A wide advertisement which will be shown on all devices. (700 x 100)

ދިވެހި ބަސް ކުރިއަރުވަންވީ އައި.ޓީ ގެ އެހީތެރިކަމާއި އެކު

ދިވެހި ބަސް ކުރިއެރުވުމަަށް ފަހުގެ ޓެކްނޮލޮޖީ ބޭނުންވޭ

އަހްމަދު ޖަވާދު

އަޅުގަޑުމެން ދިރިއުޅެމުންމިދާ ދުނިޔޭގައި، ބަދަލުވަމުން ނުދާ ހަމަ އެއްމެ ކަމެއްވެސް ނެތެވެ. ނިއުޅެމުންދާ ޒަމާނާ އެކު އިންސާނުންގެ ފިކުރާއި އުޅުން ދަނީ އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން ތަރައްގީ ވަމުންނެވެ. ހަމަ އެއާއިއެކު، އަންނަމުންމިދާ ކުރިއެރުމުގެ އެންމެ ބޮޑު ރޯލެއް ކުޅެމުންދާ މޭސްތިރިއަކީ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އައިޓީ ކަމާމެދު ދެބަސްވެވޭނެ އެއްވެސް ޖާގައެއް ނެތެވެ. ސަބަބަކީ އައިޓީގެ ލުއިފަސޭހަކަމާއި އެހީތެރިކަން އަޅުގަޑުމެންގެ ތަރައްގީގެ ކޮންމެކަމަކާވެސް ގުޅި ލާމެހިފައި ވުމެވެ. އެއީ އަޅުގަޑުމެން ވިޔަފާރީގެ ސިނާއަތު ކަމުގައިވިޔަސް، ތައުލީމީ ދާއިރާ ކަމުގައިވިޔަސް އަދި ވަކީން ޚާއްސަކޮށް އަޅުގަޑުމެން މުއާމަލާތު ކުރުމަށް ބޭނުންކުރާ، އަދި އެބަހަކަށްޓަކައި އަޅުގަޑުމެން ފަޚްރުވެރިވާ ރީތި ދިވެހި ބަސްކަމުގައި ވިޔަސް މެއެވެ. މި ދެންނެވި ދާއިރާތަކުގެ ތެރެއިން، ދިވެހި ބަސް ކުރިއެރުވުމުގައި އައިޓީގެ އެހީތެރިކަމުގެ ބޭނުން ހިފަންޖެހޭ ކިތަންމެ ސަބަބުތަކެއް އެބަހުއްޓެވެ.
އެންމެ ފުރަތަމަ ކަމެއްގެ ގޮތުން، ދިވެހި ބަހަށް މިއަދާއި ހަމައަށް ލިބިފައިވާ ކުރިއެރުމުގެ އަސްލަކީ އައިޓީ ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން، “ދިވެހި” ކޮމްޕިއުޓަރ ތަކަށް ތަޢާރަފް ވުމަކީ ބަލައިނުލައި ދޫކޮއްލެވޭނެ ކަމެއްނޫނެވެ. އެގޮތުން ދިވެހި ފޮންޓްތަކެއް ތަޢާރަފްވެ، ދިވެހި ބަހުން ލިޔަން ޖެހެ ލިޔުންތަށް ފަސޭހަކަމާއި އެކު ޓައިޕް ކުރެވެން ހުރުމަކީ ބަސް ކުރިއެރުވުމަށް އައިޓިގެ އެހީގައި އެޅިގެން ދިޔަ އެންމެ މުހިއްމު ބިންގަލެވެ. މި މުހިއްމު ފިޔަވަޅާއި އެކު ދިވެހި ލިޔުންތެރިކަން އެކި ގޮތްގޮތުން ފަސޭހަކަމާއި އެކު އެކި މައުޞޫލަތަކަށް ފުރާނައެޅި އުފަންވަމުން ދިޔައެވެ. ނަތީޖާ އަކަށްވީ އަޅުގަޑުމެންގެ ތެރޭގައި ދިވެހި ބަހުން ލިޔެވިފައި ހުންނަ ލިޔުންތަކަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވެނެ ފެށުމެވެ. އަދި އިސާހިތަކު ދިވެހި ބަސް އޭގެ ޒާތުގައި ދިވެހިންގެ މެދުގައި އިހުނަށްވުރެ މަޤްބޫލްވެ ކުރިއަރައިގެން ދިއުމެވެ.
މި ދެންނެވި މަޤްބޫލްކަމުގެ ތެރެއަށް، އެންމެ ބޮޑަށް ވަދެގެންދިޔަ ބަޔަކީ ދިވެހި ނޫސްވެރިކަމެވެ. އެ ގޮތުން ކުރީގައި ޗާޕް ކޮށްގެން ނެރެމުން ދިޔަ ނޫސްތަކާއި ތަފާތު މަޖައްލާތަށް އޮންލައިން ނޫސްތަކަށް ބަދަލުވެގެން ދިޔައެވެ. އައިޓީގެ ސަބަބުން މި ލިބުނު ކުރިއެރުމާއިއެކު ތަފާތު އެތަށް ފައިދާތަކެއް ވެގެން ދިޔައެވެ. އެގޮތުން ޚަބަރުތަށް ފަސޭހަކަމާއި އެކު އަވަހަށް ކިޔުންތެރީންނާއި ހަމައަށް ގެނެސް ދިނުމާއި އަދި ޚަރަދުގެ ގޮތުން ލުއި ފަސޭހަތަކެއް ލިބިގެންދިޔައެވެ. އަދި މިއަށްވުރެ ބޮޑަށް ދިވެހި ބަސް ކުރިއެރުވަމަށް އައިޓީގެ ދައުރު ނޫސްވެރިކަމުގެ ތެރެއިން ލިބިގެންދިޔައެވެ. އެ ގޮތުން އޮންލައިން ނޫސްވެރިކަމުގެ ތެރެއިން ޚަބަރު ފިޔަވައި އެނޫނަސް ތަފާތު އިޖްތިމާއީ، ޢިލްމީ އަދި ފަންނީ ލިޔުންތަށް ފެންނަމުން ދެއެވެ. އަދި މިފަދަ ލިޔުންތައް، ދަރިވަރުން ކިޔެވުމާއި ގުޅުން ހުންނަ ތަފާތު ކަންމުގައި ހޯދާ ބޭނުންކުރެއެވެ. އެ ގޮތުން ޚާއްސަކޮށް ތަފާތު ދާއިރާތަކުން ދިރާސާ ކުރުމަށް ދިވެހި އޮންލައިން ނޫސް މަޖައްލާތަށް މި ފަހަކަށް އައިސް ބޭނުން ކުރުމަކީ ނުހަނު ޢާއްމު ކަމެކެވެ. އައިޓީގެ މި ފުރިހަމަ އެހީތެރިކަމުގެ ތެރެއިން ދިވެހި އޮންލައިން ނޫސް މަޖައްލާތަކުން ނުހަނު ފަސޭހަކަމާއިއެކު ދަރިވަރުން ބޭނުންވާ މަޢުލޫމާތުތަށް ހޯދައި ގަނެވެއެވެ. އަދި ހަމަ އެއާއިއެކު، ތަފާތު އެހެނިހެން އޮންލައިން ވެބްސައިޓް ތަށް ދިވެހި ފަޒާގެ ތެރެއަށް އުފަންވާން ފެށިއެވެ.

ދިވެހި އޮންލައިން ވެބްސައިޓްތަށް އުފަންވުން، ވެގެންދިޔައީ ދިވެހި ބަހަށް ލޯބިކުރާ އަދި ދިވެހި ބަސް ކުރިއަރުއަރުވަން ބޭނުންވާ އެތަށް ލިޔުންތެރިންތަކަކަށް ނުހަނު އުފާވެރިކަން ގެނެސްދިން ކަމަކަށެވެ. ސަބަބަކަށްވީ ޒަމާނާ އެއްގޮތަށް ޚަރަދަ ކުޑަކޮށް ބޭނުންވާ މައުލޫމާތު ވަގުތުން ފެންނާނޭހެން ޝާއިޢު ކުރުމުގެ މަގު ތަނަވަސްވުމެވެ. އެގޮތުން، ތަފާތު ދާއިރާތަކަށް ޚާއްސަ ކުރެވިގެން އަދި ތަފާތު އުމުރުގެ މީހުނަނަށް ބޭނުންހިފޭ ގޮތަށް ދިވެހި ވެބްސައިޓްތަށް ފަރުމާކުރެވި ކިޔުންތެރީންނާއި ހަމައަށް ގެނެސްދެމުން ދެވެއެވެ. މިސާލެއްގެ ގޮތުން، ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ދީނީ ވެބްސައިޓްތަށް އަދި ވާހަކަ ވިދާޅުވާން ބޭނުންފުޅު ފަރާތްތަކަށް، ވާހަކަ ވެބްސައިޓްތަށް އަދި މިނޫންވެސް އެތަށް ދާއިރާތަކަކުން ދިވެހި ވެބްސައިޓްތަށް ކާމިޔާބު ކަމާއިއެކު ނެރެވެމުންދާކަމީ، ދިވެހި ބަސް ކުރިއަރާ ދިއުމަށް މެދުވެރިވި ސަބަބެއް ކަމުގައެވެ. އަދި ހަމަ އެއާއެކު، ތަފާތު ދާއިރާތަކުން ލިޔެވިފައިހުރި، އެތަށް ސަފްޙާއެއްގެ ބިޔަ ދިވެހި ފޮތްތަށް މި ދެންނެވި ވެބްސައިޓް ތަކުގެ އެހީގައި ފަސޭހަ ކަމާއި އެކު ބަލައިލެވެން ހުރުމަކީ އައިޓީގެ ސަބަބުން ދިވެހި ބަހަށް ލިބިގެން ދިޔަ އާރޯކަމަކަށް ނޫނީ ނުވެ ނުދާނެކަން ކަށަވަރެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !