A wide advertisement which will be shown on all devices. (700 x 100)

އަންނަ އަހަރު ކިންދަގާޑެން ކްލާސްތައް ރަސްމީ ސްކޫލަތަކަށް

ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިން

އަންނަ އަހަރު ފުވައްމުލަކުގެ ޕްރައިމަރީ ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައި އެސްކޫލްތަކުން އިއުލާން ކޮށްފިއެވެ. އެހެން އަހަރުތަކާ ޚިލާފަށް އަންނަ އަހަރު ޕްރައިމަރީ ސްކޫލްތަކަށް ގްރޭޑް 1 ގެ އިތުރުން ޔޫކޭޖީ އަދި އެލްކޭޖީ ކްލާސްތަކަށް ކުދިން ވައްދާނެއެވެ. މިއީ ރާއްޖޭގެ ރަސްމީ ތައުލީމުގެ ތެރެއަށް ޔޫކޭޖީ އަދި އެލްކޭޖީ ކްލާސްތައް ވަދެގެން ދާ ފުރަތަމަ ފަހަރެވެ.

އަންނަ އަހަރު ހާފިޒް އަހްމަދު ސުކޫލް (ހޭޒް) އަށް ވެއްދުމަށް އިއުލާންކޮށްފައި ވަނީ ގްރޭޑް 1 އަށް 100 ކުދިން (4 ކްލާސް) ޔޫކޭޖީ އަދި އެލްކޭޖީ އަށް ކޮންމެ ގުރޫޕަކަށް 75 ދަރިވަރުން (3 ކްލާސް) ނެވެ. ހޭޒަށް ވަނުމުގެ ފޯމް 18 އޮކްޓޯބަރުން ފެށިގެން ސްކޫލުން ދޫކުރާއިރު ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 5 ނޮވެމްބަރުއާއި ހަމައަށެވެ.

މަދަރުސަތުއް ޝައިޚް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) އަށް އަންނަ އަހަރު ވެއްދުމަށް ވަކި އަދަދެއް ކަނޑައެޅިފައި ނުވާކަމަށް އެސްކޫލްގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު ވިދާޅުވިއެވެ. އެމްޖޭއެމަށް ވަނުމަށް ޝައުގުވެރިވާ ހުރިހާ ފަރާތަކަށް ވެސް އެސްކޫލުން އަންނަ އަހަރު ޖާގަ ދިނުމަށް ނިންމާފައި ވާކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރު ވެސް ދެސެޝަނަށް ކުރިޔަށް ގެންދާއިރު ކްލާސްރޫމު ތަކުގެ ދަތިކަން ހައްލުވެގެން ދާނީ އަލަށް އިމާރާތްކުރެވޭ 8 ކްލާސްރޫމްގެ އިމާރާތުންނެވެ. އެސްކޫލަށް ވަނުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފާއެވެ. އަދި ފޯމް ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ ނޮވެމްބަރ މަހު 29 ވަނަ ދުވަހެވެ. ނަމަވެސް އެއިގެ ފަހުން ލިބޭ ފޯމްތައް ވެސް ބަލައިގަންނާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ފުވައްމުލަކު ސްކޫލް (އެފްއެސް) އަށް އަންނަ އަހަރު ކިންދަގާޑެން ކްލާސްތައް އިތުރުވުމާއެކު 2 ސެޝަނަށް ސްކޫލް ބަދަލުވެގެން ދާނެއެވެ. އެފްއެސް އިން ވެސް މިއަދު ވަނީ އެސްކޫލަށް ވަނުމުގެ ޖާގައަށް ހުޅުވާލާފައެވެ. އެފްއެސްގެ ޕްރިންސިޕްލް ހަސަން ޒަރީރު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެސްކޫލަށް ވަނުމަށް އެދޭ ހުރިހާ ފަރާތަކަށް ވެސް ފުރުސަތު ދިނުމަށް ވަނީ ނިންމާފައި ކަމަށެވެ. އަދި އެސްކޫލަށް ވަނުމަށް އެދޭ ފޯމް ބަލައިގަތުމުގެ ފަހުގެ ތާރީޚެއްގެ ގޮތުގައި ވަނީ 12 ނޮވެމްބަރެވެ.

އަންނަ އަހަރު އަތޮޅުތަކުގެ ކިންދަގާޑެން ކްލާސްތައް ރަސްމީ ޕްރައިމަރީ ސްކޫލްތަކަށް ބަދަލުކުރަމަށް އެޑުކޭޝަން މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ދިރާސީ އަހަރު، ޖެނުއަރީ 13 ގައި ފެށޭއިރު ލޯވަރ ކިންދަގާޑެން (އެލް ކޭ ޖީ) އަދި އަޕަރ ކިންދަގާޑެން (ޔޫ ކޭ ޖީ) ކްލާސްތައް ރަސްމީ ތައުލީމުގެ ތެރެއަށް ވަދެގެން ދާނެއެވެ. އަދި އަންނަ އަހަރުން ފެށިގެން އެ ލެވެލް ގެ ކުދިން ކިޔަވަމުންދާނީ ސަރުކާރުގެ ޕްރައިމަރީ ސްކޫލްތަކުގައެވެ.

އެގޮތުން ފުވައްމުލަކުގެ 3 ޕްރައިމަރީ ސްކޫލަށް ރަށުގައި ހިމެނޭ 7 ޕްރީ ސްކޫލްގެ ދަރިވަރުންގެ ތެރެއިން ޔޫކޭޖީ އަދި އެލްކޭޖީ ކްލާސްތައް ބަދަލުވެގެން ދާނެ ކަމަށް ބެލެވެއެވެ. މިއާއެކު ސްކޫލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމައްޓަކައި މިހާރު އެއްސެޝަނަށް ހިނަގާ ސްކޫލް ދެސެޝަނަށް ބަދަލުކުރުން ނުވަތަ އާ ކްލާސްތަކެއް ސްކޫލަތަކަށް ބޭނުންވާނެއެވެ. މިއާއެކު އިތުރު މުދައްރިސުން ޚާއްސަކޮށް ޔޫކޭޖީ އަދި އެލްކޭޖީ ކްލާސްތަކަށް ބޭނުންވާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !