ދެކުނު ޕުރޮވިންސްގައި ހިމެނޭ އައްޑު އަތޮޅާއި ފުވައްމުލަކުގެ ހޮސްޕިޓަލް ތަކާއި ސިއްހީ މަރުކަޒުތައް ހިމެނޭ ކުންފުނި ކަމަށްވާ ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންނަށް ޒައިދު (ޒައިޑޭ) އާއި ނަރީމާ އައްޔަން ކޮށްފިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އޮފީހުން ވިދާޅުވީ ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، އައްޑުއަތޮޅު މީދޫ އަރާއިރު ޢަލީ ޝަހީމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އައްޑުއަތޮޅު މީދޫ ނަރުގިސް ޙުސައިން ރަޝީދާއި، އައްޑުއަތޮޅު ފޭދޫ ޗަނބޭލީގޭ ނޫރުﷲ ސަޢީދާއި، މާފަންނު ލޭންވިލާ ޑޮކްޓަރ ޢަލީ މުޒްނީއާއި، ފުވައްމުލައް ބިއުޓީވިލާ ޢަލީ ޒައިދާއި، ފުވައްމުލައް އަބާރަނަ ފާޠިމަތު ނަރީމާ ޙަސަނާއި، އައްޑުއަތޮޅު ހިތަދޫ ބިންބިމާގޭ އިބްރާހީމް ޞަބްރީއެވެ.
"ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި، ރައްޔިތުންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ދެކުނު ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދްމަތްތައް ޤާއިމުކޮށް، އެޚިދްމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑު" މިނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަނީ އުފައްދަވައިފައި" ރައީސް އޮފީހުން ވިދާޅުވިއެވެ.
ފަސް ބޭފުޅުން ހިމެނޭ ޑިރެކްޓަރުންގެ ބޯޑްގައި ފުވައްމުލަކުން ހިމެނިފައިވާ ފުވައްމުލައް އަބާރަނަ ފާޠިމަތު ނަރީމާ ޙަސަން އަކީ ފުވައްމުލަކު ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ޑިޕްލޮމާ ފެންވަރުގެ ބޭފުޅެކެވެ. އަދި ފުވައްމުލަކުން އައްޔަން ކުރި އަނެއް ޑިރެކްޓަރ ކަމަށްވާ ބިއުޓީވިލާ ޢަލީ ޒައިދު (ޒައިޑޭ) އަކީ ހެލްތު ދާއިރާގެ އެއްވެސް ވަޒީފާއެއް މީގެ ކުރިން އަދާކޮށްފައިވާ ބޭފުޅެއްނޫނެވެ. އަދި ހެލްތު ދާއިރާއިން ތައުލީމް ހާސިލް ކޮށްގެން ހުންނެވި ބޭފުޅެއްވެސް ނޫނެވެ. އަލީ ޒައިދު (ޒައިޑޭ) ފާހަގަ ވެފައިވާވަނީ މިހާތަނަށް ފުވައްމުލަކުގައި އެމްޑީޕީ އިން ހިންގާ ހަރަކާތްތަކުގެ އިސް އެކްޓިވެސްޓެއްގެ ގޮތުގައެވެ.