މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އިން ދެއްވާ “ޑިސްއެބިލިޓީ އެވޯރޑް” ހާފިޒް އަހްމަދު ސުކޫލަށް ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އިން މިއަދު މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި “ޑިސްއެބިލިޓީ އެވޯރޑް” ހާސިލް ކުރި ފަރާތްތަކަށް އެވޯރޑް ހަވާލުކޮށްދެއްވީ ނައިބް ރައީސް އަބްދުﷲ ޖިހާދުއެވެ.
ހާފިޒް އަހްމަދު ސުކޫލަށް އެވޯރޑް ލިބިފައިވަނީ އަތޮޅު ތަކުގެ ސުކޫލްތަކުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުގަންނައިދީ ހުނަރު ދަސްކޮށްދިނުމުގެ ބައިންނެވެ. މިބައިގެ ހިމެނޭ މާލޭގެ ސުކޫލްތަކުގެ ތެރެއިން އެވޯރޑް ލިބިފައިވަނީ ޖަމާލުއްދީން ސުކޫލަށެވެ. ހާފިޒް އަހްމަދު ސުކޫލްގެ ފަރާތުން އެވޯރޑާއި ހަވާލުވީ އެސުކޫލްގެ ލީޑިންގ ޓީޗަރ ނިޒްނާ އާދަމް އެވެ.
ހާފިޒް އަހްމަދު ސުކޫލުންވަނީ 2011 ވަނަ އަހަރުން ފެށިގެން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އުގަންނައި ދިނުމުގެ ކުލާސްތަކެއް ހިންގަމުންނެވެ. އެގޮތުން އެކުދިންނަށް ތަފާތު ހުނަރު ދަސްކޮށްދިނުމާއި ގާލްގައިޑް އަދި ސުކައުޓް ހަރަކާތްތައް ހިންގަމުން ގެންގޮސްފައިވެއެވެ.
ހާފިޒް އަހްމަދު ސުކޫލްގެ ލީޑިންގ ޓީޗަރ ނިޒްނާ އާދަމް ވިދާޅުވީ މިއަދު ލިބުނު އެވޯޑަކީ ސުކޫލް މެނޭޖްމަންޓާއި ޓީޗަރުން އަދި ބެލެނިވެރިންގެ ބުރަމަސައްކަތުން ލިބުނު އެވޯރޑެއް ކަމަށެވެ. އެގޮތުން ކުރީގެ ޕްރިންސިޕަލް މަރިޔަމް ނާސިރު އާއި މިހާރުގެ ޕްރިންސިޕަލް ހައުލަތު ސައީދުގެ އިތުރުން ފައިސަލް ފައުންޑޭޝަނާއި އަތޮޅު ކައުންސިލުން އެސުކޫލްގެ ސެން ކުލާހަށް ވެދެއްވަމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
“ޑިސްއެބިލިޓީ އެވޯރޑް” ލިބުނު އެހެން ފަރާތްތަކަކީ ޖަމްމިއްޔާ ޖަމާއަތްތަކުގެ ބައިން ބިއުޓިފުލް އައިޒް އޮފް މޯލްޑިވުސް، ކުންފުނިތަކުގެ ތެރެއިން މޯލްޑްވިސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެވެ. މީގެ އިތުރުން އިތުރު ބައެއް ކެޓަގަރީތަކަށްވެސް އެވޯރޑް ދީފައިވެއެވެ.
އެވޯރޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިސަރުކާރުން ގިނަ ގުނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވާ ކަމަށާއި އެފަރާތްތަކަކީވެސް އެއްވެސް ކަމެއްގައި ބާކީ ނުކުރާ ފަރާތްތަކެއް ކަމަށެވެ.
ޚިޔާލުތައް