A wide advertisement which will be shown on all devices. (700 x 100)

ޒަމާންވީ ކަޅު އަކިރި ގަނޑަށް އެއްކޮށް ކަޅުކަން

ފުވައްމުލަކުގެ ދެކުނުން ކަޅުއަކިރިގަނޑު އެއްކޮށް ކަޅުވެފައި. ފޮޓޯ އަލީ ނިހާދު

ޒަމާނުއްސުރެ ފުވައްމުލަކުގެ މަޝްހޫރު އެއް ކަމަކީ ރަށުގެ ކަޅު އަކިރިގަނޑެވެ. “ރަށިކެޑެ” ކަޅު އަކިރިގަނޑެވެ. ކުރީގައި ހަތާ ނަގާއުޅުނު ހަތާގަނޑެވެ. ފުވައްމުލަކުގެ އުތުރު ކޮޅުގައި ތުނޑީގައި އޮންނަ ހުދު އޮފް ވެލިގަނޑުގެ މަޝްހޫރުކަމާއި އެއްވަރު ނުވިކަމުގައިވިޔަސް ކަޅު އަކިރިގަނޑަކީ ވެސް ތާރީޚީ ގޮތުން ފުވައްމުލަކުގައި ފާހަނގަ ކުރެވޭ ތަނެކެވެ. ނަމަވެސް މިފަހަރު ކަޅު އަކިރިގަނޑު ކަޅު މިވީ ކުރިން ކަޅުވާގޮތާއި ޚިލާފަށް ގޮނޑުދޮށުުން ރާޅު ޖަހާ ހިސާބުން ފެށިގެންނެވެ. ކުރިން ކަޅު އަކިރިގަނޑުގެ ކަޅުކަން ފެންނަނީ ރާޅު ނުފޯރާ ހިސާބުގެ މަތިން ރަށާއި ގާތުންނެވެ.

މިފަހަރުގެ ކަޅުއަކިރި ގަނޑު ކަޅުވުން އައީ ވެސް ތަފާތު ގޮތަކަށް ކަމުން އެއީ ހައިރާންވާންވީ ކަމެއްވެސް ނުމެ ނޫންމެއެވެ. މިފަހަރު ކަޅުއަކިރިގަނޑު ކަޅު މިވީ ދާދި ފަހުން ފުވައްމުލަކު ދެކުނު ފަރާތު ފަރަށް އެދި ބޯޓުން މޫދަށް އުކާލި ހިލަތައް ގޮނޑުދޮށަށް ލައްގައި މުޅި ސަރަހައްދުގެ ހުދު އަކިރީގެ މައްޗަށް ކަޅު ހިލަކޮޅުތައް ޖަމާވެ ހުދު އަކިރީގެ މައްޗަށް ކަޅު ހިލަތައް އަރައި ކަޅުކުލައަށް ބަދަލުވުމުންނެވެ.

ބެލެވޭ ގޮތުގައި ކުރިން ކަޅު އަކިރިގަނޑު ކަޅުވެފައިވަނީ އެސަރަހައްދަށްދޭ ގަދަ އަށްވާއި ހޫނުގެ ސަބަބުންނެވެ. އެގޮތުން ރާޅު ނުފޯރާ ހިސާބުގައި ހިމެނޭ ހަތާ ނުވަތަ ގާތަކުގެ މަތީފަރާތް އެއްކޮށް ކަޅުވެ މުޅި ސަރަހައްދުން ކަޅުކުލަ ފެނެއެވެ. އެގޮތުން އެސަރަހައްދަށް ކަޅު އަކިރިގަނޑޭ ކިޔުނު ކަމަށް ބެލެވެއެވެ. މިކަމަށް ބާރުދޭ ހެއްކަކީ ކަޅުއަކިރިގަނޑުން ނަގާ ‘ހަތާ’ ނުވަތަ ގާތަކުގެ އަޑިއަށް ހުންނަ ފަރާތް ހުދުކޮށް ހުންނައިރު މައްޗަށް ހުންނަ ފަރާތް ކަޅުވެފައި ހުރުމެވެ.

ބައެއް މީހުން މިކަމާއި ކަންބޮޑުވުން ފާޅުކުރިއަސް އަނެއްބަޔަކު މިކަމާ ކަންބޮޑެއް ނުވެއެވެ. އެގޮތުން ފުވައްމުލަކުގެ ޒުވާނަކު ބުނީ އެއީ ޒަމާނުއްސުރެ ވެސް ކަޅު އަކިރި ގަނޑު ނޫންހެއްޔެވެ؟ މަޑުމަޑުން ނެތެމުންދާ ކަޅު އަކިރިގަނޑަށް އަލުން ކުލަ ގެނެސްދިނުމަކީ އުފާވާން އެންމެ ރަނގަޅު ކަމެއްގެ ގޮތުގައެވެ.

“ކިހާ ރަނގަޅު ރަށުގެ އެއްކޮޅުގައި ހުދު އޮފް ވެލި. އަދި އަނެއްކޮޅުގައި ކަޅު އޮފް އަކިރި. ކިހާ ޚާއްސަ ކަމެއް މިއީ. މިއީ ރާއްޖޭގެ އެއްވެސް ރަށަކުން ފެންނާނެ ގޮތަކަށް ނުވުމުން މިކަމުން ފުވައްމުލަކުގެ ޚާއްސަކަން އިތުރުވާނެ ކަމަށް ވެސް ބެލިދާނެ” ޒުވާނަކު ޚިޔާލު ފާޅުކުރިއެވެ.

ނަމަވެސް ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކުން އެކަމާއި ދެކޮޅަށް ވާހަކަ ދައްކައެވެ. އަދި ރަށުގެ ފަރަށް އެރި ބޯޓުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި ލިބޭ ފައިސާއިން ރަށަށް ރާހަތެއް ނުކުރާ ހިނދު، އޮއްސާލެވުނު ހިލަތަކުން އެސަރަހައްދުގެ ދިރޭ މުރަކަތަކަށް ލިބިދާނެ ގެއްލުމެއްގެ ވާހަކަ ވެސް އެފަދަ ފަރާތްތަކުން ދައްކައެވެ.

ކޮންމެއަކަސް މިފަހަރުގެ މިކަޅުވުމާއެކު ރަށުގެ އިތުރުން މުޅިރާއްޖޭގެ އެތައް ބައެއްގެ ސަމާލުކަން މިސަރަހައްދަށް ވަނީ ލިބިފައެވެ. އަދި ރަށުގެ ގިނަ ބަޔަކު އެސަރަހައްދަށް ޒިޔާރަތްކޮށް ފޮޓޯނަގައި ސޯޝަލް މީޑިއާގައި އަންނަނީ ޝެއަރ ކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !