A wide advertisement which will be shown on all devices. (700 x 100)

ހުރިހާ މެޗަކުން މޮޅުވެ، ގުރޫޕް އެއްވަނައިގެ ގޮތުގައި މާދަޑު އަދި ދަޑިމަގު ސެމީއަށް

ފިސްޑާގެ ލަންކާ ކުޅުންތެރިޔާ ވަސޫ (ހުދު) ޝޮޓެއް ޖަހާއިރު ޔެސް ގެ ލަންކާ ކުޅުންތެރިޔާ ބްލޮކް ކުރަނީ. ފޮޓޯ ފުވައްމުލަކު އަތޮޅު ކައުންސިލް

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި އިއްޔެ ހަވީރު ކުޅުނު މެޗް ހޯދަޑު ސްޕައިކަރސް ބަލިކޮށް މާދަޑު ފިސްޑާ ގުރޫޕް އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލް ކަށަވަރުކޮށްފިއެވެ. އަދި ރޭ ކުޅުނު މެޗްގައި މާލެގަން ޔެސްގެ މައްޗަށް ކުރިހޯދައިގެން ދަޑިމަގު ރަނިން އެގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލް ކަށަވަރުކޮށްފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ އިއްޔެ ހަވީރު ބައްދަލުކުރީ މާދަޑު ފިސްޑާ އާއި ހޯދަޑު ސްޕައިކަރސް މެޗް ފިސްޑާ ކާމިޔާބުކުރީ 3-1 އިންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ވަރަށް ވާދަވެރިކަމާއި އެކު ގެންދިޔައީ ހޯދަޑު ސްޕައިކަރސް ނަމަވެސް ފަހު ތިން ސެޓް ވަރަށް ފަސޭހަ ކަމާއި އެކު ފިސްޑާ ގެންގޮސް މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ގުރޫޕް އެކެއްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލް ކަށަވަރު ކުރިއެވެ. މިމެޗްގެ ކްއީން އޮފް ދަ މެޗަކީ މާދަޑު ފިސްޑާގެ ލަންކާ ކުޅުންތެރިޔާ ވަސޫ އެވެ. މިގުރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީގައި ދެން ކުޅޭނީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ހޯދަޑު ސްޕައިކަރސްވަނީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތުން ކަޓާފައެވެ.

މުބާރާތުގެ ގުރޫޕް 2ގައި ރޭ ކުޅުނު ދަޑިމަގު ރަނިން އާއި މާލެގަން ޔެސް ބައްދަލުކުރި މެޗް ސީދާ ތިންސެޓުން ފަސޭހަ ކަމާއި އެކު ގެންދިޔައީ ދަޑިމަގު ރަނިން އެވެ. ދަޑިމަގުގެ މިމޮޅާއި އެކު ގުރޫޕް 2 ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ހޮވިފައިވެއެވެ. މިމެޗްގެ ކްއީން އޮފް ދަ މެޗަކީ ދަޑިމަގު ރަނިން ޓީމްގެ އިންޑިޔާ ކުޅުންތެރިޔާއެވެ. މިގުރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީއިން ޖާގަ ހޯދީ އެކުވެރި ފުނާޑެވެ. މިގުރޫޕްގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ މާލެގަން ޔެސްވަނީ މުބާރާތް ނިންމާލަން ޖެހިފައެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ފައްޓާނީ ބުދަ ދުވަހުއެވެ. ބުދަ ދުވަހު ހަވީރު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގުރޫޕް 1ގެ އެއްވަނަ ޓީމް މާދަޑު ފިސްޑާ އާއި ގުރޫޕް 2ގެ އެއްވަނަ ޓީމް ދަޑިމަގު ރަނިން އެވެ. މިމެޗް ކުޅޭނީ ހަވީރު 4:00 ގައެވެ. މިމެޗްއިން މޮޅުވާ ޓީމެއް ފައިނަލަށް ހޮވޭނެއެވެ. ސެމީ ފައިނަލް ދެވަނަ މެޗްގައި ބައްދަލުކުރާނީ ގުރޫޕް 1ގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީ އިން ޖާގަ ހޯދި މިސްކިތްމަގު އެންމެންގެ ގުޅުމާއި ގުރޫޕް 2ގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީ އަށް ދިޔަ އެކުވެރި ފުނާޑެވެ. މިމެޗްކުޅޭނީ ރޭގަނޑު 8:30 ގައެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލުން ޖާގަ ލިބޭނީ ސެމީގެ ފުރަތަމަ މެޗް އިން ބަލިވާ ޓީމަކާއި ބައްދަލުކޮށް މޮޅުވާ ޓީމެކެވެ. މިމެޗް އޮންނާނީ 17 އޮކްޓޯބަރ 2015 ވާ ހޮނިހިރު ދުވަހުއެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ ދުވަހުއެވެ. 20 އޮކްޓޯބަރ 2015 ވާ އަންގާރަ ދުވަހުއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އިންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !