A wide advertisement which will be shown on all devices. (700 x 100)

ހަލަބު 4: ގަދީމީ ހަލަބަކީ ދުނިޔޭގެ އެންމެ ބޮޑު އެންމެ އާސާރީ އެއް ކިއްލާ

ހަލަބުގެ ކިއްލާގެތެރެއިން ރަށްބޭރު ފެންނަގޮތް: މިއީ 2016 ވަނައަހަރު އެޕްރީލްމަހު ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: ޔުނެސްކޯ ވެބްސައިޓް

ދުނިޔޭގެ އާސާރީ ތަނެއްގެ ގޮތުގައި ޔުނެސްކޯއިން 1986 ވަނަ އަހަރު ނިންމި ހަލަބުގެ ގަދީމީ ކިއްލާ ނުވަތަ އޯލްޑް އެލެޕޯވެސް މިހާރު ދަނީ ސުންނާފަތިވަމުންނެވެ. އަދި މިކިއްލާ އަންނަން އޮތްޖީލަށް ގަދީމީ ގޮތުގައި ފޯރުކޮށް ނުދެވޭނެކަމަށް މިހާރުމިވަނީ ބެލެވިފައެވެ.

ގަދީމީ ހަލަބު ނުވަތަ އޯލްޑް އެލެޕޯގެ ކިއްލާއަކީ އެތައް ޒަމާނަކަށް އެތަނުގެ އަހުލުވެރިން ހިމާޔަތްހޯދައި ބޭރުގެ ނުފޫޒުތަކުން ސަލާމަތްވާން ބޭނުން ކުރި ދިފާއީ މަރުކަޒެވެ. އެގޮތުން، އީސާއީ ފައްޅިތަކުން ބާރު ލިބިގެން ނިކުތް ސަލީބީ ހަގުރާމަވެރިން (ކުރޫސޭޑްސް) ހަލަބު ހިފުމަށް ކުރި ގިނަ ހަގުރާމަތައް ނާކާމިޔާބު ކޮށްލުމުގެ އަސްލަކީވެސް މި ކިއްލާއެވެ. މިކިއްލާގެ ތާރީޚް އީސާގެފާނުގެ 3 ހާސް އަހަރު ކުރިއާއި ހަމައަށް ފޯރާކަމަށް ޔުނެސްކޯއިން ހާމަކުރެއެވެ.

ސީރިއާގެ ދާޚިލީ ހަގުރާމަ ފެށުމުގެ ކުރިން ފަތުުރުވެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ ހަލަބުގެ ގަދީމީ ކިއްލާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު، އެންމެ އާސާރީ އެއް ކިއްލާއެވެ. އެކިއްލާގައި ބޭނުންކޮށްފައިވާ ހިލަތަކާއި މަސައްކަތްތެރިކަމަށް ބަލާއިރު ފަތުރުވެރިން އަންތަރީސްކުރުވާ މިކިއްލާގެ ބިނާތައް ގަދީމީ ގްރީކް ހަޟާރަތާއި ހަމައަށް ފޯރައެވެ.

އިސްލާމީ ފަންނުވެރިކަން ފުރިހަމަ އަށް ދައްކާ މިބިނާ އަކީ އިސްލާމީ ބިނާއަކަށްވި ނަމަވެސް، މިކިއްލާގެ ބައެއް ތަންތަނުން ގްރީކުންނާއި، ރޫމީންނާއި، އިރުމަތީ ރޫމީންގެ އަސަރު ފެންނަން އެބަހުއްޓެވެ. މިކިއްލާ އަކީ އަތަނުގެ އަހުލުވެރިން ދުޝްމަނުންގެ ރައްކާތެރިކަމަށް ބިނާ ކުރި ކިއްލާއެއް ނަމަވެސް ފަހުގެ ތާރީޚުގައި މިބިނާ ވެގެން ގޮސްފައިވަނީ ފަތުރުވެރިންގެ އަމާޒަކަށެވެ.

މިކިއްލާ ބިނާ ކުރެވިފައިވަނީ ފަރުބަދަ މައްޗަށްވާ ގޮތަށް ކައްޗަށް 124 ފޫޓް މަތީގައި ކުކުޅުބިސް ބުރަށެވެ. ދުޝްމަނުންގެ ހަމަލާތަކުން ރައްކާތެރިވުމަށް ކިއްލާ ވަށައިގެން ވަނީ 98 ފޫޓް ފުޅާ 72 ފޫޓް ފުން ފެންގަޑެއް ތައްޔާރުކޮށްފައެވެ. މި ކިއްލާ އަކީ ގާތްގަޑަކަށް 500 މީޓަރު ދިގު 350 މީޓަރު ފުޅާ ސަރަހައްދެކެވެ.

ހަލަބުގެ ކިއްލާ ދުރުން ފެންނަގޮތް

ދުޝްމަނުންގެ ހަމަލާއަކުން ރައްކާތެރިވުމުގެ ގޮތުން މިކިއްލާ އަށް ވަދެވޭނެ ހުރިހާ ނިޒާމެއް ވަނީ ވަރަށް ވަރުގަދައަށް ބެލެހެއްޓޭނެ ގޮތަކަށް ބައްޓަން ކޮށްފައެވެ. އެގޮތުން، މިއްލާ އަށް ވަނުމަށް ހަތަރަކަށްވުރެ ގިނަ ގޭޓް ހުރަސް ކުރަންޖެހެއެވެ. ގޭޓްތަކުގެ އިތުރުން ދެޓަވަރެއް ވެސް ހުރަސް ކުރަން ޖެހެއެވެ. މިދެޓަވަރަށް ދެވޭނީ ބްރިޖެއްގެ މަތިންނެވެ.

ގަދީމީ ހަލަބަށް ވަންނަން ހުރަސްކުރަންޖެހޭ ބްރިޖް: ހަލަބުގެ މައިކިއްލާ އަށް ވަދެވެނީ މިބްރިޖް ހުރަސްކުރުމަށްފަހު އިތުރު ދެޓަވަރެއް ހުރަސްކޮށްފައެވެ.

 

ކިއްލާ ވަށައިގެން ކުދި ލޯވަޅުތަކެއްވެއެވެ. މިލޯވަޅުތަކަކީ ދެކޮޅުވެރިކަމާއިއެކު މިކިއްލާ އާއި ދިމާކުރާ ފަރާތްތަކަށް ތީރުން ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ލޯވަޅުތަކެކެވެ.

ބުރިޖް ފެންނާނެހެން ބްރިޖްގެ މަތީގައިވާ ކޮޓަރިކޮޅަކީ ރަސްރަސްކަލުން އެކޮޓަރިކޮޅުގައި ތިއްބަވައިގެން މިކިއްލާގެ ވަންނަދޮރުމަތީގައި ހިގާ ހުރިހާކަމެއް ބެއްލެވުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ކޮޓަރިކޮޅެކެވެ. މިތަނަކީ މެހެމާނުންނަށް މަރުހަބާ ކިޔާ މެހެމާންސަރާވެސް މެއެވެ. މިތަން ތައްޔާރުކޮށްފައިވަނީ އިސްލާމީ ފަންނުވެރިކަން ފުރިހަމައަށް ފެނިގެންދާހާ ފުރިހަމައަށް ރީތިކޮށެވެ. މެހުމާނުން އަންތަރީސްވާހާވެސް ފުރިހަމައެވެ.

މިކިއްލާގެ ދެކުނު ފަރާތުގައި މަގާމު އިބްރާހީމްގެ ނަމުގައި ބިނާކޮށްފައިވާ މިސްކިތެއްވެއެވެ. މިމިސްކިތް ބިނާކޮށްފައިވަނީ ހިލަގަނޑެއްގެ މަތީގައެވެ. މިހިލަގަނޑަކީ އިބްރާހީމްގެ ފާނު ޝަހަރުން ނިކުމެ ވަޑައިގެން މަޑުކުރެއްވި ހިލަގަޑެއްކަމަށް އެއްވެސް ތާރީޚީ ހެއްކެއް ނެތްނަމަވެސް އެހެން ކިޔައެވެ. މިމިސްކިތާއި ކިއްލާއާއި ގުޅުވައިދޭ މަގުގައި ބާބު އަލް މަގާމު ނަމުންނަން ދީފައިވާ ދޮރޯއްޓެއް ވެއެވެ. މިދޮރޯއްޓާއި މިސްކިތް ބިނާކޮށްފައިވަނީ މީލާދީ ސަނަތުން 1230 ކަމަށް ބުނެވެއެވެ.

ބާބު އަލް މަާގާމު 

މިކިއްލާތެރޭގައި އަގުބޮޑުއެތައް ބިނާއެއްވެއެވެ. އޭގެތެރެއިން ގިނަ ބިނާތައް 1822 ވަނައަހަރު އެހިސާބަށްއައި ބިންހެލުމުގައި ނެތިގެން ދިޔަ ނަމަވެސް، އުމަވީ ދައުލަތުގެ ސުލައިމާނު ބިން އަބްދުލްމަލިކު ބިނާކުރި މިސްކިތް މިއަދާއި ހަމައަށް އައިސްފައިވެއެވެ. ނަމަވެސް، ސޫރިޔާގައި ހިގަމުންދާ ހަގުރާމައިގައި މިމިސްކިތަށްވަނީ ގިނަގުނަ ގެއްލުންތަކެއް ލިބިފައެވެ.

އުމަވީ ޚިލާފަތުގައި ބިނާކުރި މިސްކިތް: މިހާރުވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި

މީގެ އިތުރުން، ގަދީމީ ހަލަބުގައިވާ ބިނާ ތެރެއިން މަދަރުސާ ހަލްވިއާ އާއި ނޫރުއްދީން ޒަންގީގެ ވެރިކަމުގައި ބިނާކުރި ޖާމިއާ އަލްކަބީރު ބިނާއާއި ބާޒާރުތަކާއި އިހުޒަމާނުގައި ފެންވަރަން ބޭނުންކުރި ވެވުތައް ފާޙަގަކުރެއެވެ.   

(ނިމުނީ)

ކުރީގެ ލިއުންތައް:

ހަލަބު ނުވަތަ އެލެޕޯ: ދުނިޔޭގެ އެންމެ ގަދީމީ އެއްޝަހަރު

ހަލަބު ނުވަތަ އެލެޕޯ 2: ދިގު ތާރީޚެއް އޮތް ގަދީމީ ޝަހަރެއް

ހަލަބު 3: ސަލީބީންނަށް ސުންނާފަތިނުކުރެވުނު ޝަހަރު ބިމާ ހަމަވަނީ 

މައުލޫމާތުނެގީ:

1- ވޯލްޑް ހެރިޓޭޖް ކޮންވެންޝަން، ޔުނެސްކޯ ގެ ވެބްސައިޓް

2- ބީބީސީ ވެބްސައިޓް

3- މުސްލިމް ހެރިޓޭޖްގެ ވެބްސައިޓް

4- އަލްބިދާޔާ ވަލްނިހާޔާ، އިބްނު ކަސީރު

5- އައްތަބަރީގެ ތާރީޚް، އައްތަބަރީ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !