އިގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރ ޑރ. ފަރުހަނާޒު ފައިސަލު ހާމަކުރައްވާ ގޮތުގައި ޑރ. ހަސަން ސައީދުއާއި އެޕާޓީގެ ވަފުދަކުން އިގިރޭސި ސަރުކާރުގެ އޮފިޝަލުންނާއި ބައްދަލު ކުރިކަމުގެ އެއްވެސް މައުލޫމާތެއް ހައިކޮމިޝަނަށް ލިބިފައެއް ނުވެއެވެ.
އިގިރޭސިވިލާތުގެ ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން އެފަދަ ބައްދަލުވުމެއް ބޭއްވިއްޖެ ނަމަ އެކަމުގެ މައުލޫމާތު އެގައުމެއްގެ އެމްބަސީ ނުވަތަ ހައިކޮމިޝަނަށް އަންގާނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް މިހާތަނަށް އިގިރޭސި ސަރުކާރުން ލިބިފައި ނެތުމުން އެފަދަ ބައްދަލުވުމެއް ނުވަތަ ބައްދަލުވުންތަކެއް ރަސްމީގޮތުން ބޭއްވުނު ކަމާއި މެދު ސުވާލު އުފެދޭކަމަށް ހައިކޮމިޝަނަރު ހާމަކުރައްވައެވެ.
"އަޅުގަޑު މިދަންނަވަނީ ޑރ.ހަސަން ސައީދު މެން ބައްދަލު ނުކުރެއެކޭ ނޫން، އެކަމަކު އެފަދަ ބައްދަލުވުމެއްގެ މައުލޫމާތު އެގައުމުގެ ނޫސްތަކާއި އެއްވެސް ޓީވީ ސްޓޭޝަނަކުން ވެސް ހާމަކޮށްފައެއް ނެތްތާގައި ރަސްމީ އެއްވެސް ފަރާތަކުން އަންގާފައިވެސް ނެތް ވާހަކަ." ޑރ. ފަރަހަނާޒު ފައިސަލު ވިދާޅުވެފައިވެއެވެ. ދިވެހިރާއްޖެއާއި އިގިރޭސިވިލާތުގެ ގުޅުން ރަގަޅުކަމަށް ޑރ. ފަރަހަނާޒު ވިދާޅުވެއެވެ.
ދިވެހި ގައުމީ ޕާޓީން އިގިރޭސި ވިލާތުގެ ދަތުރަށް ފަހު ބޭއްވި ނޫސް ކޮންފަރެންސްގައި ވަރަށް ގިނަ ފަހަރު އިގިރޭސި ވިލާތުގެ ޕާލަމެންޓްގެ ބޭފުޅުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރިކަމަށް ވިދާޅުވެފައި ވެއެވެ. އެކަމަކު އެއިގެތެރެއިން އެއްވެސް ފަހަރަކު ބައްދަލުވުން ބޭއްވުނު ތަނަކާއި ބައްދަލުކުރެއްވި ބޭފުޅުންގެ ނަން ހާމަކޮށްފައެއް ނުވެއެވެ. އަދި އެޚަބަރު ގެނެސްދީފައިވާ އެޕާޓީގެ ވެބްސައިޓާއި އެހެން ނޫހެއް ގައި ވެސް އެފަދަ ބައްދަލުވުމެއްގެ ފޮޓޯ ޝާއިއުކޮށްފައި ވެސް ނުވެއެވެ.
ޑރ. ހަސަން ސައީދުމެންގެ ދަތުރުގެ ކުރިން ޖުލައި 15ގައި ޔޫކޭ ގެ ފޮރިން މިނިސްޓަރު ބާރޓް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިގެން އުޅޭ ކުރިމަތިލުން ތަކާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. ބާރޓް ވަނީ ވާހަކަ ދައްކައިގެން މަސްސަލަތައް ހައްލުކުރުމަށް ސިޔާސީ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް ރިފޯމަށް ވަރަށް ބޮޑަށް ތާއިދު ކުރާ ކަމަށާއި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކަށް މަރުހަބާ ކިޔާކަމަށް ވެސް ހާމަކޮށްފައި ވެއެވެ.