A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ދަނޑުވެރިން ކެމިކަލް ފާޓިލައިޒަރ އަދި ޕެސްޓިސައިޑް އާއި ދުރަށް

ފުވައްމުލަކުގެ ދަނޑުވެރިންނަށް ކާދު އަދި ނީމް އޮއިލް ހަދިޔާކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިސް

ފުވައްމުލަކުގެ ދަނޑުވެރިން ކެމިކަލް ފާޓިލައިޒަރ އަދި ޕެސްޓިސައިޑް އާއި ދުރަށް ދިއުމުގެ މަސައްކަތެއް އަތޮޅު ކައުންސިލުން ފަށައިފިއެވެ. އެގޮތުން ފުވައްމުލަކު އަތޮޅު ކައުންސިލުން ވަނީ ދަނޑުވެރިންނާއިއެކު، ތަފާތު ބާވަތްތަކުގެ ކެމިކަލް އެކުލެވޭ ގަސްކާނާއާއި ޕެސްޓިސައިޑް ބޭނުން ނުކުރުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ. މިއެއްބަސްވުން ގާއިމުކޮށް ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ގަސްހެއްދުމުގެ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ދަނޑުވެރިންނަށް ‘ނީމް އޮއިލް’ އަދި ކާދު ހަދިޔާ ކުރުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

އަތޮޅު ކައުންސިލުގެ ރައީސް ފަލާޙު ޝަރީފު މިކަލް ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ ފުވައްމުލަކުގައި ހައްދާ ދަނޑު ގޮވާމުގެ ބާވަތްތަކީ ކެމިކަލްގެ އަސަރު ކުޑަ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ހެއްދޭ ބާވަތްތަކަކަށް ހެދުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށެވެ.

އަތޮޅު ކައުންސިލުން ޔޫއެންޑީޕީއަށް ހުށަހެޅި ޕޮރޮޖެޓެއް ކާމިޔާބުވުމުން، އެފަރާތުގެ ހިލޭ އެހީގެ ދަށުން މިހާރު މިވަނީ އެޕްރޮޖެކްޓް ފެށިފައި ކަމަށް ފަލާޙު ވިދާޅުވިއެވެ. މިޕްރޮޖެކްޓްގެ ދަށުން އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން ފުވައްމުލަކު ދަޑިމަގު ސަރަހައްދުގައި ކާދު ހަދާ ތަނެއް ތައްޔާރުކޮށް ދަނޑުވެރިންނަށް ކާދު ލިބެނޭ އިންތިޒާމު މިހާރު މިވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވިއެވެ.

ކާދު ހަދައި ދަނޑުވެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި އެކަން އިފްތިތާޙު ކުރުމުގެ ގޮތުން، އެތަނުން ހެދި ކާދުގެ ފުރަތަމަ ބައި މިވަނީ ދަނޑުވެރިންނަށް ހިލޭ ދޫކޮށްފައި ކަމަށް ވިދާޅުވިއެވެ. މިއާއެކު ޕެސްޓިސައިޑް ގެ ބަދަލުގައި ދަޑުވެރިން ބޭނުން ކުރުމަށް ނީމް އޮއިލްގެ ސޮޓޮކެއް ވެސް ދަޑުވެރިންނަށް ހިލޭ ދޫކޮށްފައި ވެއެވެ.

މިފަހަރު ކާދު އަދި ނީމް އޮއިލް މިދޫކުރެވުނީ ދަނޑުވެރިންގެ ތެރެއިން އަތޮޅު ކައުންސިލާއެކު، ކެމިކަލް ފާރޓިލައިޒަރ އަދި ޕެސްޓިސައިޑްސް ބޭނުން ނުކުރަން އެއްބަސްވުން ގާއިމުކުރި ފަރާތްތަކަށް ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވިއެވެ.

މިޕްރޮޖެކްޓުގެ އަމާޒަކީ ފުވައްމުލަކުގައި ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކަކީ ތަފާތު ކެމިކަލްތަކުގެ އަސަރުން އެއްކިބާވެ ސިއްހަތައް އެންމެ ރަނގަޅު ބާވަތްތަކަކަށް ހެދުން ކަމަށް މައުލޫމާތު ލިބެއެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ރަށްތަކުގައި ހައްދާ ދަނޑުގޮވާމުގެ ބާވަތްތަކުގައި ގިނަ އަދަދަކަށް ހަށިގަޑަށް ގެންލުންދޭ ކެމިކަލްގެ ބާވަތްތައް އެކުލެވޭކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !