޕައަކު ހުންނަން ބޭނުންވާނެ ރަސްމިއްޔާތެކެވެ. ސުވާލަކީ ފިރިހެން މުވައްޒަފު މީހާއަށް އެއްކަލަ 3 ދުވަހުގެ ޗުއްޓީއަކުން ވޭތޯއެވެ. ވަކިން ޚާއްސަކޮށް ބައެއް ފަހަރު ވިހެއުމަށް އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ނޫނީ ރާއްޖެއިން ބޭރަށް ދާން ޖެހޭފަހަރުވެސް މަދެއް ނޫނެވެ. މިއިން ކޮންމެ ފަހަރަކުވެސް މިޖެހެނީ އެއްކަލަ އަހަރު ޗުއްޓީން ދުވަސް ނަގައިގެން މިކަމުގައިވެސް ހޭދަ ކުރާށެވެ. މިއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެއްދުން ރަނގަޅެވެ.

މިގާނޫނު ވުޖޫދަށް އައުމުން އެންމެ ރަނގަޅު އެއްކަމަކަށް ގިނަ މީހުން ބުނެ އުޅުނީ ނޭގި ހުއްޓާ ކުއްލިއަކަށް ވަޒީފާއިން ވަކިކޮށް ކަނޑާފައި ފޮނުވާލާ އުސޫލަށް އައި ހެޔޮ ބަދަލުގެ ވާހަކައެވެ. އެގޮތުން 3 މަސްދުވަހުގެ ނޯޓިސް ޕީރިއަޑެއް ދޭންޖެހޭކަމަށް އޮތުމުން އެއީ ރަނގަޅުކަމެއް ކަމުގައި ގަބޫލުކުރެވުނެވެ. ނަމަވެސް މި 3 މަސް ދުވަހުގެ ނޯޓިސް ޕީރިއަޑް ދޭ ގޮތާއި ދިނުމަށް ރިސޯޓުތަކުން ބޭނުންކުރާ މޮޅު “ފޯރމިއުލާ” އިހަށް އެއްފަރާތް ކޮށްލަމާ ހިނގާށެވެ. މި 3 މަސް ދުވަސް ދިނުމުގެ އެއްބޭނުމަކީ އެމީހަކު އެހެން ވަޒީފާއެއް ހޯދުމަށް ފުރުސަތު ދިނުމެވެ. އެއިރުން ވަޒީފާއިން ވަކި ކުރާ ހިސާބުން ވަޒީފާއެއް ނެތި ހުސްކޮށް ނުހުރެ އަވަހަށް އެހެން ވަޒީފާ އަކަށް ދިއުމަށް މަގު ފަހިވެއެވެ. ނަމަވެސް ސުވާލަކީ 3 މަސް ދުވަހަކީ މިކަމަށް އެކަށީގެންވާ މުއްދަތެއްބާއެވެ. އެއީ އެކަށީގެންވާ މުއްދަތެއްނަމަ ވަޒީފާއެއް ނުލިބިގެން ފަހަރަކު މީހަކު ކައިރީ އާދޭސް ކުރަމުން، އެތައް ކުންފުންޏަކަށް އެމީހާގެ ވަނަވަރު ފޮނުވަމުންދާ މީހުންގެ އަދަދު ހާހުން ގުނާ ނުލެވޭނެއެވެ.

މިދަންނަވާލެވުނު މަދު ކަންތަކުގެ އިތުރުންވެސް މިހެންހުރި ކިތަންމެ ކިތަންމެ ކަމެއް އެއްކަލަ “ކޯޓަށް” ހެޔޮވަރުކޮށް ފަހާފައި އެބަހުއްޓެވެ. މިފާހަގަކުރެވުނު މަދު ނުކުތާ ތައް އިސްލާހު ވެއްޖެނަމަހީވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި ގާނޫނު މިހާރަށް ވުރެ އަދި މާ “ހެޔޮވަރު” ވެގެންދާނެކަން ޔަގީނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !