A wide advertisement which will be shown on all devices. (700 x 100)

ނަސްރުގެ ދުވަހުން ލިބެނީ ކޮންކަހަލަ އިބުރަތެއް؟

މަތީގައި: 3 ނޮވެމްބަރު 1988ގެ ހާދިސާއަށްފަހު ދިވެހި އަސކަރިއްޔާގެ މައިދޮރު ކުރިމަތިން، ތިރީގައި: 7 ފެބްރުއަރީގެ ހާދިސާއަށްފަހު ދިވެހި އަސްކަރިއްޔާގެ މައިދޮރު ކުރިމަތި. މި ދެ މަންޒަރަކީ ވެސް ނަސްރުގެ ދެމަންޒަރު ހެއްޔެވެ؟

ނަސްރުގެ ދުވަހަކީ ރައީސް މައުމޫނުގެ ވެރިކަމާއި ތޮޅެން ވެގެން ރާއްޖޭގެ ބަޔަކާއި ސްރީލަންކާގެ ކުލީ ސިފައިންގެ ބަޔަކު ގުޅިގެން, 3 ނޮވެމްބަރު 1988ގައި ހިންގި އުދުވާނީ ހަމަލައިން ލިބުނު ކާމިޔާބު ހަނދާން ކުރުމަށް ގައުމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަނގަ ކުރާ ދުވަހެކެވެ. ރައީސް މައުމޫނުގެ ވެރިކަމަށް ދެ ދައުރު (1978-1988ށް) ހަމަވާން ކައިރިވެ، އަދި 3 ވަނަ ދައުރަކަށް ވެރިކަމަށް އައުމަށް ތައްޔާރުވަމުން އައި ދުވަސްކޮޅާއި ދިމާކޮށް ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމަށް އޭރުގެ ސަރުކާރާއި އިދިކޮޅު މީހުންތަކެއް ރޭވިގެން ދިން ހަމަލާއެއްކަމަށް ވެއެވެ. މި ހަމަލާގައި އިސްކޮށް އުޅުނު ދެ ދިވެހިންނަކީ ހެންވޭރު ހާޖަރާގެ ލުތުފީއާއި ސ.ހިތަދޫ ސަގަރު ނާސިރު އެވެ. މިމީހުންގެ މައްޗަށް ޝަރީއަތް ކުރެވި ބާޣީންނަށްވެ އުމުރު ދުވަހުގެ ޖަލުހުކުމް ވަނީ އިއްވާފައެވެ.

ސަގަރު ނާސިރާއި ލުތުފީ އިސްވެ ތިބެގެން 3 ނޮވެމްބަރު 1988 ވަނަ ދުވަހުގެ ރޭ ލަންކާގެ ކުލީ ސިފައިންނާއެކު ހަތިޔާރު ހިފައިގެން މާލެ އެރީ ފަތިހުގެ ވަގުތެއްގައެވެ. އޭކޭ 47 ގެ ބަޑި ހިފައިގެން މާލެ އެރި ކުލީ ސިފައިންގެ މީހެއްގެ އަތުން ނޭގި ޖެހުނު ބަޑިއަކާއެކު އޭރުގެ ހަމައެކަނި ސަލާމަތީ ބާރު ކަމުގައިވި ސިފައިންނަށް އެކަން އެނގުނެވެ. އެއާއެކު މާގިނަ އިރުތަކެއް ނުވެ ދިވެހި ސިފައިންނާއި ރާއްޖެ އަރާތިބި ކުލީ ސިފައިންނާއި ދެމެދު ހަމަލާތައް ބަދަލުކުރެވެން ފެށުނެވެ. މައިގަނޑު ހަމަލާތައް ބަދަލުކުރެވިފައި ވަނީ ބަންޑާރަކޮށި ވަށައިގެންނެވެ.

އެވަގުތު ލުތުފީއާއި ސަގަރު ނާސިރު މަސައްކަތް ކުރަމުންދިޔައީ ސަރުކާރުގެ އިސްވެރިން ހޯދައި ހައްޔަރު ކުރުމަށެވެ. ދައުލަތުގެ ޓީވީއާއި ރޭޑިއޯ އަދި ފޯނު ފަދަ މުވާސަލާތުތައް އެމީހުންގެ ބާރުގެ ދަށަސް ގެނައެވެ. ނަމަވެސް ދައުލަތުގެ ދިފާއީ ބާރުތައް އެމީހުންގެ އަތްދަށަށް ނުގެންދެވެނިކޮށް އިންޑިއާ ސިފައިންގެ އެހީ ރާއްޖޭގެ ސަރުކާރަށް ލިބި ކުލީ ސިފައިން ރާއްޖެއިން ފިލަން މަސައްކަތް ފެށިއެވެ. އަދި ދިވެހި އާގުބޯޓެއްގައި ފުރައިގެން  ދަނިކޮށް ހުއްޓުވައި، ހިފާ ހައްޔަރުކޮށްގެން ގެނެސް ޝަރިއަތްކޮށް ޖަލަށް ހުކުމް ކުރެވުނެވެ.

އެއީ ވެސް ބުރާސްފަތި ދުވަހަކަށް ވުމުން، ފަހުގެ ޖީލުގެ މީހުން އެދުވަސް ބަޑި ބުރާސްފަތީގެ ގޮތުގައި ވެސް ކިޔާ އުޅުނެވެ. އެދުވަހުގެ ހަމަލާގައި އާއްމުންނަށް ހަމަލާ ދޭން ރާވާފައި ނެތަސް ތަފާތު އެކި ހާލަތްތަކުގައި އާއްމުންނަށް ހަމަލާދެވި ބައެއް އާއްމުންނާއި ސިފައިންނާއެކު 19 މީހުން ވަނީ މަރުވެގެން ގޮސްފައެވެ. އެދުވަހުގެ ޚާއްސަ ބަޠަލަކަށްވީ ދިފާއުގައި ހަމަލާދެމުން ދަނިކޮށް ޝަހީދުވި ދިވެހި ސިފައިންގެ ޒުވާން ދަރިއެއް ކަމަށްވާ ކުޅުދުއްފުށީ ހުސޭން އާދަމެވެ. ދިވެހި ވެރިކަން އެދުވަހު ހިމާޔާތްވީ އޭނާގެ ހިތްވަރުން ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އެހެން ގޮތަކަށް ބުނަނީނަމަ އެވެރިކަން ހިމާޔަތްކުރީ ދިވެހި ސިފައިންނެވެ. އެމީހުން، ވެރިކަން ހިމާޔަތް ކުރަން ކޮށްގެން ތިބި ހުވަޔާއި އެއްގޮތަށް އަމަލު ކުރުމުން އެވެރިކަން ހިމާޔަތްވެ، 30 އަހަރަށް އެވެރިކަން ދިގު ދެމިގެން ދިޔައީއެވެ. ރައްޔިތުންގެ އެތައް ހައްގުތަކެއް އެވެރިކަމުގައި ވެސް ގެއްލި، ފަނާވެ، ނެތެމުން ދިޔައިރުވެސް ވެރިކަން ހިމާޔަތްކުރުން ސިފައިންނަށް މުހިންމުވެ އެގޮތުގައި ދިގުދެމިގެން ދިޔައީއެވެ. ބަޣާވާތަކުން ސަލާމަތްވެ، އެވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރި އެންމެން ޣައްދާރުންނަށް ވެގެން ޖަލުގެ ތޭރިތަކުގެ ބިއްދޮށަށް ދިޔައީއެވެ.

ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން އިންތިޚާބަކުން ބަދަލުވެ، ދެން ފެށިގެން ދިޔައީ ރައީސް ނަޝީދުގެ 3 އަހަރު ނުވާ ކުރު ވެރިކަމެވެ. އެވެރިކަން ވެސް ބަދަލުކުރުމަށް 7 ފެބްރުއަރީގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްވުން މަނާ ޖުމްހޫރީ މައިދާނަށް ނުކުތުމުން ގައުމުގެ ދިފާއީ ބާރުތަކުން އެވެރިކަން ހިމާޔަތްކޮށްދީ ނަސްރު ހޯދާދިން ތަނެއް ނުފެނުނެވެ. ފެނިގެން ދިޔައީ ވެރިކަން ހިމާޔަތްކުރުމަށް އަޙުދުވެގެން ތިބި ސިފައިނާއި ފުލުހުން އެވެރިކަން ވައްޓާލި ތަނެެވެ. އަދި އެވެރިކަން ވައްޓާލަން މަސައްކަތްކުރި އޭރުގެ ނާއިބު ރައީސާއި އެހެން މީހުން ބާޣީންނަށް ވުމުގެ ބަދަލުގައި ވެގެންދިޔައީ ޣާޒީންނަށެވެ. ނަސްރު ލިބުނީ ވެރިކަމުގައި ހުރި ފަރާތަކަށް ނޫނެވެ. ރައްޔިތުންނަށް ނަސްރު ލިބުނު ކަމުގެ އަޑުތައް އިދިކޮޅު ފަރާތްތަކުން ގުގުމަމުން ދިޔައެވެ. އެއީ ވެސް އެއްބަޔަކަށް ނަސްރުގެ ދުވަހެކެވެ.

އެވެރިކަމަށް ފަހުން ނާއިބު ރައީސް މުހަންމަދު ވަޙީދު ހަސަންމަނިކު ވެރިކަމަށް ގެނެވުނެވެ. އަދި އެމްޑީޕީގެ ވެރިކަމުގެ މުއްދަތު ހަމަކޮށް ބޭއްވުނު އިންތިޚާބު ސްޕްރީމް ކޯޓް މެދުވެރިކޮށް ބާތިލް ކޮށްލައިގެން ވެސް ކޮންމެ ވެސް ބަޔަކަށް ނަސްރު ލިބުނެވެ. އަދި އެންމެ ފަހުން ޕީޕީއެމުން ޔާމީނު އަބްދުލް ޤައްޔޫމު ރައީސް ކަމަށް އިންތިޚާބު ވިއެވެ. އެއީ މިހާރުގެ ރައީސް ޔާމީނަށް ލިބުނު ނަސްރެކެވެ. މިހާރުގެ ވެރިކަމަށް ވެސް މާގިނަ ދުވަސްތަކެއް ނުވަނީސް ވެރިކަމަށް އައުމަށް ހެދި ކޯލިޝަން ރޫޅި މައްސަލަތައް ގިނަވެސް އިދިކޮޅު މުޒާހަރާތައް ބޮޑުވެގެން ދިޔަތަން ފެނުނެވެ. ނަމަވެސް ރައްޔިތުންގެ މަޖުލީހުން ގާނޫނުތައް ބަދަލުކޮށްގެންނާއި، ފުލުހުންނާއި ސިފައިން ވެރިކަން ހިމާޔަތް ކޮށްދީ ރައީސް ޔާމީނަށް ނަސްރު ދެމުން އަންނަތަން ފެނެއެވެ.

ދެން ފެނިގެންދިޔައީ ރައީސް ޔާމީނުގެ އެންމެ ގާތް ނާއިބު ރައީސް އަހުމަދު އަދީބު ޔާމީނު ވެރިކަން ބަދަލުކޮށްލަން ރޭވި ރޭވުމެވެ. ރާއިސް ޔާމީނު ދަތުރުކުރެއްވި ލޯންޗްކޮޅު ގޮއްވާލައިގެން ވެރިކަމަށް އައުމަށް އުޅުނުކަމަށް ބެލެވުނެވެ. އަދި ރައީސް ޔާމީނަށް އެކަމުން ނަސްރު ލިބި ބާރުތައް ގަދަ ކުރައްވަން ފެއްޓެވިއެވެ. އެއި ވެސް އެއްބަޔަކަށް ނަސްރުގެ ދުވަހެކެވެ. 

ވީމާ ނަސްރުގެ ދުވަހަކީ ރައީސެއްގެ ވެރިކަން ހިމާޔަތް ކުރެވޭ ދުވަހެއްގެ ގޮތުގައި ބެލިދާނެއެވެ. އެއީ ރައްޔިތުންގެ ކޮންމެފަދަ އަސާސީ ހައްގެއް ގުރުބާން  ކޮށްގެން ވެސް މެއެވެ. ވެރިކަން ހިމާޔަތް ކުރެވުން އެއީ ނަސްރު ލިބުން ހެއްޔެވެ؟ ނަސްރު ހޯދައި މިދެވެނީ ގައުމަށް ހެއްޔެވެ؟ ނުވަތަ ރައީސަކަށް ހުނަންވާ ބޭފުޅަކަށް ހެއްޔެވެ؟ ނުވަތަ ދިފާޢީ ބާރުތަކުން ރުހޭ ރައީސަކަށް ހެއްޔެވެ؟ ނަސްރު ލިބިގެން މި ފާހަނގަ ކުރެވެނީ ރައްޔިތުނަށް ލިބޭ ނަސްރެއް ބާވައެވެ؟ މި އަހަރުގެ ނަސްރުގެ ދުވަހުގެ އިބުރަތަކީ މިއީކަމުގައި ބެލިދާނެ ހެއްޔެވެ؟

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !