A wide advertisement which will be shown on all devices. (700 x 100)

ޕީޕީއެމް ހޯދަޑު ދެ ގުރޫޕެއްގެ މެދުގައި އޮތް ވާދަވެރިކަން ހާމަވާ ވީޑިއޯއެއް ލީކުކޮށްލައިފި

ޕީޕީއެމް- ހޯދަޑު އެތެރޭގައި އުފެދިފައިވާ ވާދަވެރިކަން ހާމަވާ ވީޑިއޯގެ މަޒަރެއް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ހޯދަޑު ދެ ގުރޫޕެއްގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން ހާމަވާ ވީޑިއޯއެއް ފޭސްބުކްގައި ލީކްކޮށްލައިފިއެވެ. މީގެ 2-3 ދުވަސްކުރިން ލީކުކޮށްލި މިވީޑިއޯގައި ޕީޕީއެމް އިން ހޯދަޑުގައި އިސްކޮށް ހަރަކާތެރިވާ ދެފަރާތަކުން ދެބަސްވެ ޒުވާބުރާ ކަން ހާމަވެއެވެ. ނަމަވެސް މިޒުވާބަކީ ސުލްހަވެރިކަމާއެކު ހިނގި ޒުވާބެއް ކަމަށް ވެއެވެ.

މި ދެބަސްވުން އުފެދިގެން އުޅެނީ ތަން ކޮޅެއް ކުރިން ފުވައްމުލަކުގެ އެކިއަވަށް ތަކުން ޕީޕީއެމް ގެ ހަރަކާތްތަކުގައި އެ އަވަށެއް ތަމްސީލުކުރުމުގެ ގޮތުން ވޯޓުލައިގެން ކޯ-ޓީމް މެންބަރުން ހޮވިގޮތާއި މެދުއެވެ. ހޯދަޑު އަވަށުން ފުވައްމުލައް ކޯ-ޓީމް މެންބަރަކަށް ހޮވިފައިވާ ހަސަން އަބްދުﷲ (ކޭ-ހަސަން) އެވެ. އޭނާއާއި އެމަގާމަށް ވާދަކުރީ ރަމީޒުއެވެ. ވީޑިއޯގައި ޒުވާބު ހިގާފައި ވަނީ މި ދެމީހުންގެ ދެމެދުގައި ކަމަށް ވެއެވެ. މި ޒުވާބު ހިނގިއިރު އިތުރު މީހުންވެސް އެތަނުގައި ތިއްބެވެ. 

އެކުވެރި ޖައްވެއްގައި ތާސްކުޅެން ތިބެ ކޭ-ހަސަނު ބުނެފައި ވަނީ އެޖަލްސާ (ވޯޓު ނެގި)ގައި ރަމީޒުއާއި އުތުރު ދާއިރާ ސިޓީ ކައުންސިލް މެންބަރު ހަމަދު ވެސް ހުރި ކަމަށާއި އެއީ ސައްހަކޮށް ނެގި ވޯޓެއް ކަމަށެވެ. 

ނަމަވެސް ރަމީޒު ވީޑިއޯގައި ބުނަނީ އެޖަލްސާގައި ވޯޓު ނެގިއިރު ހާޒިރުވެތިބި މީހުންގެ މެދުގައި ބިރުވެރިކަމެއް އޮތް ކަމަށެވެ. ވަކި މީހަކަށް ވޯޓު ދޭން މަޖުބޫރީ ހާލަތެއް އޮވެގެން ނަގާ ވޯޓަކީ ސައްހަ ވޯޓެއް ނޫން ކަމަށް ދޭހަވާ ގޮތަށް ރަމީޒު ރައްދު ދިނެވެ. މިޒުވާބުގައި އެހެން މީހަކު ބުނެފައި ވަނީ ވޯޓުން ބަލިވި ރަމީޒު ބުނާ ގޮތުގައި މިވޯޓުގައި ގޮތްނޭނގޭ ސިއްރު ކަންތައްތަކެއް ހިމެނޭ ކަމަށެވެ. 

ކުޅެން ތިބި މޭޒުގައި ބާރަތް އަތުން ޖަހާފައި އަޑަށް ބާރުލާފައި ހަސަނު ބުނެފައި ވަނީ އެ ވޯޓާއި މެދު ހިތްހަމަ ނުޖެހިގެން ޖަލްސާ ބޯއިކޮޓް ކޮށްފައި ރަމީޒު ޖަލްސާ ދޫކޮށް ނުނިކުތީ  ކީއްވެގެން ބާވައެވެ؟ މިހާރު އެ ދައްކަނީ ބަލިވުމުން ދައްކާ ބަހަނާ ތަކެއް ކަމަށެވެ. އެޖަސާގައި ތިބި ބައެއް މީހުންނަކީ ޕީޕީއެމަށް ހަރާމްކޯރުވާ (ފތބ) ބައެއް ނަމަ ދެންވެސް ތިބީ އެފަދަ ނުބައި އަމަލު ކުރާ މީހުން ކަމަށް ހަސަނު ބުނެއެވެ. 

ކުރިން ހޯދަޑު އަވަށުގައި ޕީޕީއެމްގެ ކަންކަމުގައި ރަމީޒު އިސްކޮށް އުޅުނު ނަމަވެސް މިހާރު ފެންނަނީ ކޭ-ހަސަނު އުޅޭ ތަނެވެ.

ކުރިން ހޯދަޑު ޕީޕީއެމްގެ ޖަލްސާތައް ގިނައިން ވަލިބުރީގައި ބޭއްވި ނަމަވެސް ދެން ޖަލްސާތައް ބާއްވާނީ މަތިމަގުގައި ހަސަންމެންގެ ހިސާބުގައި އަލަށް ހުޅުވި ޕީޕީއެމް ޖަގަހާގައި ކަމަށް ހަސަނުއާއެކު ޕީޕީއެމްގެ ކަންކަމުގައި ހަރަކާތެރިވާ މީހަކު ކުރިން ބުނެފައި ވެއެވެ.

ޕީޕީއެމަށް ތާއިދު ކުރާ ހޯދަޑުގެ ބައެއް މީހުން ބުނަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ހޯދަޑުގެ %70 ވޯޓު ލިބޭނެ ކަމަށެވެ. އެކަމަކު މިހާތަނަށް ބޭއްވި ރިޔާސީ އެއްވެސް އިންތިޚާބެއްގައި ޕީޕީއެމަށް ހޯދަޑުގެ މެޖޯރިޓީ ވޯޓު ވެސް ލިބިފައެއް ނެތެވެ. ހޯދަޑުގެ ރިޔާސީ އިންތިޚާބުތަކުގެ %65 -%70 ވޯޓު އާއި ދެމެދުގެ އަދަދެއް އިދިކޮޅު އެމްޑީޕީން ކުރިން ހޯދަމުން އައިސްފައި ވެއެވެ. އަވަށު ކައުންސިލް އިންތިޚާބުގެ ހުރިހާ ގޮޑިއެއް ވެސް ހޯދާފައި ވަނީ އިދިކޮޅު އެމްޑީޕީ އިންނެވެ.

އެކަމަކު ހޯދަޑު ހިމެނޭ އުތުރު ދާއިރާގެ މަޖުލިސް ގޮޑި އާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް ގޮނޑި އަބަދު ވެސް ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމް އިންނެވެ.    

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !