A wide advertisement which will be shown on all devices. (700 x 100)

ވަތަނީ ފިކުރު: ސިޓީ ކައުންސިލްގެ މޭޔަރަކުން ޕީޕީއެމަށް

ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައުމާއި އެކު ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އަދި އެކަމަށް އެންމެ އެކަށީގެންވާ އެއްރަށްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އެގޮތަށް ފުވައްމުލަކު ގިނަ ބަޔަކު ވަކާލާތުކުރެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އުފައްދަން އުޅުނު ސިޓީ އެންމެ ފަހުން މިއަދު މިވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ސިޓީއަކަށް ހަދާދީފައެވެ. ޝުކުރިއްޔާ ރައީސް ޔާމީން.  

ފުވައްމުލަކަށް މިލިބުނު ސިޓީއާއި އެކު ސިޔާސީ ފަރާތްތަކުން އަވަސްވެގަތީ އަންނަ ޖެނުއަރީގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުން ނެރުމުގައެވެ. މީގެ އަހަރުތަކެއް ކުރިން ކެމްޕެއިން ފައްޓާފައިވާ ކެންޑިޑޭޓުންނާއި ތިމާގެ ޕާޓީއާއި އިދިކޮޅު ޕާޓީގެ ނުފޫޒްގަދަ ފަރާތްތަކާއި އެކު ޑީލް ހަދަމުންދިޔަ ކެންޑިޑޭޓުންވެސް ހިމެނެއެވެ. މިހާހިސާބުން ބަލާލާނީ ސިޓީ ކައުންސިލަށް ވާދަކުރުމަށް މިހާރު ކެމްޕެއިން ކުރަމުންދާ ފަރާތްތަކަށެވެ. 

އުތުރު ދާއިރާ

ދަޑިމަގު، ދިގުވާނޑު އަދި ހޯދަޑު ހިމެނޭ މިދާއިރާއަކީ ވޭތުވެދިޔަ އަތޮޅު ކައުންސިލް ދެ އިންތިހާބުގައިވެސް ދެ ޕާޓީއިން ދެ ކެންޑިޑޭޓުން ހޮވިފައިވެއެވެ. މިހެންކަމުން ބެލެވެނީ ދެ ޕާޓީގެ ސަޕޯޓްވެސް ވަރަށް ހަމަހަމަ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަބަދުވެސް ޕީޕީއެމް ކުރި ހޯދައެވެ. މިހެންކަމުން މިދާއިރާއިން މިފަހަރު އެއް ކެންޑިޑޭޓަކު އިންތިހާބު ކުރަން ޖެހޭތީވެ މިއީ ޕީޕީއެމް ގޮޑިއެއްކަން ޔަގީނެވެ.

ޕީޕީއެމް އިން ކުރިމަތިލުމަށް ޓިކެޓް ހޯދުމަށް ވާދަކުރަނީ ހޯދަޑު އަވަށަށް ނިސްބަތްވާ ބޭފުޅުންނެވެ. އެއީ އެމްޑީޕީ ޓިކެޓްގައި ހޯދަޑު ކައުންސިލަށް އިންތިހާބުވެ އަވަށުގެ ގިނަބައެއްގެ އެދުމުގެ މަތިން އަވަށަށް ތަރައްގީ ޔަގީން ކުރުމަށް ޓަކައި ޕީޕީއެމްއަށް ބަދަލުވި އަސްލަމް (ކަސްޓަމަރ) އާއި އަތޮޅު ކައުންސިލަށް ކުރިން ވާދަ ކުރި ބެސްޓް ހަބީބް (ހައްބޯ) އެވެ. މިރޭހުގައި މިހާރުވެސް އަތޮޅު ކައުންސިލްގެ އެދާއިރާގެ އެއްމެމްބަރު ހަމަދު އަބްދުﷲ ބޮޑު ތަފާތަކުން ޓިކެޓް ކަށަވަރު ކުރާނެ ކަމަށް ބެލެވެއެވެ. މިހެންކަމުން ޕީޕީއެމް ކެންޑިޑޭޓަކީ ހަމަދު ކަމަށް ބަލަމާ ހިގާށެވެ. އެމްޑީޕީ އިން ވާދަ ކުރާނެ ކަމަށް ބެލެވެނީ އަތޮޅު ކައުންސިލްގެ ނާއިބް ރައީސް ހުސައިން ޝާފީއެވެ. މިދެ ބޭފުޅުންގެ ކުރިމަތި ލުމުގައި ހަމަދު ކުރި ހޯދާނެ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުރަވެއެވެ. މިހެންކަމުން މިއީ ޕީޕީއެމްއަށް ހިބަކޮށްދެވިފައިވާ ގޮނޑިއެއްކަން ޔަގީނެވެ.

މެދު ދާއިރާ

މާދަޑު މިސްކިތްމަގު އަދި މާލެގަން ހިމެނޭ ފުވައްމުލަކު މެދު ދާއިރާގެ ލޯކަލް ކައުންސިލް އިންތިހާބަކީ އަބަދުވެސް ދެ ޕާޓީގެ އިސްބޭފުޅުން ކުޅުއްވާ ޑްރާމާއެކޭ ނުވަތަ ހަދާ ޑީލްއެކޭ ނުބުނެވޭނެ އެއްގޮތެއްވެސް ނެތެވެ. ސަބަބު ވަރަށް ސާފެވެ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލް ތަކުގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީ އިން ގެންދިޔައިރު ރައްޔިތުންގެ މަޖިލީހުގެ މުހިންމު ގޮނޑި ގެންދިޔައީ ޕީޕީއެމް އިން ނެވެ. މިހެންކަމުން އޭރުވެސް ގިނަ ބަޔަކު ގަބޫލުކުރީ ޕީޕީއެމް އާއި އެމްޑީޕީގެ ކައުންސިލަރުން ޑީލް ހަދާފައިވާ ކަމަށެވެ. މިފަހަރުވެސް ސިޓީ ކައުންސިލްގެ ގޮނޑި އެމްޑީޕި އަށެވެ. އެހެން ކިޔާ އަޑު އިވެއެވެ. ނަތީޖާ އަށް ބަލަމާ ހިނގާށެވެ.

މިދާއިރާއަށް ޕީޕީއެމް އިން ވާދަކުރާނީ މާލިކް އާއި ލާމަރުކަޒީ ގާނޫނު ވަރަށް ރަނގަޅަށް ތަޖުރިބާ ކުރައްވާފައިވާ އަދި ޕީޕީއެމްގެ ފުވައްމުލަކު ގޮފީގައި އެންމެ އިސް އެއްބޭކަނބަލު ކަމަށްވާ އާމިނަތު ޝެހެނާޒް އެވެ. މިޓިކެޓް އާމިނަތު ޝެހެނާޒް ކާމިޔާބުކޮށްފާނެއެވެ. ޕީޕީއެމް ކެންޑިޑޭޓާއި އިދިކޮޅުން ނިކުންނާނީ ވޭތުވެދިޔަ ދެ ދައުރުގައިވެސް މިސްކިތްމަގު ކައުންސިލްގައި ހުންނެވި ލާމަރުކަޒީ ގާނޫނު އަބަދުވެސް އަތްދަބަހުގައި ގެންގުޅުއްވާ ކައުންސިލްގެ ތަޖުރިބާކާރު މުހައްމަދު ޟިރާރުއެވެ. މިގޮނޑި ކާމިޔާބުކުރުމަށް ޑީލެއް ނަހަދައިފިނަމަ މިއީ ވަރަށް ހަމަހަމަ ގޮނޑިއެކެވެ. ދެ ޕާޓީއަށްވެސް ފުރުސަތު އެބައޮތެވެ. ތިބޭފުޅުން ގޮތެއް ނިންމާށެވެ.

ދެކުނު ދާއިރާ

ފުނާޑާއި ދޫނޑިގަމަށް ނިސްބަތްވާ ދެކުނު ދާއިރާ އަކީ އަބަދުވެސް އާދަޔާ ހިލާފް ހައިރާންވާވަރުގެ ނަތީޖާ ވޯޓްތަކުން ނެރޭ އެއް ދާއިރާއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދާއިރާއަކަށް ނިސްބަތްވާ މިދާއިރާގެ ވޯޓް ފޮށިތަކުން މީގެ ކުރިން މުޅިންވެސް ފެނިފައިވަނީ ހައިރާންކަމެވެ. ސަބަބަކީ ވޭތިވެދިޔަ ކައުންސިލް އިންތިހާބުގައި އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީ ގެންދިޔައިރު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގެ ނަތީޖާ ބޮޑު ތަފާތަކުން ކުރި ހޯދީ ޕީޕީއެމް އިންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި މިއީ ހައްތަ ވެސް “މަށަށް ހެޔޮގޮތް” ހޯދުމެވެ. އިންތިހާބުތަކުގައި ތިމާގެ އަމިއްލަ އެދުން އިސްކޮށް ޕާޓީ ގުރުބާން ކުރަނީއެވެ.

މިދާއިރާއިން ޕީޕީއެމްގެ ކެންޑިޑޭޓް ވަނީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކެމްޕެއިން ފައްޓަވާފައެވެ. އެއީ ދޫނޑިގަން ކައުންސިލްގެ މެމްބަރު އަލީ ޝަޒީމް މުހައްމަދު (ޝައްޓު) އެވެ. ޝައްޓު އަށް މިވަނީ ޕީޕީއެމްގެ ޓިކެޓް ޔަގީންވެފައެވެ. އެމްޑީޕީ ޓިކެޓަށް ވާދަކުރަނީ އަތޮޅު ކައުންސިލްގެ ރައީސް ފަލާހް ޝަރީފް އާއި ދޫނޑިގަން ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު އެވެ. ކައުންސިލްގެ ޕާފޯމަންސަށް ބަލާއިރު އިބްރާހިމް މުހައްމަދު އުޅުއްވަނީ މާކުރީގައެވެ. އަވަށަށް ލައްކަ ގިނަ ގުނަ ކުރިއެރުން ހޯދާދީފިއެވެ. ސަރުކާރަށް ބިނާ ކުރަނިވި ފާޑު ވިދާޅުވެ، ސަރުކާރާއި ގުޅިގެން ވެސް އަވަށުގެ ކުރިއެރުމަށް ލައްކަ މަސައްކަތްތަކެއް ކޮށްފިއެވެ. އަތޮޅު ކައުންސިލްގެ ތެރެއިން ގިނަ ފަހަރަށް ފެންނަނީ ސަރުކާރުގެ މިނިސްޓްރީތަކުން ހުށަހަޅާ ތަރައްގީގެ ބިޔަ މަޝްރޫއުތައް މުތުލަގަށް މުއާމަލާ ނުކުރާތީވެ، މުތުލަގުން ނުނެއްޓިގެން އުޅޭ މަންޒަރެވެ. އަދި ދާއިރާގެ ރައްޔިތުންނާއި ފަލާހް ގުޅުން ކުޑަ ވާހަކަ ކުރިން ގިނަ ބަޔަކު ދެއްކިއެވެ. ނަމަވެސް ވޯޓް ކައިރިވެގެން އަންނަ އިރު ދާއިރާގެ ކަންތައްތަކާއި ޕާޓީގެ އެއްވުން ތަކުން ވެސް ފެނިދިޔުމަކީ އެފަދަ ކަންތައްތައް ހަނދާން ނެތޭނެ ކަމެއްކަން ސިޔާސީ ބޭފުޅުންނަށް އެގިލައްވައެވެ. އަދި އެއީ ސިޔާސީ ބޭފުޅުން ގެންގުޅުއްވާ އުކުޅެކެވެ.

މިހެން ކަމުން މިދެބޭފުޅުންގެ ތެރެއިން ޕާޓީ ޕްރައިމަރީ ފަލާހް ކާމިޔާބު ކުރައްވައިފިނަމަ ސިޓީ ކައުންސިލްގެ އެދާއިރާގެ މެމްބަރަކީ ފަލާހް އެވެ. ޝަޒީމް މައާފް ކުރައްވާށެވެ. ދެން އަންނަ ދައުރަކަށް ވެސް ކެމްޕެއިން ފައްޓަވާ އަދި ޕާޓީ ޕްރޮމޯޓް ކުރުމުގައި ދެމިހުންނަވާށެވެ. ފުރުސަތު އަދި ނުގެއްލެއެވެ. މިވާހަކަ ވެސް ދައްކަން އެބަޖެހެއެވެ. ފަލާހް އާއި ޕީޕީއެމްގެ ދެކުނު ދާއިރާގެ ނުފޫޒް ގަދަ ފަރާތްތަކާއި އެކު އޮތީ އަދި މާބޮޑު ގުޅުމެކެވެ. އެހެނީ އެއީ މާކުރިން ވެސް ފައްކާ ކުރެވިފައިވާ ސިޔާސީ ޑީލް ތަކެއް ކަމަށް ވެދާނެއެވެ. އެއަށް ދެ ފަރާތުން ވެސް އިހްތިރާމް ކުރާނެއެވެ. ސިޔާސީ ޑީލްތަކުން ރައްޔިތުންނަށް އިނގޭނީ މަދު މިންވަރެކެވެ.

މޭޔަރަކު ހޮވުން

ދެން އޮތީ މޭޔަރަކު ހޮވުމެވެ. ދެ ދާއިރާއެއްގެ ގޮނޑި ޕީޕީއެމް އަށް ލިބިއްޖެނަމަ ޕީޕީއެމް އަށް ފަސޭހަ އިން މޭޔަރުކަން ލިބުނީ އެވެ. ދެން އޮތީ އެމްޑީޕީ އިން ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓަކަށް މޭޔަރުކަން ލިބޭނީ ކިހިނެތްތޯ ހިސާބު ޖެހުމެވެ. އެމްޑީޕީ ކެންޑިޑޭޓަށް ވަރަށް ފަސޭހަ ގޮތެއް އެބައޮތެވެ. އެއީ އިންތިހާބުގައި ވެސް ޕީޕީއެމްގެ ގިނަ ބަޔަކު އެމްޑީޕީ ކެންޑިޑޭޓަށް ވޯޓް ދީފައިވާތީ އާއި ދާއިރާގެ ގިނަ ބަޔަކު އެދެމުންދާތީ އާއި ފުވައްމުލައް މުތުލަގުގައި ހަގީގީ ސިޓީއަކަށް ވެވޭނީ ސަރުކާރަށް 100 ޕަސެންޓް ދީގެން ކަމާއި، ބިޔަ ބޮޑު މަޝްރޫއުތަކުން ރަށް ތަރައްގީވެގެން ދިޔުމަށް މަގުފަހި ކުރުމުގެ ގޮތުން ޕާޓީ ބަދަލު ކޮށްލާނީއެވެ. ހުވައި ކުރުމަށް ފަހު އެދުވަހު ބާއްވާ ސިޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އެމްޑީޕީ އިން އިންތިހާބުވި ޕީޕީއެމްގެ މެމްބަރު މޭޔަރަކަށް ހޮވާނީ އެވެ.

މިއީ ކުރިމަގަށް ވިސްނާ ކަންހިގާ ގޮތާއި ދިރިހުރި މިސާލުތަކަށް ބަލާލައި ލިޔެފައިވާ ޚިޔާލީ ކޮލަމެކެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !