މި ލިޔުމުގައި ބަލައިލަނީ ކިޔުންތެރިއަކު ހުށަހަޅާފައިވާ ސުވާލަށެވެ.
- 3ޑީ ޓީވީއާއި ސިނަމާތަކުގައި ދައްކާ 3ޑީ މޫވީ އާ މިއީ އެކައްޗެއް ހެއްޔެވެ؟
- އައިނު ނައަޅާއި 3ޑީ ޓީވީ ފެންނާނެތަ؟
- 3ޑީ ގޭމު ހުރޭތަ؟
މިސުވާލުތަކަށް ސީދާ އަޅުގަޑަށް ފެންނަ ޖަވާބެއް ދިނުމުގެ ކުރިން އެންމެ ފުރަތަމަ ކުޑަ ދިރާސާއެއް ކޮށްލީމެވެ. 3ޑީ ޓީވީ އަކީ ފަހުގެ ޓެކްނޮލޮޖީއަކަށް ވުމާއިއެކު އަޅުގަޑުގެ ދިރާސާ ބިނާވެފައި ވަނީ ގޫގުލް ސާރޗް ކޮށް މަޝްހޫރު ޓެކްނޮލޮޖީ ރިވިއުތައް ކުރިޔަށް ގެންދާ ވެބްސައިޓްތަކާއި ނޫސްތަކަށެވެ.
ސުވާލު: 3ޑީ ޓީވީއާއި ސިނަމާތަކުގައި ދައްކާ 3ޑީ މޫވީ އާ މިއީ އެކައްޗެއް ހެއްޔެވެ؟
ސިނަމާތަކުގައި ދައްކާ 3ޑީ ފިލްމުތަކާއި 3ޑީ ޓީވީ އަކީ ޓެކްނޮލޮޖީގެ ގޮތުން ގާތްގަޑަކަށް އެކައްޗެކެވެ. މިދެ އަމާޒަށް ފިލްމު އުފެއްދުމަށް ވެސް މައިގަޑު ގޮތެއްގައި ބޭނުން ކުރަނީ އެއްކަހަލަ ގޮތްތަކެކެވެ. ނަމަވެސް ސިނަމާތަކުގެ ދެ ޕްރޮޖެކްޓަރުން އެއްފަހަރާ އެއްމަންޒަރެއް ދެ އެންގަލުން ނަގާފައިވާ ވީޑީއޯ ދައްކާލުމުން އެ އެކުވެ 3ޑީ ކޮށް ފެންނަނީއެވެ. ޓީވީގައި ފެންނަނީ މާކުރީއްސުރެ ދެމަންޒަރު އެއްކޮށްގެން ތައްޔާރު ކުރެވިފައިވާ ފިލްމެކެވެ. އަދި ސިނަމާތަކުގެ 3ޑީ ފިލްމު ދައްކާ ސްކްރީން ބޮޑުވުމުން ބެލުންތެރިންނަށް ގެނެސްދޭ އިހުސާސު ވަރަށް ބޮޑުތަން ތަފާތުކަމަށް މިދެގޮތަށް ވެސް 3ޑީ ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުން ހާމަކުރެއެވެ. އަދި މިޓެކްނޮލޮޖީއަށް ވިސްނާއިރު ވެސް މިދެގޮތަށް ބަލާ ފިލްމުތަކުން ކުރެވޭ އިހުސާސު ތަފާތު ވާނެކަމަށް ކަމުގެ މާހިރުން އެއްބަސްވެއެވެ.
މައިގަޑު ގޮތެއްގައި ބަލާމީހާގެ ހިއްސުތަކަށް 3ޑީ ފިލްމުގެ މަޒަރުތަކުން ކުރުވާ އަސަރު ބިނާވެފައިވަނީ އޭނާ ޓީވީ ބަލާ ދުރުމިނާއެވެ. އެގޮތުން ޓީވީ ފޮޓޯ ސައިޒު ކުޑަވުމުން ބަލާމީހާއަށް ފެންނަ އެންގަލް (ނުވަތަ ފިލްޑް އޮފް ވިޝަން) ގެ ބޮޑު ބައެއް ސްކްރީނުން ބޭރަށް ހުރުމުން ކުރެވޭ އިހުސާސުތައް ވަރަށް ބޮޑުތަން ތަފާތު ކަމަށް ވެއެވެ. ޓީވީ ސްކްރީން ކުޑަ ވުމުން ބަލާ މީހާ ހުންނަން ޖެހެނީ 3ޑީ ޓީވީއާއި ވަރަށް ކައިރީގައެވެ. ޓީވީ ސްކްރީނުގެ އުސްމިނުގެ 3 ގުނަ ދުރު ގައެވެ. މިސާލު: 50 އިންޗީގެ 3ޑީ ޓީވީއެއްނަމަ، ބަލާ މީހާއަށް އެންމެ ފުރިހަމައަށް ފެންނާނެކަމަށް ބެލެވެނީ 6.2 ފޫޓް ދުރުންނެވެ.
ދެން އޮތީ ބޭނުންކުރާ އައިނެވެ. ދެގޮތަށް ފިލްމު ބެލުމަށް ވެސް ބޭނުން ކުރަނީ ވަކި ޚާއްސަ ވައްތަރެއްގެ އައިނެކެވެ. "ޕެސިވް ޕޯލަރައިޒްޑް 3ޑީ ގްލާސެސް" އާއި "އެލްޓަރނޭޓް ފްރޭމް ސީކުއެންސިން ވިތް އެކްޓިވް ޝަޓަރ ލެންސަސް" ކިޔާ އައިނެވެ.
ރާއްޖޭގެ ސިނަމާއެއްގައި އަދި 3ޑީ ފިލްމެއް ދެއްކި ކަމެއް އެގިފައެއް ނެތެވެ! އަދި ހަމަ އެގޮތަށް މިވަގުތު ރާއްޖޭގެ ގެއްގެ ސިޓިންރޫމުގައި އާއްމު ގޮތެއްގައި ބޭނުންކުރާ 3ޑީ ޓީވީއެއް ނެތޭ ބުނި ކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް މިހާރު ރާއްޖޭގައި 3ޑީ ޓީވީ ހުންނާނެ ކަމަށް ދޭހަވަނީ ކުރީ ލިޔުމުގައި އިޝާރާތްކުރި ސޮނީ 3ޑީ ޓީވީއާއި ޕެނަސޮނިކް 3ޑީ ޓީވީ ރާއްޖޭގައި ހުރުން ނުވަތަ ކޮންމެވެސް ވަރަކަށް ބޭނުން ކުރާނެކަމަށް ފެންނާތީއެވެ.
ސުވާލު: އައިނު ނައަޅާއި 3ޑީ ޓީވީ ފެންނާނެތަ؟
ޓީވީ އުފައްދާ އެންމެ ބޮޑު ހަ ފަރާތް ކަމަށްވާ އެލްޖީ، ޕެނަސޮނިކް، ސެމްސަން، ސޮނީ، ތޮޝީބާ އަދި ވިޒިއޯ އިން މިހާތަނަށް އުފައްދާފައިވާ ހުރިހާ 3ޑީ ޓީވީއެއްގައި ވެސް އައިނު ބޭނުން ކުރަން ޖެހެއެވެ. ވީމާ ބެލެވެނީ އައިނާއި ނުލައި 3ޑީކޮށް މަންޒަރު ނުފެންނާނެ ކަމަށެވެ. އަދި މިޓެކްނޮލޮޖީ އުފައްދާފައި ވާ ގޮތުންވެސް މިގޮތަށް ގަބޫލުކުރެވެއެވެ. އަޅުގަޑަށް ތަޖުރިބާ ކުރެވުނު 3ޑީ ސިނަމާ(އައިމެކްސް 3ޑީ) ގައި އަދި ޕެނަސޮނިކް ދައްކާލުމުގައި ވެސް އައިނު ނައަޅާއި މަންޒަރު 3ޑީ ކޮށް ނުފެނެއެވެ. ނަމަވެސް އަޅުގަޑުގެ ދިރާސާގައި އެހާ ޔަގީންކަމެއް ނެތް ގޮތެއްގައި މީހަކު ލިޔެފައި ވާތީ ފެނުނެއެވެ. "އޮޓޯ ސްޓީރިއޯ ސްކޯޕިކް" ކިޔާ ޓެކްނޮލޮޖީއެއް ބޭނުން ކޮށްގެން އައިނު ނައަޅާއިވެސް 3ޑީ މަންޒަރުތައް އޭނާ ޓީވީން ބެލިކަމަށް ބުނެއެވެ. އަދި ޝާރޕް ކުންފުނިން މިޓެކްނޮލޮޖީ ޓެސްޓު ކުރަމުންދާ ކަމަށް އެހެން ލިޔުމަކުން ފެނިފައިވެއެވެ. އަދި ޝާޕުން މިޓެކްނޮލޮޖީ އާއްމު ނުކުރާ ކަމަށް ވެއެވެ.
ސުވާލު: 3ޑީ ގޭމު ހުރޭތަ؟
ދެން އަންނަ ލިޔުމެއްގައި މިސުވާލަށް ބަލާލުމަށް ގަސްދުކޮށް ކުރުކުރީމެވެ.