26 ޖުލައި 1965 ވަނަދުވަހު ސްރީލަންކާގައި އޭރުގެ ދިވެހިރާއްޖޭގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު އިގިރޭސިންނާއިއެކު ސޮއިކުރި އެގްރީމަންޓުގެ ސަބަބުން ދިވެހިރާއްޖެއަށް ސިޔާސީގޮތުން ފުރިހަމަ މިނިވަންކަން ލިބުނެވެ.
އޭގެ 44 އަހަރުފަހުން މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ އެދުވަހު އަޅުގަނޑުމެންނަށް ލިބުނު މިނިވަންކަމުގެ ފޮނިމޭވާއެވެ. އެދުވަހުގެ ފަޚުރެވެ. އެކަމުގެ މުނާސަބަތެވެ. އެހެންކަމުން، މިމުނާސަބަތުގައި މިކަލްނޫހުގެ ފަރާތުން ފުވައްމުލަކުގެ ބައެއް ރައްޔިތުން މިނިވަންކަން ސިފަކުރާގޮތް ކިއުންތެރިންނަށް ގެނެސްދޭން ގަސްދުކުރަމެވެ.
"މިނިވަންކަން ވަރަށް ގިނަ ގޮތްގޮތަކަށް މާނަ ކުރެވިދާނެ، ހަޤީޤީ މިނިވަންކަން ލިބުމޭ ބުނެވޭނީ ރައްޔިތުން އެދޭގޮތަށް އެ ގައުމެއްގެ ދާޚިލީ އަދި ހާރިޖީ ކަންތައްތައް ބައްޓަންވެގެން ދިޔާމަ. އެ ނަޒަރުން ބަލާއިރު ރާއްޖެ އަދި މި އުޅެނީ އެ ހަޤީޤީ މިނިވަންކަން ލިބުމުގެ މަގުމަތީގައި. އެހެން ނަމަވެސް ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން މިއޮތީ 26 ޖުލައި 1965 ވަނަ އަހަރު ލިބިފައި، އަދި އެ މިނިވަންކަމުގެ ބާނީ އަކީ އިބްރާހީމް ނާސިރު."
= ޝިފާޤް މުފީދު، ޑޭލައިޓްވިލާ ޏ.ފުވައްމުލައް، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދުދާއިރާގެ މެމްބަރު =
"މިނިވަންކަން ސިފަ ކުރަނީ އެއްވެސް ބައެއްގެ އަޅުވެތިކަމެއް ނެތި ބަރޯސާނުވެ އަމިއްލައަށް ފުދިގެން އުޅުމަށް. ދިވެހި ރައްޔިތުންނަށް ހަޤީޤީ މިނިވަންކަން ލިބިނުކަމަށް އަޅުގަނޑު ޤަބޫލުކުރަނީ 11 ނޮވެމްބަރު 2008 ގައި. އިޖްތިމާޢީ، އިޤްތިސާދީ އަދި ދީނީ ގޮތުންވެސް މިނިވަންކަން ލިބުނީ މިދުވަހު."
= އަހްމަދު މުޖުތަބާ، ފުވައްމުލަކު ކައުންސިލަރ =
"މިނިވަންކަން ސިފަ ކުރަނީ، އަޅުގަނޑުމެން އެންމެން ޤަނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން އަދި އެހެންމީހުންވެސް ތަބާވާން ޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކެއް ވާކަން ދަނެ، ޤާނޫނުގެ ހުދޫދުގެ ތެރޭގައި އެކަކު އަނެކަކުގެ ޙައްޤަށް އިޚްތިރާމް ކޮށްގެން އަޅުގަނޑުމެން އެންމެން ހިތްހަމަޖެހުމާއެކު އުފަލުގައި ދިރިއުޅުން. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ހަޤީޤީ މިނިވަންކަން ލިބުނީ އައު ޤާނޫނު އަސާސީ ތަސްދީޤް ކުރުމާ ގުޅިގެން. މިސާލަކަށް، ޤާނޫނު އަސާސީ އައުމުގެ ކުރިން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފައި، އަދި މީގެ ކުރިން ބައެއްފަހަރު ރައްޔިތުން ފާޅުކުރާ ޚިޔާލުތަކުގެ ސަބަބުން އަދަބުތައްވެސް ލިބިފައި ހުރީމަ.
= ހުސެން ޝަރީފް،ވަފާ ފުވައްމުލައް، އަތޮޅުވެރިޔާގެ މުއާވިން =
" މިނިވަންކަން ލިބުމަކީ ތިމާގެ ދިރިއުޅުމުގެ ކަންތައްތައް އެހެން ބައެއްގެ މައްޗަށް ބަރޯސާނުވެ ތިމާ އަމިއްލައަށް ފުއްދައިގެން އުޅެވުން. ދުސްތުރީ ގޮތުން މިނިވަންކަން ލިބުނު ކަމުގައި ވިޔަސް އެގައުމެއްގެ ރައްޔިތުން އުފާވެރިކަމާއި ފާގަތިކަމާއި ހަމަޖެހުމާއެކު ނޫޅެވެންޏާމު އެއީ ހަޤީޤީ މިނިވަންކަން ލިބުނު ކަމަކަށް ނުވާނެ. ހަޤީޤީ މިނިވަންކަން ލިބޭނީ އިޤްތިސާދީގޮތުން ރައްޔިތުން ކުރިއަރައި، ފުދުންތެރިކަން އިތުރުވެ، ހަމަޖެހިގެން ދިރިއުޅެވޭނަމަ. ރާއްޖެއަށް ދުސްތޫރީގޮތުން ހަޤީޤީ މިނިވަންކަން ލިބުނު ކަމަށް ނުބެލެވޭ، ނަމަވެސް ސިޔާސީ މިނިވަންކަން މިވަނީ ލިބިފައި، އަދި އެކަމުގެ ފުރިހަމަ ކުރެޑިޓް ދޭން ޖެހޭ ފަރާތަކީ އިބްރާހިމް ނާސިރު."
= އިބްރާހިމް ފިކުރީ ހުސައިން، ފެހިއަލި ފުވައްމުލައް، ފުވައްމުލަކު ކައުންސިލަރ =
"މިނިވަންކަމަކީ އަމިއްލަ ހުދޫދެއްގެ ތެރޭ ގާނޫނީ އަދި ދީނީ ހަމަތަކުގެ މަތިން އެހެންމީހުންގެ މިނިވަންކަމަށް އަރައިނުގަނެ ތިމާއަށް ރަގަޅަށް އުޅެވުން. އެގޮތުން އިގްތިސާދީ، ފަރުދީ މިނިވަންކަން ލިބިފައި އޮތުން. އިގިރޭސިންގެ އަޅުވެތިކަމުގެ ދަށުން ދިވެހިރާއްޖެ މިނިވަންވީ ދުވަހުން ފެށީގެން ދިވެހިންނަށް މިނިވަންކަން މިވަނީ ލިބިފައި، ނަމަވެސް ޚިޔާލު ފާލުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަންފަދަ މުހިންމުބައެއް އަސާސްތައް ލިބިފައިމިވަނީ ސިޔާސީ ޕާޓީތައް އުފެދު ހިސާބުން"
= މުރާދު ހަސަން، ފިނިފެންމާގެ ޏ.ފުވައްމުލައް، ވިލާ ޓްރެވަލްސްގެ ޑިރެކްޓަރ މާކެޓިންގ =