mikwlc swaiTunc hOdW / aeDcvWncsc sWrCc

 
- މުހައްމަދު ޝިހާބް / 29-07-2010


ރޭ ޓީވީ މޯލްޑިވްސްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ފަނޑިޔާރުން ދާއިމީ ކުރުމާއި ބެހޭ ގޮތުން ޖުޑިޝަލް ސާވިސް ކަމިޝަނުގެ ނިންމުންތައް ދިފާއުކުރައްވައި ޑރ. އަފުރާޝީމު އަލީ ވާހަކަ ދައްކަމުން ދަނިކޮށް ރައްޔިތުންގެ ބަޔަކު ވަނީ ޓީވީއެމް ދޮށަށް އެއްވެ އެނިންމުން ތަކާއި އަދި ޑރ އަފުރާޝީމުގެ ވާހަކަތަކާ ދެކޮޅަށް އަޑު އުފުލާފައެވެ.

ޖުޑިޝަލް ސާވިސް ކަމިޝަނުގައި ރައްޔިތުންގެ މަޖުލިސް ތަމްސީލުކުރައްވާ ރ.އުގޫފާރު ދާއިރާގެ މެމްބަރު  ވިދާޅުވަމުން ގެންދެވީ އެއީ ގާނޫނު އަސާސީން އެކޮމިޝަނަށް ކުރުން ލާޒިމުވެގެން ކުރާ ކަމެއްކަމުގައެވެ. ހަމަ އެޕްރޮގުރާމުގައި ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު އިބުރާހިމް އިސްމާއީލު (އިބުރާ) ހާމަކުރަމުން ދިޔައީ އެއީ ކަނޑައެޅިގެން ގާނޫނު އަސާސިއާ ޚިލާފަށް އެކޮމިޝަނުން ކުރާ ކަމެއް ކަމުގައެވެ. އެގޮތުން ބަލާއިރު ކަނޑައެޅިގެން ގާނޫނު އަސާސީގައި ބަޔާންވެފައި ވަނީ ރައްޔިތުންގެ މަޖުލީހުން ހެދޭ ގާނޫނެއްގެ ދަށުންނޭ ފަޑިޔާރުން ދާއިމީ ކުރުމާއި އައްޔަން ކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ، އިބުރާ ވިދާޅުވިއެވެ. ގިނަ ގާނޫނީ ވަކީލުން ވެސް ބުރަވަނީ ގާނޫނެއް ނެހެދެނީސް ފަނޑިޔާރުން ދާއިމީ ކުރަން އުޅުމަކީ ގާނޫނީ އިމުން ބޭރުން ކުރެވޭ ކަމެއް ކަމަށާއި އެއިގެ ސަބަބުން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއަށް އާއްމުންގެ އިތުބާރު ގެއްލި، ގައުމަށް ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވާނެ ކަމެއްކަމުގައެވެ.

ރޭގެ ޕްރޮގުރާމު ނިމުނުއިރު ޓީވިމޯލްޑިވްސް ކައިރީގައި އަފުރާޝީމު "ދަންޖެއްސުމަށް" ވެސް ރުޅިއައިސްފައިވާ ބައެއް މީހުން ގޮވަމުން ދިޔައެވެ. 'ރަޔަޓް ގިއަރ'ގައި ތިބި ފުލުހުން ނުކުމެގެން ވެސް މީހުން މައިތިރި ކުރެވުނީ "ޕެޕަރ ސްޕްރޭ" ޖަހައިގެން ކަމަށް އެތަނަށް ދިޔަމީހަކު ބުންޏެވެ. ދެގަޑިއެއްހާއިރު އާއްމުން މައިތިރު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން ދިޔައިރު އެއްވެ ތިބި މީހުންނަށް ނޭގޭފަދަ ގޮތަކަށް އަފުރާޝީމު ފުލުހުންގެ ހިމާޔަތުގައި ދިޔައީ 'ވަލު ދޮރޯށިން' ކަމަށް ބައެއް މީހުން ބުނެއެވެ. ރޭ ދަންވަރު 12 ޖެހިއިރުވެސް ފުލުހުން އެހިސާބުގަޑު މަގު ބަންދުކޮށްގެން ތިބިއިރު އަފުރާޝީމާއި ދެކޮޅަށް ނުކުތް މީހުން އޭނާ ނިކުންނާނެ ވަގުތަކަށް ބަލަބަލައި ތިއްބެވެ.

ޖުޑިޝަލް ސާވިސް ކަމިޝަނުން "ތެޅި ފޮޅިގަނެގެން" ފަނޑިޔާރުން ދާއިމީ ކުރަން ތަފާތު ބައްދަލުވުންތައް ބާއްވަމުން ދާއިރު އެކޮމިޝަނަށް އާމުން ހުށަހަޅާފައިވާ 70 އަށް ވުރެ ގިނަ މައްސަލަ ނުބެލި ހުރިކަމަށާއި މިހާތަނަށް ނިމިފައިވާ ހަމައެކަނި ދެމައްސަލައަކީ ވެސް ކޯޓުން އެމައްސަލަތައް ނިންމުމުން މައްސަލަ ހުށަހެޅި ފަރާތުން އެދުމުން ދޫކޮށްލެވިފައި ވާ ދެމައްސަލަ ކަމަށް އެކޮމިޝަނަނަށް އާއްމުންގެ ތެރެއިން އައްޔަން ކޮށްފައިވާ ޝުއައިބު ރޭގެ ޕްރޮގުރާމުގައި ވިދާޅުވިއެވެ. މިހާރު ކޯޓްތަކުގައި ވާ 190އަށް ވުރެ ގިނަ ގާޒީންގެ ތެރެއިން 160 ގާޒީން ވަނީ ދާއިމީ ކުރެވިފައިކަމަށް އެކޮމިޝަނުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އަދި 37 ގާޒީންނެއް ގޮތެއް ނުނިމި އެބަތިބި ކަމަށް ވެއެވެ. އެއީ އެކިއެކި ކުށުގެ ރެކޯޑް ހުރި ގާޒީން ކަމަށް ވެއެވެ. އޭގެތެރޭގައި ޖިނާއީ ކޯޓްގެ އިސް ގާޒީ އާއި ކުއްލިޔާގެ ކޯހެއްގައި، ގާޒީކަމުގައި ހުރެ ކިޔަވަމުން، ދަނިކޮށް އިމްތިހާނެއްގައި ކޮޕީކުރި މައްސަލައެއް ހިމެނޭ ގާޒީ އަކާއި ހުޅުމާލޭ ވިނަފަށުގައި އަންހެނަކާ ބަދުއަޚުލާއީ އަމަލެއް ހިންގަމުން ދަނިކޮށް ފުލުހުން 'ރެޑް ހޭންޑް ކޮށް" ނެގި ގާޒީއަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މިހުރިހާ ގާޒީން އުމުރަށް ( އުމުރުން 70 އަހަރު ވަންދެން) ވަޒީފާއަށް ދާއިމީ ކުރުމަށް ޖޭއެސްސީން ވިސްނުން ގެންގުޅުއްވާކަމަށް ވެސް ރޭގެ ޕްރޮގުރާމުގައި ޝުއައިބު ވިދާޅުވި އިރު އަފުރާޝީމު އެއާ ދެކޮޅެއް ނަހައްދަވައެވެ. އިބުރާ ވިދާޅު ވިގޮތުން އެވިސްނެވުމަކީ އައު ގާނޫނު އަސާސީގެ ތަސައްވުރާ މުޅިން ޚިލާފު ރާއްޖޭގެ ޖުޑިޝަރީ 30 އަހަރަށް  "ތަޅު ލެއްވުމެއް" ކަމަށެވެ. ގާނޫނު އަސާސީގައި ވެސް ފަޑިޔާރުންގެ ގާނޫނު ހެދެންދެން މިހާރު ވަޒީފާގައި ތިބި ފަޑިޔާރުންގެ މަގާމު ދެމިއޮންނާނެ ކަމަށް ކަނޑައެޅިފައިވާ މާއްދާ އިބުރާ ވިދާޅުވެ ދެއްވިވެއެވެ. އަދި ހަމައެއާއި އެކު ފެންވަރު ރަގަޅު ގާޒީންނަށް ފުރުސަތު ދިނުމަށާއި މިހާރު ތިބި ފަޑިޔާރުން ބާކީކޮށް ނުލުމުގެ މަގުސަދުގައި 15 އަހަރު 3 ބުރަކަށް ބަހާލައިގެން ވަޒީފާގައި ތިބެގެން ފެންވަރު މަތިކުރުމަށް ފުރުސަތުދީ، އެގޮތުން ކުރަޔަށް ދާ ފަނޑިޔާރުން ދާއިމީ ކުރުމަށް ގާނޫނު އަސާސިގައި ބަޔާންވެފައި ވާ މާއްދާ ވެސް އިބުރާ ކިޔައި ދިނެވެ.

މިއާ ޚިލާފަށް އަފުރާޝީމުގެ ވެސް އަދި ކޮމިޝަނުގެ މެޖޯރިޓީ ގެ ވިސްނުން ހުރީ ޖުލައި 7 ގެ ކުރިން ފަޑިޔާރުން ދާއިމީ ކުރުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވާހިދު ގާނޫނަކުން އަދި ގާނޫނު އަސާސީން ވެސް އެފަދަކަމެއް ކުރުން އެކޮމިޝަނަށް މަނާ ނުކުރާހާ ހިނދަކު އެކަން ފަނޑިޔާރުން "އުމުރަށް" ދާއިމީ ކުރާ ގޮތަށް ކަމަށް ވެއެވެ. މިހާރު ތިބި ގިނަ ފަނޑިޔާރުންނަކީ ކޮންމެވެސް ނުފޫޒަކުން ނޫނީ އެހެން ގޮތަކުން ވަޒީފާ ލިބި އެވަޒީފާގައި ތިބެގެން ނުވަމަސް ދުވަހުގެ ކުރު ތަމްރީނެއް ލިބި ދިވެހި ބަސް ފިޔަވައި އިތުރު ބަހެއް އެގޭ ބައެއް ނޫންކަމަށް ފާޑު ކިޔާ ފަރާތްތަކުން ހާމަކުރެއެވެ. ވީއިރު އެފަދަ ފަނޑިޔާރުން ތަކެއް އުމުރަށް ދާއިމީ ކުރިމަކީ ގައުމުގެ މުސްތަގުބަލަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.

ޖޭއެސްސީ ގެ މިއަމަލަކީ  އަމިއްލަ މަސްލަހަތު އެކުލެވޭ ކަމެއް ކަމަށާއި މިހާރު ފަޑިޔާރުކަމުގައި ތިބި ވަކިބައެއްގެ މަސްލަހަތު އިސްކޮށް މުޅި ދިވެހި ރައްޔިތުން ގެ މަސްލަހަތު ނަގައިލަނީކަމަށް ކަމަށް އިޝާރާތްކޮށް އެހެން ނެހެއްދެވުމަށް އަފުރާޝީމު ގާތުން އިބުރާ ރޭގެ ލައިވު ޕްރޮގުރާމުގައި އެދުނެވެ.

އިއްޔެ ބޭއްވުނު ޖޭއެސްސީ ގެބައްދަލުވުމުގައި ޖިނާއީ ހުކުމެއް 8002ގައި ކޮށްފައިވާ ގާޒީއަކުވެސް ދާއިމީ ކުރުމަށް ނިންމުމުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ރައީސްގެ މެމްބަރު ވެލެޒިނީ ވަނީ ޖަލްސާއިން ބޭރަށް ނިކުމެފައި ވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިހާރު ކަންތައް މިދާގޮތުން ރާއްޖޭގެ ޖުޑިޝަރީއާމެދު އާއްމުންގެ އިތުބާރު ކުޑަވެ ގައުމުގައި އިންވެސްޓް ކުރޭނެ ބޭރުގެ ފަރާތްތަކުން ޖެހިލުންވާނެކަމަސް ވިޔަފާރީގެ ދާއިރާގައި އުޅުއްވާ ފަރާތްތަކުން ހާމަކުރެއެވެ.

libifwaivW hiyWlu
jumclw : 0 hiyWlu

tifwrWtuge nwnc :

hiyWlu :
aImeailc :



 



kiyuncterincge hiyWlutwkuge tereainc
mikwlc nUsc on Facebook