A wide advertisement which will be shown on all devices. (700 x 100)

ކޮލަމް ސުމެއް: ބޯޓް ކަނޑުއަޑީގައި، ފަރަށް ބޮޑެތި ގެއްލުންތަކެއް، ޖޫރިމަނާ ފައިސާ އިން ފަރަށް ޚަރަދު ކުރުން މުހިންމު

ފެނާއި ނަރުދަމާގެ ސާމާނު ހިފައިގެން އައިސް ފުވައްމުލަކަށް ކައިރި ކުރަނިކޮށް އޮގަސްޓް 13 ވަނަ ދުވަހު ފަރަށް އެރި އެންޖީއޯސީ ސަން، އެއްމަހާއި އެއްދުވަސް ފަހުން ބޯޓް ފުން ކުރުމަށްފަހު ފަރަށް ލިބުނު ގެއްލުން ބެލުމަށްފަހު ސަރުކާރުން ބުނެފައިވަނީ 634 މިލިއަން ދިވެހި ރުފިޔާގެ ގެއްލުން ވެފައިވާނެ ކަމަށެވެ. ނަމަވެސް، އެބޯޓް ކަފުޖަހައިގެން ސްރީލަންކާ އަށް ގެންދިއުމަށްޓަކައި ތަންކޮޅަކަށް ދުއްވާލިތަނާ ބޯޓް އަޑިއަށް ގޮސްފިއެވެ. ފަޅުވެރިން ރާއްޖޭގައި ތާށިވެއްޖެއެވެ. ބޯޓް ދުއްވާ ކުންފުނިން އިންޝުއަރެންސަށް ލިޔެގެން ފައިސާ ކޮޅު ލިބިދާނެއެވެ. ފުވައްމުލަކު ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާނީ ކިހިނެތް ހެއްޔެވެ. ބޯޓް އެއޮތީ ކަނޑު އަޑީގައެވެ. ދިވެހި ސަރުކާރާއި ވިއެޓްނާމް ސަރުކާރާއި ވާހަކަ ދައްކަނީއެވެ. އެބޯޓް އިން އައި ފަޅުވެރިން ރާއްޖޭގައި ތިބި އިރު ސަރުކާރުން ބުނަނީ އެމީހުންނަށް ފުރޭނީ ޖޫރިމަނާ ދެއްކުމުންނެވެ. ދެންވާނީ ކިހިނެތް ހެއްޔެވެ. ބޯޓް އަޑިއަށް ދިއުމާއި ޖޫރިމަނާ އިން ސަލާމަތްވުމާއި އެއްވެސް ގުޅުމެއް އޮވެދާނެ ބާވައެވެ. 

މީގެ ކުރިންވެސް މިފަދަ ހާދިސާ ތައް ދިވާވެފައި އެބަހުއްޓެވެ. ބޮޑެތި އަދަދުތަކުން ޖޫރިމަނާ ނެގުމަށް ސަރުކާރުން ހުށަހެޅުމުން ބޯޓް ދުއްވާ ފަރާތްތަކުން ބުނަނީ އެއަގަށް އެފަދަ ދެތިން ބޯޓްވެސް ގެނެވިދާނެއެވެ. އެހެންކަމުން، ސަރުކާރާއި އެކިގޮތްގޮތަށް ވާހަކަ ދައްކާ އަގު ކުޑަކުރަނީއެވެ. މިފަހަރުވެސް ސަރުކާރުގެ ރާގު ހުރީ ވާހަކަ ދައްކައިގެން އަގު ކުޑަކުރާ ގޮތަށެވެ. ނަމަވެސް، މިފަދަ ވާހަކަ ދެއްކުންތައް ކޮޅެއްގައި ޖެއްސުމަށް ގިނަ ދުވަސްތަކެއް ނަގަމުންދާ ކަމަށް އެފަދަ ހާދިސާތައް ދިވާވެފައިވާ ފަރާތްތަކުން މިކަލް ނޫހާއި ހިއްސާކުރިއެވެ. 

ބޯޓް ފުންކުރުމަށްފަހު އެންމެ ފުރަތަމަ އެމަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނަމުން ދިޔައީ ފޫގޮސްފައިވާ ތަންތަން ބައްދާ ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެތަށް ދުވަހަކަށްފަހު ސްރީލަންކާގެ ޑޮކަށް ގެންދަން ޓަގެއްގެ އެހީގައި ކަފު ޖަހައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރަށް ދިޔަ ތަނުން ބޯޓަށް ލޮނު ވަދެ، ޕަމްޕް ޖައްސައިގެން ވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ގޮސް ބޯޓު އަޑިއަށް ދިޔައީ ކަމަށް ދިވެހި އޭޖެންޓާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، ސަން އޮންލައިނުން ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދުން ބޯޓު ބޭރަށް ނެރި މިމަހުގެ އެއް ވަނަ ދުވަހުގެ ރޭ 22:40ގައި އިންޑިއާ ކަނޑުގެ 4000 މީޓަރުގެ އަޑިއަށް ބޯޓު ފައްތާލާފައިވާކަން މައުމޫނު ‘ސަން’ އަށް ކަށަވަރުކޮށްދެއްވާފައި ކަމަށެވެ. 

ބޯޓް ހަމަ އަޑިއަށް ގަސްދުގައި ފައްތާލީބާވައެވެ. ނޫނީ އަޑިއަށް ދިޔައީ ބާވައެވެ. ވާހަކަތައް ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސް، ބޯޓް އޮޕަރޭޓާ އަށް ގިނަ ގެއްލުންތަކެއް ވެދާނެ ކަމަށް ބެލުމަށްފަހު ނޫނީ ބޮޑު ޖޫރިމަނާ އިން ސަލާމަތްވުމަށް ނުވަތަ އިންޝުއަރެންސް އިން ފައިސާ ކޮޅެއް ހޯދާނެ ގޮތެއް ހޯދީ ނޫންބާވައެވެ. ނޫނީ އެއްދޮނުގައި ދެބުޅި ޖަހާލީ ބާވައެވެ. މިހާރު ސަރުކާރުން ހިފަހައްޓާނެ ބޯޓެއް ނޯންނާނެއެވެ. ހަމައެކަނި ތިބޭނީ މުވައްޒަފުން ކޮޅެކެވެ. އެކަމާއި ދެސަރުކާރުން ވާހަކަ ދައްކައިގެން ކޮންމެވެސް ގޮތެއް ނިމިދާނެ ކަމަށް ބަލާ ޖަހާލި “ރޮކެޓެއް” ނޫންބާވައެވެ. މިހެން މިކަން ނުވާނެ ކަމަށް ޔަގީން ކުރަމެވެ. ސަބަބަކީ މިސަރުކާރަކީ ކޮމަންވެލްތާއި ޔޫއެން އަށްވެސް ގޮން ޖަހާލާވަރުގެ “ގަޓް” ހުރި ސަރުކާރެކެވެ. 

ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަޔަސް ސަރުކާރުން ބުނަމުންދަނީ މުވައްޒަފުން ދޫކުރާނީ ޖޫރިމަނާ ދެއްކުމުންކަމަށެވެ. އެގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ ސަރުކާރަށް ކޮންމެވެސް އަދަދެއްގެ ފައިސާކޮޅެއް ލިބިދާނެއެވެ. ނަމަވެސް، ފުވައްމުލަކު ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ލިބެންޖެހޭނީ ސަރުކާރުގެ ދަރަނި ނުވަތަ ޚަރަދު ހަމަޖެއްސުމަކަށް ނޫނެވެ. ފަރަށް ލިބުނު ގެއްލުން ފޫބެއްދުމަށެވެ. 

މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިގާފައި އެބަހުއްޓެވެ. އެތަށް ފަހަރަކު މަތިން ޖޫރިމަނާ ކުޑަކުރަމުން ގޮސް ކޮންމެވެސް އަދަދެއް ނަގާފައި އެބަހުއްޓެވެ. ނަމަވެސް، އެފައިސާ އެފަރަށް ޚަރަދުކުރި ކަމެއް އެގިފައެނުވެއެވެ. 

އެސަރަހައްދުގެ މުރަކަތައް ދިރުވާ އާލާކުރުމަށް މިފައިސާ ޚަރަދު ކުރެވިދާނެއެވެ. މުރަކަ އިންދިދާނެތޯ ބެލިދާނެއެވެ. އެސަރަހައްދު އަލުން އާރޯކަން ގެނެސްދޭން ކުރެވޭނީ ކޮންކަމެއްތޯ ބަލާ އެކަން ކުރެވިދާނެއެވެ. 

އެހެން ފަރުތަކާއި ފުވައްމުލަކުގެ ފަރާއި ތަފާތެއްވެސް އެބަހުއްޓެވެ. އެއީ ޑައިވް ޕޮއިންޓެކެވެ. ފުވައްމުލަކަކީ ވަކިން އޮތް އެކަހެރި ރަށެވެ. ފުވައްމުލަކުގައި އޮތް އެންމެ ރަގަޅު ޑައިވް ޕޮއިންޓް ނެތިގެން ދިއުމަކީ ފުވައްމުލަކަށް ލިބޭނެ އެންމެ ބޮޑު ގެއްލުމެވެ. ވީމާ މިކަމަށް ސަރުކާރުން ވިސްނުން ބުއްދިވެރިއެވެ. އެހެން ފަހަރު ފަހަރާއި ޚިލާފަށް މި ޑައިވް ޕޮއިންޓް ދެމެހެއްޓުމަށް ޖޫރިމަނާ ފައިސާ ޚަރަދު ކުރަން ޖެހެއެވެ. ޖޫރިމަނާ ފައިސާ މަދު ނަމަ ސަރުކާރު ބަޖެޓްއިން ވެސް ޚަރަދު ކުރުމަކީ މުހިންމު ކަމެކެވެ. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށާފައިވާ މިސަރުކާރުން މިކަމާއި ވިސްނާ އެއަށް އަމަލު ކުރާނެ ކަމަށް ފެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !