A wide advertisement which will be shown on all devices. (700 x 100)

ކޮންފެޑެރޭޝަން ކަޕްގެ ސެމީ ފައިނަލަށް ޕޯޗުގަލް އާއި މެކްސިކޯ

މެކޮސިކޯގެ މޮޅާއެކު ސެމީ ފައިނަލުގެ ޖާގަ ވަނީ ކަށަވަރު ކުރެވިފައި. ފޮޓޯ: ފީފާ

މިހާރު ރަޝިއާގައި ކުޅެވޭ ކޮންފެޑެރޭޝަން ކަޕްގެ ގުރޫޕް އޭ ގެ ފަހު ދެމެޗު މިރޭ ނިމުނު އިރު ގުރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ޕޯޗުގަލް ޓީމެވެ. މި ގުރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުގެ ޖާގަ ހޯދީ މެކްސިކޯއިންނެވެ.

މެކްސިކޯ އާއި ރަޝިއާ

ކަޒާން އެރީނާގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ރަޝިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗު ފެށިގެންނާ އެކުހެން މެކްސިކޯގެ ގޯލަށް ހަމަލާދެމުން ދިޔައެވެ. އޭގެ ނަތީޖާއަކަށް ވީ މެޗުގެ 25 ވަނަ މިނިޓުގައި އެޓީމުން ގޯލެއް ކާމިޔާބުކުރުމެވެ. މިގޯލު ކާމިޔާބުކޮށް ދިނީ އެޓީމުގެ ސެމީޑޯވް (ޖ.19) އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މެކްސިކޯއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމުގެ ގޯލަކީ ރަޝިއާ ހާފުގެ މެދެއްހާ ހިސާބުން މަތިން ފޮނުވާލި ބޯޅައަކަށް ފޯވަޑު ދުވެ ކުރިއަށް އަރާ ބޮލުން ކީޕަރުގެ ބޯމަތިން ގޯލުގެ ކަނަށް އޮއްސާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފު ފެށިގެން ވެސް ރަޝިއާއިން ރަނގަޅު ކުޅެމެއް ދެއްކިއެވެ. ނަމަވެސް އަމިއްލަ ގައުމުގެ 41600 ހާ ސަޕޯޓަރުން ކުރިމަތީގައި ބަދު ނަސީބާއި ކުރިމަތިވީ އެޓީމުގެ ޑިފެންޑަރުންނާއި ގޯލުކީޕަރަށް ހެދުނު ގޯހަކުންނެވެ. ރަޝިއާގެ ހަމަލާއެއްގައި މެކްސިކޯގެ ޑިފެންޑަރުން ސާފުކޮށްލި ބޯޅައެއް ރަޝިއާގެ ޕެނަލްޓީ އޭރިއާ އާއި ހަމައިން ޑިފެންޑަރު ކިޕަރަށް ދޫކޮށްލުމުން ކީޕަރު ބޯޅަ ހޯދުމަށް ކުރިއަށް އެރި ނަމަވެސް، މެކްސިކޯގެ ޒުވާން ފޯވަޑު ލޮޒެންޑޯ (ޖ.22) އެ ދޭތެރެއަށް ވަދެ، ބޮލުން ރަޝިއާގެ ހުސްކޮސް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ގެން މެޗު 2-1 ން ކާމިޔާބު ކުރީއެވެ. މެޗުގައި ރަޝިއާގެ ކުޅުންތެރިއަކަށް މުބާރާތުގެ ފުރަތަމަ ރަތްކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑަށް ފަހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެކްސިކޯގެ ޒުވާން ފޯވަޑް ލޮޒެންޑޯއެވެ.

ޕޯޗުގަލް އާއި ނިއުޒީލޭންޑް

މިމުބާރާތުގައި އެންމެ ދަށް ޓީމެއްގެ ގޮތުގައި ފާހަގަ ކުރެވުނު ނިއުޒީލެންޑު ކޮޅަށް 4 ގޯލު ޖަހައިގެން ޕޯޗުގަލް އިން މޮޅުވީ ގްރޫޕުގެ 1 ވަނަ ކަށަވަރުކުރީ ފައިދާ ގޯލުން ނެވެ. މެކްސިކޯއަށް ވެސް ވަނީ 3 މެޗުން 7 ޕޮއިންޓް ލިބިފައެވެ. ނަމަވެސް ޕޯޗުގަލް އަށް ކުރި ލިބެނީ ފައިދާ 3 ގޯލުންނެވެ.

މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ގޯލު ޕެނަލްޓީއަކުން ރޮނަލްޑޯ ކާމިޔާބުކޮށް ދިންތަނާ 4 މިނިޓް ފަހުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށް ދިނީ ބާނާރޑޯ (ޖ.10) އެވެ. ދެވަނަ ހާފުގެ ފަހު ބައިގައި އަންޑްރެ ސިލްވަރ (ޖ.9) އާއި ނާނި (ޖ.17) ގެ ދެ ގޯލުން މެޗުގެ ނަތީޖާ ނިންމަލީ 4-0 ގެ ބޮޑު މޮޅަކުންނެވެ. މިމެޗަށް ނިކުތް އިރުވެސް ނިއުޒީލޭންޑު އޮތީ މުބާރާތުން ކަޓާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ޕޯޗުގަލްގެ ކްރިސްޓިއަނާ ރޮނަލްޑޯއެވެ.

މަދަމާ ރޭ ކުޅެވޭ ގްރޫޕް ބީގެ ދެމެޗު ވެސް ކުޅެވޭނީ އެއްގަޑިއެއްގައެވެ.

ޖަރުމަނާއި ކެމަރޫން 8:00 ގައި ބައްދަލުކުރާނީ ސޮޗިގައެވެ.

ޗިލިއާއި އޮސްޓްރޭލިއާ 8:00 ގައި ބައްދަލުކުރާނީ މޮސްކޯގައެވެ.

މިގްރޫޕުން ދެވަނަ ބުރަށް ދާނެކަމަށް ބޮޑަށް ބެލެވެނީ ޖަރުމަނާއި ޗިލީއެވެ. އެހެން ނަމަވެސް ކެމަރޫނާއި އޮސްޓްރޭލިއާއަށް ވެސް އަދި ހަނި ފުރުސަތެއް އެބައޮތެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !