އިޤްތިޞާދީ ގޮތުން ބަލާއިރު، ކުރާ ހޭދައެއް ނުވަތަ ޚަރަދެއް ބޭނުންތެރި ހޭދައެއްކަމަށް ކަނޑައެޅެނީ އެކަމުން ލިބޭ ލުއިފަސޭހަތަކާއި މަންފާތައް، އެހޭދައެއް ކުރުމުން ގެއްލިގެންދާ ފުރުޞަތުތަކާއި މަންފާތަކަށް ވުރެ އިތުރުވާނަމަ އެވެ. އެއީ ފަރުދީ ބޭނުމަކަށް ކުރާ ހޭދައެއް ކަމަށް ވިޔަސް ނުވަތަ މުޖުތަމަޢުގެ ބޭނުމަކަށް ކުރާ ހޭދައެއް ކަމަށް ވިޔަސް ވެހެވެ.
މިސާލަކަށް ސްކޫލެއް ނުވަތަ މަދަރުސާއަކަށް ރަށެއްގެ ބަޔަކު ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ސްޓޭޑިއަމެއް އެޅުމަކީ އެއީ އިޤްތިޞާދީ ގޮތުން ބަލާއިރު ބޭނުންތެރި ނުވަތަ ފީސިބަލްކަމަކަށް ނުވާނެއެވެ. ސަބަބަކީ ސްޓޭޑިއަމެއް އަޅައިގެން ލިބޭ މަންފާއަށް ވުރެ، ސްކޫލަކަށް މާބޮޑަށް ބޭނުންވެފައިވާތީއެވެ. ހަމަ މިމިސާލު އަނެއްކޮޅަށް ޖަހާލަމާ ހިނގާށެވެ. ރަށުގައި ކިޔެވުމުގެ ފެންވަރު ވަރަށް މަތިވެފައި ކިޔެވުމަށް ލިބެން ހުރި ފުރުޞަތުތައް ވެސް ގިނަވެފައި ވަނިކޮށް އިތުރު ސްކޫލެއް އެޅުމުގެ ބަދަލުގައި އެފައިސާއާއި އެބިން ބޭނުންކޮށްގެން ސްޓޭޑިއަމެއް ނުވަތަ އެނޫން އެހެންވެސް ވަޞީލަތެއް ޤާއިމުކުރުން މާ ރަގަޅުވާނެއެވެ.
އެހެންކަމުން، އިޤްތިޞާދީ މިވިސްނުމަކީ އަޅުގަނޑުމެންގެ ރަށާއި ޤައުމު ތަރައްޤީކުރުމުގައިވެސް ގެންގުޅެންޖެހޭ ވިސްނުންކަމުގައި ދެކެމެވެ.
މިގޮތުން ބަލާއިރު ފުވައްމުލަކުގައި އެއަރޕޯޓެއް އެޅުމަކީ ވެސް ހަމަ މި ވިސްނުމުން ވިސްނަންޖެހޭ ކަމެއް ކަމުގައި ދެކެމެވެ. މިއީ މި ޚިޔާލު ފައުޅުކުރުމަށް މުނާސަބު ދަނޑިވަޅަކަށް ނޫން ކަމުގައިވެސް ވެދާނެއެވެ.
ޒަމާނުއްސުރެ ފުވައްމުލަކަކީ އަރައި ފޭބުމާއި ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން އެކަހެރި ވެފައިވާ ރަށެކެވެ. 2003 ވަނައަހަރުގައި ހުޅުވިގެން ދިޔަ ބަނދަރާއެކު ރަށަށް އަރައިފޭބުމުގައި ހުރި ދަތިކަން ފިލައިދިޔަ ނަމަވެސް އެކަށީގެންވާ ދަތުރުފަތުރުކުރުމުގެ ނިޒާމެއް ނެތުމުގެ ސަބަބުން ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ދާދިފަހަކާ ޖެހެންދެން ރަށުގެ ގިނަ ބަޔަކު ދަތުރުފަތުރުކޮށް އުޅުނު ނާލު ބޯޓުފަހަރުތަކަކީ ސަލާމަތްތެރިކަމުގެ ގޮތުންނާއި ދުވެލީގެ ގޮތުން ފަސިންޖަރުން ދަތުރުކުރަން އެކަށީގެންނުވާ އެއްޗަކަށްވާތީ ވައިގެ ދަތުރުތައް ޚިޔާރުކުރަން މަޖުބޫރުވިއެވެ.
އެހެންނަމަވެސް މިއީވެސް ތަކުލީފު ކުޑަ ކަމަކަށް ނުވެއެވެ. ވައިގެ ދަތުރުކުރެވެން އޮތީ އާދައިގެ ގަލްފުކްރާފްޓް ލޯންޗެއްގައި، ކެކިއަރަމުންދާ އައްޑޫ ކަނޑުގައި ދޮޅުގަޑިއެއްހާއިރު ވަންދެން ތެޅުވުމަށްފަހުއެވެ. އެހެންކަމުން ވައިގެ ދަތުރުފަތުރު ސީދާ ރަށުން ކުރުމުގެ ބޭނުންތެރިކަން މިއޮތީ ބޮޑުވެފައެވެ.
ފުވައްމުލަކުގައި ހެދޭނެ އެއާޕޯޓަކީ ރަށުގެ ތަރައްޤީ އަށް ހުޅުވޭ މުހިއްމު ދޮރޯއްޓެއް ކަމާމެދު އިޢުތިރާޟުކުރާނެ އެއްވެސް މީހަކު ނެތެވެ. އެއާޕޯޓުގެ ސަބަބުން ލިބިގެންދާނެ ލުއިފަސޭހަތައް ވަރަށްވެސް ގިނައެވެ. އެއިރަކުން، ޙާލުދެރަ ބަލިމީހާ އަށް ފަރުވާ ލިބެންދެން ދޮޅުގަޑިއިރުގެ އިތުރު ތަކުލީފުތަކެއް ނުޖެހޭނެއެވެ. ސީދާގޮތުންނާއި ނުސީދާގޮތުން ރަށުގެ ތަރައްޤީއަށް ފާގަތިކަން ލިބޭނެއެވެ. ސީދާގޮތުން ލިބޭނެ ފައިދާތަކަކީ ދަތުރުގެ އަވަސްކަމާއި ލުއިފަސޭހަކަމެވެ. ނުސީދާ ފައިދާތަކަކީ ވަޒީފާގެ ފުރުޞަތުތައް އިތުރުވުމެވެ.
މިބަލައިލެވުނީ ފުވައްމުލަކުގައި އެއާޕޯޓެއް ހެދުމުން ލިބޭނެ ފައިދާތަކާއި މަންފާތަކުގެ މައްޗަށެވެ. އިޤްތިޞާދީގޮތުން މާހިރުން ބުނާގޮތުން މިބަލައިލެވުނީ ޚަރަދެއް ނުވަތަ ހޭދައެއް ނުވަތަ އިންވެސްޓުމެންޓެއް ކުރުމުގެ ކުރިން ބަލަންޖެހޭ ކަންތަކުގެ އެއްބައެވެ. ގިނަމީހުން ހަމައެކަނި ބަލާ ކަންތަކެވެ.
ދެން ފައިސާ ފޮތީގެ އަނެއް ފުށް ބަލައިލަމާ ހިނގާށެވެ.
ފުވައްމުލަކަކީ ރާއްޖޭގެ އެހެން ރަށްތަކާ ތަފާތުކޮށް އުފެދިފައި އޮތް ރަށެކެވެ. ސިޔާސީ ގޮތުން ވަކި އަތޮޅެއްގެ ގޮތުގައި ބެލެވުނެއްކަމަކު ފަޅެއް، ގިރިއެއް، ވިލެއް ނެތެވެ. ރަށްވަށައި އޮތީ ބޮޑެތި ރާޅުނަގާ ފުށްޓަރެވެ. ރަށުގެ ސައިޒު ކިތަންމެ ބޮޑަސް ރަށުގެ މެދުތެރޭގައި ބޮޑަށް އޮތީ ޗަސްބިމެވެ. އެހެންކަމުން ފަސޭހައިން އާބާދުވެވޭ ފަދަ ބިމެއް އޮތީ ރަށްވަށައިގެން ވާ ސަރަޙައްދުގައި އެކަންޏެވެ.
ރަށުގެ އާބާދީގައި މިހާރުވެސް ދިހަވަރަކަށް ހާސް މީހުން އުޅޭ އިރު ގޯތީގެ ގޮތުގައި މިހާރު މިދެވެނީ ސާދަސަތޭކަ އަކަފޫޓެވެ. ބިން ހިއްކާނެ ފަޅެއް ނެތުމުން، އާބާދީ އިތުރުވާ ނިސްބަތަށް ބަލާއިރު ކުރިޔަށް އޮތްތަނުގައި ބިމަކީ ނުހަނު މިރަށުގައި ތަދު އެއްޗަކަށް ވާނެއެވެ. ކަންމިހެން ހުރުމާއެކު ރަށުގެ ބިން ބޭނުންކުރުމުގައި ބަލަންޖެހޭ ކަންތައް ވަރަށް ގިނައެވެ.
އެއާޕޯޓެއް ހަދަން ބަލާއިރުވެސް، ކުރިން ދެންނެވި ކަންތަކާމެދު ވިސްނާލުމަކީ މުހިއްމުކަމެކެވެ. އެންމެ އާދައިގެ ޑޯނިއާ ފްލައިޓެއް ޓޭކްއޯފް ކުރުމަށް ރަންވޭގެ ދިގުމިނުގެ މަދުވެގެން ހަތަރުހާސް ފޫޓު ހުންނަން ޖެހެއެވެ. މިއީ ހަމައެކަނި ރަންވޭގެ ދިގުމިނެވެ. އަދި ރަންވޭގެ ފުޅާމިނާއި، ފިއުލް ފާމާއި، ޓެކްނިކަލް އަދި މެއިންޓަނަންސްގެ ޚިދުމަތަށް ބޭނުންވާ ތަންތަނާއި ޓާމިނަލާއި ޕާކިން ޖާގައަށް ވެސް ބިން ބޭނުންވާނެއެވެ. މިއީ އެންމެ އާދައިގެ ގޮތެއްގައި ހެދޭ އެއާޕޯޓަކަށް ބިން ބޭނުންވާ ވަރެވެ.
މިފަދަ ބޮޑު ބިމެއްގައި ކުރެވިދާނެ އެހެން އިންވެސްޓްމަންޓަކުން ލިބޭނެ މަންފާ ބެލެވިފައިވޭ ބާވައެވެ. މިއީ ކިތައް ޢާއިލާއަށް ބޯހިޔާވަހިކަން ހޯދައިދެވިދާނެ ބިމެއްކަން ބެލެވިފައިވޭބާވައެވެ. މިހާރުގެ ބަހުރުވައިންނަމަ ކިތައް ހައުސިން ޔުނިޓް ނުވަތަ ފްލެޓް އެޅޭނެ ޖާގަ ކަމާމެދު ވިސްނާލެވިފައިވޭ ބާވައެވެ؟
އޮޅުވައިނުލައްވާށެވެ. ދަތުރުކުރުމުގެ ފަސޭހަކަން ފުވައްމުލަކުގެ ރައްޔިތުންނަށް ލިބުމުގެ މުހިއްމުކަމާމެދު ޝައްކެއް ނުކުރަމެވެ. އެހެންނަމަވެސް އެފަސޭހަކަން ލިބެންއަންނަނީ ނުލާހިކު ތަދު ބިންކޮޅު ޤުރުބާންކޮށްގެން ކަމަށްވާނަމަ އެކަމާމެދު ދެވަނަ ވިސްނުމަކަށް ދިއުން ބުއްދިވެރިއެވެ.
ވައިގެ ދަތުރުފަތުރުގެ ނިޒާމު ޤާއިމުކުރެވެން އޮތީ ހަމައެކަނި އެއާޕޯޓެއް ހަދައިގެން ހެއްޔެވެ. ފުވައްމުލަކުގައި ޤުދުރަތީގޮތުން އުފެދިފައިވާ ދެކުޅީގެ ތެރެއިން ކުޅިއެއްގައި ސީޕްލޭން އޮޕަރޭޓުކުރެވޭ ގޮތް ވެއްޖެނަމަ ކުރިން ދެންނެވުނު ބިމުގެ މައްސަލައަށް ލުޔެއް ލިބޭނެއެވެ. މިކަމަށް އެކަށީގެންވާ ދިރާސާއެއް ހެދިފައިވޭބާވައެވެ. ތަންކޮޅެއްކުރިން ބޮޑު ބޭފުޅަކު ވަޑައިގަތް ފަހަރެއްގައި ބަންޑާރަކުޅީގައި ސީޕްލޭނެއް ޖައްސަން އުޅުނުކަމަށް ވާހަކަ ދެކެވެއެވެ. އެހެންނަމަވެސް މިއީ އަޅުގަނޑު މިދަންނަވާ އެކަށީގެންވާ ދިރާސާއެއް ނޫނެވެ.
ސީޕްލޭން އޮޕަރޭޓް ނުކުރެވޭނަމަ އެކަށީގެންވާ ފެރީގެ ނިޒާމެއް ޤާއިމުކުރެވިދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ދެތިން ރިޔަނުގެ ލޯންޗުގެ ވާހަކައެއް ނޫނެވެ. އައްޑޫކަނޑު ކަހަލަ ގަދަ ކަނޑުތަކުގެ ބިޔަ ރާޅުތަކަށް އޮބި އޮންނަވަރުގެ ބޮޑެތި ސްޕީޑް ލޯންޗުފަހަރު ގެ ވާހަކައެވެ.
ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ މި ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑު ކަމަށް ވާތީ އާއި ބިމަކީ ނުހަނު ތަދު އެއްޗަކަށްވުމުން ކޮންމެ މޭލަކުން މޭލަކުން އެއާޕޯޓެއް ޤާއިމުކުރުމަކީ ކިހާ ފީސިބަލް ކަމެއްތޯ ބަލައިލާން ޖެހެއެވެ. ސިޔާސަތު ކަނޑައަޅާ މީހުންނާއި ސޔާސީ މީހުން މިކަމާމެދު ވިސްނާލަންޖެހެއެވެ. ރަށުގެ ގިނަ މީހުންގެ ވިސްނުންހުރީ އެއާޕޯޓު ހެދުމާ އެއްކޮޅަށް ކަމަށްވެފައި، މިދަނޑިވަޅެއްގައި މިވާހަކަ ނެގުމަކީ ސިޔާސީ ދަންޖެހުމެއް ކަމަށް ވިޔަސް ދައްކަންޖެހޭ ވާހަކަ ވާނީ ދައްކާށެވެ.