A wide advertisement which will be shown on all devices. (700 x 100)

17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އުތުރު ކޮރެއާ ހޯދައިފި

ރޭ ޖޯޑަންގެ އައްމާނުގައި ނިމިގެންދިޔަ އަންހެނުންގެ 17 އަހަރުން ދަށުގެ ވޯލްޑްކަޕް ޗެމްޕއިން ކަން އުތުރު ކޮރެއާއިން ހޯދައިފި. ފޮޓޯ ގެޓީ އިމޭޖްސް

ރޭ ޖޯޑަންގެ އައްމާނުގައި ކުޅެވުނު ފީފާ 17 އަހަރުން ދަށުގެ އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ޖަޕާނުގެ މައްޗަށް ޕެނަލްޓީއިން ކުރިހޯދައި މުބާރާތުގެ ޗެމްޕިއަންކަން އުތުރު ކޮރެއާގެ ޓީމުން ހޯދައިފިއެވެ. މުޅިމެޗުގައި ހެން ދިފާއަށް ކުޅެ މެޗުގެ ފުރިހަމަ ވަގުތު 0-0ން އެއްވަރުކޮށްގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-5 ން ކޮރެއާއިން ވަނީ ޑިފެންޑިން ޗެމްޕިއަން ޖަޕާނުގެ މައްޗަށް ހަނިގޮތަކުން ކުރި ހޯދާފައެވެ. މިއީ އުތުރު ކޮރެއާއިން މިމުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ މުބާރާތުގެ ތަށި އެޓީމުން ހޯދީ 2008 ގައެވެ.

މުބާރާތުގެ ތިން ވަނަ ޓީމަކަށް ހޮވުނީ ވެނެޒުއެލާ ބޮޑު ތަފާތަކުން ބަލިކުރި ސްޕޭންގެ ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަޕާންު ޓީމުގެ ކެޕްޓަން ފުކާ ނަގާނޯއެވެ. ދެ ވަނަ އުތުރު ކޮރެއާގެ ސުން ހިޔަން ސިމް އަށް ލިބުނު އިރު 3 ވަނަ ލިބުނީ ވެނެޒުއެލާގެ ކަސްޓެލާނޯ އަށެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ސްޕޭނުގެ އިސްކޮޅުން ކުރު ފޯވަޑް ލޮރޭނާ ނަވާރޯއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ ވެސް ސްޕޭނުގެ ކީޕަރު ނޯއިލިއާ ރާމޮސް އެވެ. ފާއިތުވި ދެ މުބާރާތުގެ ވެސް ފެއަރ ޕްލޭ ޓީމު އަދި މިފަހަރުގެ ވެސް ފެއަރ ޕްލޭ އަދި ރަނަރަޕް ޓީމަކީ ޖަޕާން ޓީމެވެ.

ޒުވާން އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅައަށް ބަލާއިރު އޭޝިއާ ޓީމުތަކުގެ ބާރުގަދަކަން އަންނަނީ ހާމަވަމުންނެވެ. އެގޮތުން މި އުމުރުފުރާގެ މިހާތަނަށް ބޭއްވުނު 4 ވޯލްޑްކަޕް މުބާރާތް ވެސް ކާމިޔާބުކޮށްފައި ވަނީ އޭޝިއާގެ ޓީމުތަކުންނެވެ. އެއީ 2008 ގައި އުތުރު ކޮރެއާ، 2010 ގައި ދެކުނު ކޮރެއާ،  2014 ގައި ޖަޕާން އަދި މިއަހަރު، 2016ގައި އުތުރު ކޮރެއާ އެވެ.

މިމުބާރާތް، 2008 ން ފެށިގެން ބާއްވަން ފެށިފަހުން ފުޓުބޯޅަގައި ބާރުގަދަ ޔޫރަޕާއި ދެކުނު އެމެރިކާގެ ޓީމުތަކަށް ތަށީގައި އަތްލެވޭގޮތް އަދި ވަނީ ނުވެފައެވެ. އެންމެ ކައިރި ކުރެވިފައި ވަނީ ވެސް އަންހެނުންގެ ފުޓުބޯޅައިގެ ބާރުގަދަ އެމެރިކާއަށާއި ސްޕޭނަށެވެ. އެމީހުން ވަނީ ފުރަތަމަ މުބާރާތް، 2008ގައި، އަދި ފާއިތުވި 2014 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފައެވެ.

މުޅި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ތިން ފައިނަލު ކުޅެ ދެފަހަރު ތަށި ހޯދި ދެކުނު ކޮރެއާއެވެ. އެއާއެކު ޖަޕާނުން ވަނީ 3 ފައިނަލުގައި ކުޅެ 1 ފަހަރު ތަށި ހޯދާފައެވެ.

ދެން މިމުބާރާތް ބާއްވާނީ 2018 ވަނަ އަހަރު ދެކުނު އެމެރިކާގެ އުރުގުއޭގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !