A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީގެ ޗެއަރ ޕާސަން އިންތިޚާބު ފުވައްމުލަކުގެ ނަތީޖާ

އިއްޔެ މެދުދާއިރާގެ އެމްޑީޕީ ހަރުގޭގައި ބޭއްވުނު ޗެއަރ ޕާސަން އިންތިޚާބު. ފޮޓޯ' ތޮލާލު

އެމްޑީޕީގެ ޗެއަރ ޕާސަން ހޮވުމުގެ އިންތިޚާބު އިއްޔެ ފުވައްމުލަކުގައި ކުރިޔަށް ގެންގޮސްފިއެވެ. މެދު ދާއިރާގެ އެމްޑީޕީ ހަރުގޭގައި ވޯޓުލުން ބޭއްވި މިއިންތިޚާބުގެ ފުވައްމުލަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެންޑިޑޭޓް ހަސަން ލަތީފު ވަނީ ބޮޑު އަޣުލަބިއްތެއް ހޯއްދަވާފައެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާގެ ޚަބަރުތަކުން އެނގޭގޮތުގައި ހަސަންލަތީފަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ބެލެވެއެވެ.

އިއްޔެގެ ވޯޓުގައި ފުވައްމުލަކުން ޖުމްލަ 809 މީހުން ވޯޓުލާފައި ވެއެވެ. އެއިގެތެރެއިން 803 މީހުން ވޯޓު ދީފައި ވަނީ އެމްޑީޕީގެ ޗެއަރޕާސަނަކަށް ހަސަން ލަތީފު ފެންނަ ކަމަށާއި ނުފެންނަކަމަށް 3 މީހުން ވޯޓު ދީފައިވާ ކަމަށް އެމްޑީޕީ ފުވައްމުލަކު ދާއިރައިން މައުލޫމާތު ދީފައިވެއެވެ. މިއީ ފުވައްމުލަކު މީހުން ވޯޓުލާން ހަމަޖެހިފައިވާ ދެ ފޮށީގެ ތެރެއިން ރަށުގައި ބެހެއްޓި ފޮށީގެ ނަތީޖާއެވެ. މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާ އަދި ލިބިފައެއް ނެތެވެ.

މި އިންތިޚާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ގިނަބަޔަކު ފެންނާނެކަމަށް ފުރަތަމަ ކޮޅު ބެލުނު ކަމުގައި ވިޔަސް އެންމެ ފަހު ވަގުތު ކުރިމަތިލާފައި ވަނީ ހަސަން ލަތީފު އެކަންޏެވެ. އެމްޑީޕީގެ އިންތިޚާބުތަކާއި ބެހޭ ގައިވާއިދުގައި ވާގޮތުން އެއްކެންޑިޑޭޓަކު ކުރިމަތިލީ ކަމުގައި ވިޔަސް އިންތިޚާބު ބާއްވައި، އާއްމު މެންބަރުންގެ ވަކި މިންވަރެއްގެ ތާއިދު އޭނާއަށް އޮތްކަން ޔަގީން ކުރަން ޖެހެއެވެ. އެގޮތުން މި އިންތިޚާބު ހަސަން ލަތީފަށް ކާމިޔާބު ވާނީ މަދުވެގެން 5000 (ފަސް ހާސް) ވޯޓު ލިބިގެން ކަމަށް ވެއެވެ. 

ރޭގައި އެމްޑީޕީގެ އިލެކްޝަން ކޮމެޓީން އާއްމުކުރި ވަގުތީ ނަތީޖާ ތަކުން ހަސަން ލަތީފަށް ވަނީ 25000 ވޯޓުލިބިފައެވެ. ވުމާއެކު ހަސަން ލަތީފަށް މިއިންތިޚާބު ކާމިޔާބު ކުރެވިފައި ވާކަމަށް ބެލެވެއެވެ. ހަސަން ލަތީފަކީ އަބަދުވެސް އެމްޑީޕީގެ އިސް ހަރަކާތްތެރިއެކެވެ. އޭނާ ވަނީ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ވެސް ކުރައްވާފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !