ކުރީގެ ރައީސް މައުމޫން ސަރުކާރުގެ 30 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާރަށެއްގައި ބޯފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާކަމަށް އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ބުނެފިއެވެ.
ޑީއާރުޕީ ފުވައްމުލަކު ގޮފިން އިސްނަގައިގެން ޑީއާރުޕީ ޕީއޭ އަދި ގައުމީ ޕާޓީއާއި ޖުމުހޫރީ ޕާޓީ ހިމެނޭ އިދިކޮޅު އިއްތާހީދުން ފުވައްމުލަކު ޒިކުރާ ސްކޫލުގައި ރޭ ބޭއްވި "ހާއްސަ ޖަލްސާ"ގައި ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވީ ނިމިގެންދިޔަ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ގާނޫން އަސާސީން ރައްޔިތުންނަށް ދިނުމަށް ލާޒިމްކުރާ އަސާސީ ހައްގު ތަކުގެ ތެރޭގައި ހިމެނޭ ބޯފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަށް މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
"މައުމޫންގެ 30 އަހަރު ދުވަހުގެ ތެރޭގައި އަސާސީ ހުރިހާ ހިދުމަތްތަކެއްވަނީ ފޯރުކޮށްދީފައި، ނަމަވެސް މިސަރުކާރުން މިފަދަ އެއްވެސް ކަމެއް ނުކުރެވޭ، އަދި މިރަށުގައި ކުރަންބުނެ ވައުދުވި އެއްވެސް ކަމެއް ނުކުރެވޭ، އޭގެ ތެރޭގައި މަގުހެދުމާއި، ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ވެފައިވާ ވައުދުތަކެއް ނުފުއްދާ، ނަމަވެސް ރައީސް ނަޝީދު މިހާރު ވިދާޅުވަމުންގެންދަވަނީ ޖުލައި 26ގެ ނިޔަލަށް ހުރިހާ ވައުދެއް ފުއްދާނެކަމަށް، އެވައުދު ފުއްދެން އޮތީ ކަރުދާސްގަނޑެއްގައި ނަރުދަމާ ނިޒާމް ކުރަހައިގެން ރައްޔިތުންނަށް ދައްކައި މިއޮތީ މިރަށުގެ ނަރުދަމާ ނިޒާމޭ ބުނެ އެގޮތަށް" ރޭގެ ޖަލްސާގައި ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވިއެވެ.
އިދިކޮޅު އިއްތިހާދުން ފުވައްމުލަކުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭބޭއްވި ޖަލްސާގައި އަތޮޅު އޮފީހުގެ އެހީތެރިޔާގެ މަގާމް ފުރުއްވަމުން ގެންދަވާ އަހްމަދު މުހައްމަދު (މީނާޒް) ވިދާޅުވީ ދުސްތޫރީ ނިޒާމުން ބޭރުގައި ކޯޓު އުފައްދާ މީހުންކީ ދުސްތޫރީ މުޖުރިމުންކަމަށެވެ. އަދި އެފަދަ ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް އެގޮތަށް އުޅެމުންދަނީ ޖާހިލުން ކަމަށެވެ.
"ދުނިޔޭގެ ގައުމު ތަކުގައި އެގޮތަށް ކޯޓްތައް ހަދައިގެން އުޅެނީ މަގުފޭރޭ މީހުންނާއި، ލޫޓްވާމީހުން އަދި ގޭންގު ސުޓާރުން، އެފަދަމީހުންނަށް އަޅުގަނޑުމެންވެސް ކިޔާނީ ގޭންގު ސުޓާރުންނޭ" މީނާޒް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދެއްކި ހުރިހާ ބޭފުޅުންވެސް މިއަދުގެ ރައީސް ނަޝީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އަދި ދިވެހި ރާއްޖެ އަށް މިނިވަންކަން ހޯއްދަވައިދެއްވި މިރަށް ނިސްބަތްވާ އިބްރާހިމް ނާސިރު ކޮށްދެއްވި މަސައްކަތްތައް މިހާރުގެ ސަރުކާރުން ފޮހެލުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ތުހުމަތު ކޮށް ވާހަކަ ދައްކާފައިވެއެވެ.
"މިރަށު ދަނޑިމަގު އަވަށް ނިސްބަތްވާ ބޭފުޅެކޭ، އަޅުގަނޑުމެންނަށް މިނިވަންކަން ހޯއްދަވާ ދެއްވީ އެހެން ކަމުން ދަނޑިމަގު މީހުންނާއި ދިމާލަށް އެބޭފުޅުން (އެމްޑީޕީ މެންބަރުން) އެއްޗެކޭ ވިދާޅުވާން ލަދުގަންނަންޖެހޭނެ، ދަނޑިމަގު މީހުންނާއި ދިމާލަށް އެއްޗެކޭ ބުނާނީ ހަޔާތް ކުޑަބައެއް" ރޭގެ ޖަލްސާގައި ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި އިތުރަށް ބުނެފައިވަނީ ދިވެހި ރާއްޖޭގައި މިހާތަނަށް އެންމެ ހުދުމުހްތާރު އަދި އަނިޔާވެރި ތާކުންތާކު ނުޖެހޭ ވެރިކަމެއް ކުރަމުންގެންދަނީ ރައީސް ނަޝީދު ކަމަށެވެ.