A wide advertisement which will be shown on all devices. (700 x 100)

އަތޮޅަކުން ސިޓީއަކަށް މުސާރަ ކުޑަވެ ޒިންމާ ބޮޑުވެފައި

ފުވައްމުލައް މިވަނީ އަތޮޅަކުން ސިޓީއަކަށް ބަދަލުވެފައެވެ. ނަމަވެސް ކައުންސިލަރުންގެ މުސާރައަށް މިއައީ އުފާކުރުން ހައްގު ބަދަލެއް ނޫނެވެ. ކުރިން 30 ކައުންސިލަރުންކުރަމުން އައި މަސައްކަތް 3 ކައުންސިލަރުން ކުރުމަށް ޖެހިފައިވާ އިރު އެމީހުންގެ މުސާރަ މިވަނީ އަތޮޅު ކައުންސިލްގެ މެމްބަރުންގެ މުސާރައަށްވުރެ ބޮޑުތަން ކުޑަވެފައެވެ. ހަމަ ހަގީގަތުގައި ވެސް ސިޓީ ކައުންސިލްގެ މެމްބަރުންނަށް މިދެވެނީ އިންސާފުވެރި އުޖޫރައެއް ބާވައެވެ. އަތޮޅަކުން ސިޓީ އަކަށް ޕްރޮމޯޓް ވުމުން ކައުންސިލަރުންގެ މުސާރަ އަށް އައީ ޑިމޯޝަނެކެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރައަކީ އެލެވަންސާއިއެކު 20 ހާހުން މަތީ އަދަދެކެވެ. ނަމަވެސް، މޭޔަރުގެ މުސާރައަކީ 15 ހާސް ރުފިޔާގެ އަސާސީ މުސާރައަކާއި 3 ހާސް ރުފިޔާގެ ލިވިން އެލަވަންސާއެކު ޖުމްލަ 18 ހާސް ރުފިޔާއެވެ. މިމިންގަނޑުން ބަލާއިރު އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރަ މޭޔަރުގެ މުސާރައަށްވުރެ ގާތްގަޑަކަށް 39 އިންސައްތަ ބޮޑެވެ. މިއީ ކުރިއެރުމެއްބާވައެވެ. ދެން ހުރި މުސާރަތަކަށް ބަލާލުން ވެސް މުހިންމެވެ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މުސާރަ އަކީ އެލަވަންސާއިއެކު ގާތްގަޑަކަށް ޖުމްލަ 20 ހާސް ރުފިޔާއެވެ. މިއަދަދަކީ ޑެޕިއުޓީ މޭޔަރަށް ލިބޭ ޖުމްލަ 14 ހާސް ރުފިޔާ އަށްވުރެ ގާތްގަޑަކަށް 42 އިންސައްތަ ބޮޑު އަދަދެކެވެ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ މުސާރަ އަކީ ގާތްގަޑަކަށް 15 ހާސް ރުފިޔާއެވެ. އެއީ ސިޓީ ކައުންސިލްގެ މެމްބަރުންނަށް ލިބޭ ޖުމްލަ 11 ހާސް 500 ރުފިޔާ އަށްވުރެ ގާތްގަޑަކަށް 34 އިންސައްތަ ބޮޑު އަދަދެކެވެ. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ ސިޓީ ކައުންސިލުން މުސާރަ އަތޮޅު ކައުންސިލަރުންނަށްވުރެ 30 އިންސައްތަ އަށްވުރެ ބޮޑުތަން ކުޑައެވެ.

ފުވައްމުލަކުގައި އަތޮޅު ކައުންސިލެއް އޮންނަނަމަ 6 މެމްބަރުން ތިބޭނެއެވެ. އެއީ ގާތްގަޑަކަށް ޖުމްލަ 103 ހާސް ރުފިޔާ އެވެ. ނަމަވެސް ސިޓީ ކައުންސިލަކަށް ބަދަލުވުމުން 3 މެމްބަރުންނަށް މަދުވެ މުސާރައިގެ ގޮތުގައި ހުރިހާ މެމްބަރުންނަށް ލިބޭނެ ޖުމްލަ އާމްދަނީ އަކީ 44،500 ރުފިޔާ އެވެ. އެއީ އަތޮޅު ކައުންސިލެއް އޮންނަނަމަ ކައުންސިލަރުންނަށް ލިބޭނެ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު އަދަދެކެވެ. މަސައްކަތްވީ ބުރައެވެ. މުސާރަވީ ކުޑައެވެ. މިއީ އިންސާފުވެރި އުޖޫރަ ތަކެއްތޯއެވެ.

ހަމަޔަގީނުންވެސް، ނަން ރީއްޗެވެ. އަތޮޅު ކައުންސިލް އަށްވުރެ ސިޓީ ކައުންސިލެކޭ ބުނުމުން ލިބޭ ފަޚުރު ބޮޑުވެދާނެއެވެ. އަތޮޅު ކައުންސިލްގެ ރައީސަށްވުރެ މޭޔަރުގެ ހައިބަތު ބޮޑުވެދާނެއެވެ. މުސާރަ ފިޔަވައެވެ. މުސާރައިގެ އޮނިގަނޑަށް މިއައީ ފަހުން ގެނައި ބަދަލަކަށްވާތީ އެބަދަލު އައިސްފައިވާ ގޮތަށް ބަލާލުންވެސް މުހިންމެވެ.

ލާމަރުކަޒީ ނިޒާމް އުފެދުމާއިއެކު، އުފަންވި ސިޓީ ކައުންސިލްތަކަކީ އޭރުގެ ނިސްބަތުން ބޮޑު މުސާރައެއް ދެމުން އައި ކައުންސިލް ތަކެކެވެ. 30 ހާހުގެ އަސާސީ މުސާރަ އާއި އިނާޔަތްތަށްވެސް އެކުލެވުނެވެ. ތަފާތު ބާރުތައް އެނިޒާމަށް ލިބިފައި ވެސް އޮތެވެ. ނަމަވެސް، ވެރިކަން ބަދަލުވެ ސިޓީ ކައުންސިލްތައް އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުން ދިއުމަކީ ސަރުކާރަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.

އެހެންކަމުން ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބިފައި އޮތް ބާރު ހަނިކުރި އެވެ. އެގޮތުން، ރާއްޖޭގެ ތާރީޚަށް ބަލާލިކަމަށް ވިޔަސް އެންމެ ގިނަ އިސްލާހު ހުށަހެޅުނު ގާނޫނަކަށް މިގާނޫނުވެދާނެ އެވެ. ޚާއްސަކޮށް ފާއިތުވީ ދެއަހަރު ތެރޭގަ އެވެ. އެގޮތުން، ފާއިތުވީ ދެ އަހަރު ތެރޭ 5 އިސްލާހު މިގާނޫނަށް ހުށަހެޅުނެވެ. އެއީ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ އިސްލާހު ނުހިމަނައެވެ. މިއިސްލާހުތަކުގެ ތެރެއިން ކައުންސިލްތަކަށް ލިބިފައިވާ ބާރު ހަނި ވަމުން ގޮސް ހުރިހާ ބާރެއްވަނީ މަރުކަޒީ ސަރުކާރަށް ނަގާފައެވެ. ވެރިކަން ހިންގަން ފަސޭހަކުރުމަށް ނުވަތަ އިދިކޮޅު ފަރާތްތަކުގެ އަޑު މަޑުކުރުމަށް ކަމަށްވެދާނެއެވެ.

މިއިސްލާހުތަކުގެ ތެރެއިންވެސް އެންމެ ބޮޑަށް އަޅަގަތީ ސިޓީ ކައުންސިލްގެ މެމްބަރުންގެ މުސާރައަށް ގެނެވުނު އިސްލާހު ތަކެވެ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ މުސާރައަށް ބަދަލު ނުގެނެސް ސިޓީ ކައުންސިލް މެމްބަރުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް ގެނެވުމުގެ ނަތީޖާއަކީ މިއަދު ސިޓީ ކައުންސިލްގެ މެމްބަރުންގެ މުސާރަ ރަށު ކައުންސިލްގެ މެމްބަރުންނަށް ވުރެ ބޮޑުނުވުމެވެ. ސިޓީ ކައުންސިލް ތައް އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުން ގެންގޮސް ފައިވާތީ އެފަރާތްތަކަށް ކުރި ގޯނާ އެއްކަމަށް ބައެއް މީހުން ބަލަމުން ދަނީ މިސަބަބަށް ޓަކައެވެ. އެހެންކަމުން މިކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ އެއް ސިޓީ އަކަށްވާނީ ފުވައްމުލަކެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !