A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސުކޫލްގެ ކުދިންނަށް މޭވާ ކެއުމަށް ބާރުއެޅުމުގެ ހާއްސަ ކެމްޕެއިނެއް

ފުވައްމުލަކު ސުކޫލް އިން ފާހަނގަކުރި ފުރުޓް ޑޭގެ ހަރަކާތެއް

ފުވައްމުލަކު ސުކޫލް (އެފްއެސް) ގެ ދަރިވަރުން މޭވާ ކެއުމަށް ބާރުއެޅުމުގެ ގޮތުން ހާޢްސަ ކެމްޕެއިނެއް އެސުކޫލުން މިއަދު ފަށައިފިއެވެ.

ފުވައްމުލަކު ސުކޫލްގައި މިއަދު ފާހަނގަކުރި “ފުރުޓް ޑޭ 2016” އާއި ގުޅޭގޮތުން ބޭއްވި ހާއްސަ އެސެމްބުލީގައި މޭވާ ކެއުމަށް ބާރު އެޅުމުގެ ގޮތުން ހަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން ސުކޫލްގެ ކޮންމެ ކުލާހަކަށް ސުކޫލްގެ ފަރާތުން މޭވާ ހަދިޔާކޮށްފައިވެއެވެ.

މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި މޭވާ ކެއުމުގެ މުހިންމުކަމާއި ބެހޭގޮތުން ޏ.އަތޮޅު ހޮސްޕިޓަލުގެ ސީނިއަރ ކޮމިއުނިޓީ އޮފިސަރ އާމިނަތު އަހްމަދު ވިދާޅުވީ ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް ތަރުކާރީ އާއި މޭވާއަކީ މުހިންމު ދެ ކާނާ ކަމަށެވެ. އަދި މޭވާ ކެއުމުގެ މުހިންމުކަމާއި އަދި މޭވާ އިން ދަރިވަރުންނަށް ކުރާނެ ފައިދާތަކާއި އަދި ސިއްހީ ފައިދާގެ މައްޗަށް ވާހަކަ ދެއްކެވިއެވެ. އަދި މިމަހުގެ ތެރޭގައި އެސުކޫލްގެ ކުދިންގެ ހެލްތު ސްކްރީން ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރު ވެސް މޭވާ އާއި ތަރުކާރީ ކެއުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދެއްކެވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ސްކޫލްގެ ބެލެނިވެރިންވެސް ބައިވެރިވިއެވެ. މީގެ އިތުރުން އެސުކޫލްގެ ހެލްތު އެންޑް އެންވަޔަރމަންޓް ކުލަބް (ޝެޑް) ގެ ދަރިވަރުން ދުވަހާއި ގުޅޭ ޑްރާމާ އަކާއި ލަވައެއް ހުށަހަޅައި ދިނެވެ. އަދި ދުވަހާއި ގުޅޭ ޕްރެޒެންޓޭޝަނެއް ޕޯސްޓަރުން ހުށަހަޅައިދިނެވެ.

ފުވައްމުލަކު ސުކޫލްގެ ލީޑިންގ ޓީޗަރ ޔުމްނާ ފާއިޒް ވިދާޅުވީ މިދިޔަ އަށް އަހަރުދުވަހުވެސް އެސުކޫލްއިން މޭވާ އާއި ތަރުކާރީ ކެއުމަށް ބާރުއަޅައި ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. އަދި ކޮންމެ އަންގާރަ ދުވަހަކީ މޭވާ ކެއުމަށް ހާއްސަ ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

“ކޮންމެ އަންގާރަ ދުވަހަކު ހުރިހާ ދަރިވަރުން އިންޓަވަލަށް ގެންނާނީ މޭވާ، މިކެންޕެއިންގެ ތެރެއިން ދަރިވަރުން މޭވާ އާއި ތަރުކާރީ ކެއުމަށް އަހުލުވެރި ކުރެވޭނެ، އަދި ފުވައްމުލަކަކީ މޭވާ ގިނަ ރަށަކަށްވެފައި ކިޔަވާކުދިން މޭވާ ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ މިކެމްޕެއިންގެ އެންމެބޮޑު އެއް ބޭނުން” ޔުމްނާ ވިދާޅުވިއެވެ.

ފުވައްމުލަކު ސުކޫލްގައި 304 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ގެންދެއެވެ. އަދި ފުވައްމުލަކު ސްކޫލަކީ ފުވައްމުލަކުގައި އެންމެ ގިނަ ދުވަސްވީ ސުކޫލެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !