މިނިވަންކަމުގެ ހަމައެކަނި ބޭނުމަކީ ބައެއްގެ ނުފޫޒުން އެއްކިބާވެގެން ތިބުމެއް ނޫނެވެ.
މިނިވަންކަމަކީ އިންސާނުން ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމަށް ލިބޭނެ އެންމެ އަގުހުރި ހަތިޔާރުވެސް މެއެވެ. މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރާ މީހުންނަކީ އެ މިނިވަންކަމުގެ ބޭނުން ކުރިއެރުމާއި ފާގަތިކަން ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކެވެ. އުފާވެރި މިނިވަން ދުވަސް މިއަދު ފާހަގަ ކުރާއިރު އަޅުގަނޑުމެން މިވަނީ ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ފޫގަޅައިގެންނެވެ.
ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ކަންބޮޑުވާ ބޮޑެތި މައްސަލަތަކާމެދު ޢާއްމު ތަންތަނުގައި ވާހަކަ ދައްކައި، އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މުޒާހަރާ ކުރުމަކީ، މިއަދު ތިޔާގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ލިބިފައިވާ މިނިވަންކަމެކެވެ. އަދި އަލަށް ހެދުނު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ޙައްޤުތަކާއި މިނިވަންކަމާ ބެހޭ ބާބުގައި ސަރީޚަ އިބާރާތުން ރައްޔިތުންނަށް ލިބިދީފައިވާ ކަށަވަރު ޙައްޤުތަކެއްވެސް މެއެވެ.
ފުވައްމުލަކު ކޮންމެ ރައްޔިތަކީވެސް މި ލޮބުވެތި ރަށާއިމެދު ފޮނިފޮނި އުއްމީދުތަކެއް ކުރާ ރައްޔިތެކެވެ. އެއުއްމީދުތަކާއި މިހާރު އެންމެ ގުޅިފައިވަނީ އެއަރޕޯޓާއެވެ. ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށެވެ. އަދި ރަނގަޅު ފެންވަރެއްގެ ނަރުދަމާއެއް އޮތުމަށެވެ. ރަށުގެ ސިއްޚީ ޚިދުމަތާއި ތަޢުލީމުގެ ޚިދުމަތުގެ ފެންވަރު މިއަށްވުރެ ރަނގަޅުވުމަށެވެ. ރަށުގައި ތިބެގެން ވަޒީފާ ލިބޭނެ ދުވަހަކަށެވެ.
މަތީގައި މި ދެންނެވުނު ކަންތައްތަކަކީ އެކަންތައްތައް އަވަސް މުސްތަޤުބަލެއްގައި ކުރެވިދާނެ ކަމުގެ އުއްމީދު ހިތުގައި ނެތަސް ތިޔާގެތެރެއިން ކޮންމެ ބޭފުޅަކީވެސް އެފަދަ ދުވަހެއް ދެކެން ބޭނުންވާ ފަރާތެއް ކަމާމެދު ހިތުގެ އެންމެ ފުންމިނުން ޤަބޫލު ކުރާނެއެވެ.
މިއަދު ދުނިޔޭގައި ފާގަތިކަމުގެ ފޮނިމޭވާގެ ރަހަ އިހްސާސްކުރާ ކޮންމެ މުޖުތަމަޢަކީ އެ ފާގަތިކަން ހޯދުމަށް އެމީހުންނަށް ލިބުނު މިނިވަންކަމުގެ ބޭނުންކޮށް، ހިތްމަތާ އެކުވެރިކަމާއެކު މަސައްކަތް ކުރި މުޖުތަމައެކެވެ. ނުރޯދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ވަކިވަކިވެ ގަތުމަކީ ލިބޭ ނިކަމެތިކަމެކެވެ.
ފުވައްމުލަކުގައި ޒަމާނުންސުރެ އޮތް އަވަށު ވާދައާއި، ދުޝްމަންކަމާއި، އަދި މިހާރު މިއޮތް ސިޔާސީ ދެކޮޅުވެރިކަން ހުދޫދެއްގެ ތެރޭގައި ރަނގަޅު ހަމަތަކެއްގެ ތެރޭގައި ބާއްވައި، ރަށުގެ ތަރައްޤީއާ މެދު އެންމެން މިދެކޭ ތަސައްވުރުގައި ވީހާވެސް އަވަހަށް ކުލަ ޖެއްސުމަށް އެކުވެރިކަމާއެކު އަތުގުޅާލައިގެން ނުކުންނަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ހުރި ދެބަސްވުންތައް، އެއީ އަޅުގަނޑުމެންގެ އުއްމީދުތަކާއި އަޅުގަނޑުމެންނާއި ދެމެދު އޮތް ހުރަހަކަށް ހެދުމަކީ މޮޔަކަމެކެވެ.
ފަޙްރުވެރި މިނިވަންކަމުގެ އުފާ މިއަދު އަޅުގަނޑުމެން ލިބިގަންނަމުން ދާއިރު، ފުވައްމުލަކުގެ ތަރައްޤީއާއި މެދު ކުރެވޭ އުއްމީދުތައް ޙާސިލު ކުރުމަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރުމަށް ވިސްނާލުން މުހިއްމެވެ. މިނިވަންކަމަކީ މިއަދު އަޅުގަނޑުމެނަށް ލިބިފައިވާ އަގު ނުކުރެވޭނެ ހަތިޔާރެކެވެ. އަދި ނިޢުމަތެއްވެސް މެއެވެ.