ދުނިޔޭގެ އެކިގައުމު ތަކުގައި އުގަންނައިދިނުމަށް ބޭނުންކުރާ މަންހަޖާއި އުސޫލުތައް ތަފާތެވެ. ފިންލޭންޑާއި ނެދަލޭންޑް ފަދަ ގައުމުތަކުގައި ދަރިވަރުންނަށް ހޯމްވޯކް ވަރަށް މަދުން ނޫނީ ނުދޭއިރު ސިންގަޕޫރު ފަދަ ގައުމުތަކު ގައި ދަރިވަރުން ތިބެނީ އާދަޔާ ޚިލާފަށް ޕްރެޝަރގައެވެ. މިއީ ހައްތާވެސް ކާމިޔާބު ސްކޫލް ސިސްޓަމް ތައް އޮތް ގައުމުތަކެވެ. މި ރިޕޯޓްގައި ކާމިޔާބު ސްކޫލް ސިސްޓަމްތައް ރޭންކް ކުރުމަށް ބަލާފައިވާނީ ވޯލްޑް އިކޮނޮމިކް ފޯރަމް އިން ނެރޭ ގްލޯބަލް ކޮމްޕެޓިޓިވްނެސް ރިޕޯރޓް އަސާސް އަކަށް ބަލައިގެނެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު ސްކޫލް ސިސްޓަމް ރޭންކް ކުރާއިރު ދުނިޔެ އަށް މަޝްހޫރު އެމެރިކާ އާއި އިގިރޭސިވިލާތް އެންމެ ކާމިޔާބު 11 ސްކޫލް ސިސްޓަމް ތެރޭގައިވެސް ނުހިމެނެއެވެ.
1- ފިންލޭންޑް
އެންމެ ކާމިޔާބު ސްކޫލް ސިސްޓަމެއްގެ ގޮތުގައި މިއަހަރު ފިންލޭންޑް ހޮވުމަކީ އެއްގޮތަކަށްވެސް ހައިރާންވާންވީ ކަމެއްނޫނެވެ. އެހެނީ، ފިންލޭންޑް މިފަދަ ލިސްޓްތަކުގެ އެންމެ އިސް މަގާމު ހޯދަމުންއަންނަތާ ދުވަސްތަކެއްވެއްޖެއެވެ. މަޝްހޫރު އެމެރިކާ އިންވެސް ފިންލޭންޑްގެ ސިސްޓަމް ދިރާސާކުރެއެވެ. ބޭންޑިން ސިސްޓަމް ނުވަތަ ދަރިވަރުންގެ ހުނަރާއި ތޫނުފިލިކަމުގެ ފެންވަރަށް ބަލާ ކުލާސްތައް އަތުރާލުމަކީ ފިންލޭންޑުން ގެންގުޅޭ އުސޫލެއް ނޫނެވެ. މީގެ އިތުރުން، ހޯމްވޯކް މަދު ފިންލޭންޑަކީ ނަތީޖާ ރަގަޅު ދަރިވަރުންނާއި ނަތީޖާދަށް ދަރިވަރުންގެ ފަރަގު އެންމެ ކުޑަ ގައުމެވެ. ފިންލޭންޑް މަޝްހޫރު ވެފައިވަނީ ހަމައެކަނި ހޯމްވޯކް މަދު ގައުމެއްގެ ގޮތުގައެއްނޫނެވެ. ފިންލޭންޑްގެ ދަރިވަރުން މަޖްބޫރު ޓެސްޓެއް ފުރިހަމަ ކުރަނީ އުމުރުން 16 އަހަރުގައެވެ.
2- ސްވިޒަލޭންޑް
މިލިސްޓްގެ ދެވަނަ މަގާމު ހިއްސާކުރާ ސްވިޒަލޭންޑް މަޝްހޫރުވެފައިވަނީ ޕަބްލިކް ސްކޫލްތަކަށް ބަރޯސާވެފައިވާ ގައުމެއްގެ ގޮތުގައެވެ. ސްވިޒަލޭންޑްގެ ޕްރައިވެޓް ސްކޫލްތަކުން ތައުލީމް ހާސިލުކުރާ ދަރިވަރުންގެ އަދަދު 5 އިންސައްތައަށްވުރެ މަދެވެ. އެކި ސްކޫލްތަކުގައި އެކި ބަހުން ބަހުން ކިޔަވައިދޭ ސްވިޒަލޭންޑްގެ އެންމެ އާންމު ތިން ބަހަކީ ޖާމަން، ފްރެންޗް، އަދި އިޓާލިއަން އެވެ.
2- ބެލްޖިއަމް
މިލިސްޓްގެ ދެވަނަ ހިއްސާކުރާ ދެވަނަ ގައުމަކީ ބެލްޖިއަމްއެވެ. ބެލްޖިއަމްގައި ހަތަރު ބާވަތެއްގެ ސާނަވީ ސްކޫލްތައް ހުރެއެވެ. އެއީ އާންމު (ޖެނެރަލް) ސުކޫލްތަކާއި ފަންނީ ސުކޫލްތަކާއި ހުނަރު އުގަންނައިދޭ (ވޮކޭޝަނަލް) ސުކޫލްތަކާއި އާޓް ސްކޫލްތަކެވެ. ހަތަރު އަހަރުން ފެށިގެން 18 އަހަރާއި ހަމައަށް ދަރިވަރުން ބެލްޖިއަމްގައި ހިލޭ ނުވަތަ ކުޑަފީއެއް ނަގައިގެން ހިންގާ ސްކޫލްތަކުން ތައުލީމް ހާސިލުކުރެއެވެ.
4- ސިންގަޕޫރު
މިލިސްޓްގައި ހިމެނޭ 11 ގައުމުގެ ތެރެއިން އޭޝިއާ ތަމްސީލް ކުރާ ފުރަތަމަ ގައުމަކީ ސިންގަޕޫރެވެ. ޕްރޮގްރާމް ފޯ އިންޓަނޭޝަނަލް ސްޓޫޑެންޓް އެސެސްމަންޓް (ޕީއައިއެސްއޭ) އިން އާދަޔާޚިލާފަށް މަތިން މާކްސް ހޯދަމުންދާ ސިންގަޕޫރު ސިސްޓަމް މަޝްހޫރުވެފައިވަނީ ޕްރެޝަރ ކުކާ އެއްގެގޮތުގައެވެ. ސަބަބަކީ ސިންގަޕޫރު ސިސްޓަމުގައި ދަރިވަރުން ވަރަށް ޅައުމުރުއްސުރެ، އާދަޔާޚިލާފަށް ޕްރެޝަ ކުރެވިފައި ވާތީއެވެ.
5- ނެދަލޭންޑް
2013 ވަނަ އަހަރު ޔުނިސެފް އިން ހިންގި ދިރާސާއިން އެންމެ އުފާވެރި ދަރިވަރުން ދިރިއުޅޭ ގައުމުގެ ގޮތުގައި ދައްކާ ނެދަލޭންޑް ދަރިވަރުން ނުވަތަ ޑަޗް ދަރިވަރުންވެސް ހޯމްވޯކަށް ހޭދަކުރަންޖެހޭ ވަގުތު މަދެވެ. އާންމު ގޮތެއްގައި ސެކަންޑަރީ ސްކޫލްތަކުގައި ނޫނީ ހޯމްވޯކް ނުދޭ ޑަޗް ދަރިވަރުން ސުކޫލްތައް ޚިޔާރުކުރަނީ އެދަރިވަރެއްގެ އަގީދާއާއި ގުޅޭގޮތުންނެވެ.
(ނުނިމޭ)
ޚިޔާލުތައް
މިލިނުމުގެ ފަހުބައި ކޮބާތޯ